11 Dec 2022, 16:37
ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށް ގެންދިޔަ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންގެ ތެރެއިން އައްޑޫއިން ހައްޔަރުކުރި އެކަކު ހައިކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
މިދިޔަ މަހު ފުލުހުންނާއި ސިފައިން ހިންގި ޓެރެރިޒަމްގެ އޮޕަރޭޝަނެއްގައި 14 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.
އެ އޮޕަރޭޝަން ހިންގައިފައިވަނީ އައްޑޫ ސިޓީގެ އިތުރުން މާލެ އާއި ކ. ގުރައިދޫގައެވެ.
ހައިކޯޓުން މިއަދު މިނިވަން ކޮށްފައިވަނީ ޓެރަރިޒަމްގެ އެ އޮޕަރޭޝަންގައި ހައްޔަރުކޮށް، އައްޑޫ ސިޓީ މަރަދޫފޭދޫ ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރި މީހެކެވެ.
އޭނާ ބަންދުކުރުމަށް މަރަދޫފޭދޫ ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ ރިޕޯޓުގައި ހުރި ވާހަކަތަކަށް ބުރަދަނެއް ލިބޭ އިތުރު ހެއްކެއް ނެތް ކަމަށް ވެސް ހައިކޯޓުގެ އެ ހުކުމުގައިވެއެވެ.
ހަމައެއާއެކު، ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް މީހަކު ބަންދު ކުރެވޭނީ ގާނޫނުގައި ބުނާ ޝަރުތުތަކެއް ފުރިހަމަވުމާއެކު، އެއަށް ބާރު ދޭ އިތުރު ހެއްކާއި ގަރީނާ ހުރި ނަމަ އެކަންޏެވެ. އަދި މި މައްސަލާގައި އެކަންކަން ފުރިހަމަ ނުވާތީ އޭނާ ބަންދުކުރުން ގޯސް ކަމަށް ހައިކޯޓުގެ ނިންމުމުގައިވެއެވެ.
ހައިކޯޓުން އެގޮތަށް ހުކުމް ކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ހުކުމުގައި ވަނީ ދަށު ކޯޓުގެ އަމުރު ބާތިލް ކުރުމަށެވެ.
މިދިޔަ މަހު ހިންގި އެ އޮޕަރޭޝަނުން ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން، ޓެރަރިސްޓު ޖަމިއްޔާ އައިއެސްއާ ގުޅި ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއްދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނުކަން ހާމަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.