އައްޑޫ ސިޓީގެ ރަށެއްގައި 11 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށްފިއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ، އައްޑޫގެ ރަށަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

"އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި ކުޑަ ކުއްޖެއް ޝާމިލްވާތީ ކުއްޖާގެ އަބުރު ރައްކާތެރިކުރުމުގެ ގޮތުން އެ ކުއްޖާގެ ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.