11 Dec 2022, 18:24
އަލަށް އަމަލުކުރަން ފަށާ ހެއްކާބެހޭ ގާނޫނަށް ޕްރޮސިކިއުޓަރުންނާއި އިންވެސްޓިގޭޓަރުން ތަމްރީނު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން ޕްރޮގްރާމެއް ފަށައިފިއެވެ.
ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާބެހޭ ބިލު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގު ކުރައްވާފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ. އެ ބިލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާއިރު ހުރިހާ ޕްރޮސިކިއުޓަރުން އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ބިިލުގެ 136 ވަނަ މާއްދާގައި ވަނީ ނޫސްވެރިން ޚަބަރު ލިޔުމަށް މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަންޖެހޭ ހާލަތްތައް ބަޔާން ކޮށްފައެވެ.
އެ މާއްދާގެ (ހ) ގައިވާގޮތުން ނޫޫސްވެރިއެއްގެ ހައިސިއްޔަތުން އެ ނޫސްވެރިޔަކަށް އެއްވެސް ފަރާތަކުން މަޢުލޫމާތެއް ދީފައިވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވަޢުދެއް ނުވަތަ ދީފައިވާ ޔަޤީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ އެ މަޢުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެ ފަރާތެއް ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީ އަކަށް ވެދާނެ އެއްވެސް މަޢުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެންނުވާނެއެވެ.

ޕްރޮސިކިއުޓަރުންނާއި އިންވެސްޓިގޭޓަރުން ތަމްރީނު ކުރުމަށް ބޭއްވި ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ/ ޕީޖީ އޮފީސް
ބިލުގައި އެހެން އޮތް ނަމަވެސް ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދަޢުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ޙާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީޢަތުން އަމުރުކުރެވިދާނެ ކަމަށް އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވެއެވެ.
އެ އިސްލާހު ހުށަހެޅީ ނޫސްވެރިންގެ މަސްދަރު ހާމަކުރެވޭނެ އިސްތިސްނާ ޙާލަތެއް ކަނޑައަޅާފައިވާ އެ މާއްދާއާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް އެމްޖޭއޭ އާއި އެމްއެމްސީން ބޭއްވި ބައްދަލުވުމުގައި ކޮމިޓީއާ ހިއްސާކުރުމުން އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މިނިވަން ދިމިގްރާތީ
މުޖުތަމައުތަކުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް ކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.
އެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވާއިރު ބިލާ ގުޅިގެން ނޫސްވެރިންގެ އިތުރު ކަންބޮޑުވުން ހުރުމާއެކު އެ ގާނޫނަށް އިތުރު އިސްލާހެއް މަޖިލީހުން ވަނީ ހުށަހަޅާފައެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އެ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.