09 Apr 2012, 18:05
މީހަކު މަރާލި ކަމުގެ ކުށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެމީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަން ގާނޫނަށް އިސްލާހު ގެނައުމަށް އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް މިއަދު ހުށަހެޅި އިސްލާހަކީ މީގެ ކުރިން ވެސް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފައިވާ އިސްލާހެވެ. އެއީ މާއާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް ހުށަހެޅި އިސްލާހެކެވެ.
ދެހާސް ދިހަ ވަނަ އަހަރު ފާސްކޮށްފައިވާ އަބަދު ދިނުމާއި އަދަބު ލުއިކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މީހަކު މަރަން ހުކުމް ކޮށްފި ހިނދެއްގައި ނުވަތަ ދަށު ކޯޓުން ނުވަތަ ހައިކޯޓުން މީހެއްގެ މައްޗަށް ކަނޑައަޅާ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި ހިނދެއްގައި ތަންފީޒް ކުރަންވާނެ ކަމަށެވެ.
ގާނޫނުގައި މިހާރު ބުނަނީ "ސުޕްރީމް ކޯޓުން މީހެއްގެ މައްޗަށް ހުކުމް ކަނޑައަޅައިފި ހިނދެއްގައި ނުވަތަ ދަށު ކޯޓުން ނުވަތަ ހައިކޯޓުން ، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި ހިނދެއްގައި އެހުކުމް ނިސްބަތްވާ މީހަކު ހުރި ހާލަތަށާއި ކަމާއި ގުޅޭ އުސޫލުތަކަށާއި ދައުލަތުގެ ހަމަތަކަށާއި އިންސާނީ މަސްލަހަތަށް އެނާގެ ހުކުމް އުމުރުދުވަހު ޖަލުގައި ބަންދުކުރުމުގެ އިހްތިޔާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވެ އެވެ. އެހެންނަމަވެސް އެ ބަދަލު ގެންނަ ހުކުމަކީ މި ގަނޫނުގެ އެއްވެސް މާއްދާއެއްގެ ދަށުން މާއާފް ދެވިގެންދާނެ ހުކްމެއް ނޫނެވެ."
ޕީޕީއެމް އޮފީހުގައި މަހްލޫފް ވިދާޅުވީ އަލުން އިސްލާހެއް ހުށަހެޅީ މީހުން މެރުމާއި ތޫނު އެއްޗެއްހިން ހަމަލާދީ މީހުންނަށް ބޮޑެތި ގެއްލުންތައް އާންމުވަންދާތީ މިކަން ހައްލުކުރެވޭނީ މި ގޮތުން ކަމަށް ގަބޫލު ކުރެއްވޭތީ އާއި އެއީ ދީނުގައި ވެސް އެކަން އޮތް ގޮތްކަމަށް ވާތީ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ބޭނުންވަނީ ސީދާ މީހުން މަރާ މީހުންގެ އަދަބަކީ މަރު ކަމަށް ކަނޑައަޅަން. އެއީ އަޅުގަނޑުމެން ތެރެއިން ނޫނީ ބޭރުގެ ކޮންމެވެސް މީހަކުވެސް އައިސް ވަރަށް ފަސޭހައިން ބުނެލާނެ މީހުން މެރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނޭ. ބުނާއިރު އެމެރިކާގައި ވެސް ވަރަށް ގިނަ ސްޓޭޓް ތަކުގައި ވެސް މީހުން [މާރާމީހުންގެ އަދަބަކަށް މީހުން] މަރާ. އިނގިރޭސި ވިލާތުގައި ވެސް [މީހުން މަރާމީހުންގެ އަދަބަކަށް މީހުން] މަރާ، ސިންގަޕޫރްގައި ވެސް. އަޅުގަނޑުމެންނަކީ 100 ޕަސެންޓް މުސްލިމުން ގައުމަކަށްވީއިރު ދީނީ ރޮނގަކުން ބަލާއިރު ވެސް މަރަށް މަރުކަން އަޅުގަނޑުމެނަށް އެބަ އޮތް އެނގެން." މަހްލޫފް ވިދާޅުވި އެވެ.
އަދި ޝަރުއީ ދާއިރާއާ މެދު ޔަގީންކަން ނެތިގެން އަދި މާހައުލާއި ނުގުޅޭ ކަމަކަށްވެގެން މަރަށް މަރު ހިފުމުގެ އިސްލާހަށް ބަދަލު ގެނައުމަށް އިންކާރު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
"މިސާލަކަށް ފަނޑިޔާރަކު ގޯސްކޮށް ކަނޑައެޅިގެން މީހަކު މަރަން ހުކުމް ކޮށްފިނަމަ އެއީ އެމީހަކާއި ﷲ ދޭތެރޭ އޮތް ކަމެއް ދެއްތޯ. އަޅުގަނޑުމެނެއް ނޫނެއްނޫންތޯ ކަންބޮޑުވާނީ. އެހެންވީމަ ފަނޑިޔާރާއި ދޭތެރޭ އިތުބާރު ނެތިގެންނޭ މީހަކު ރިޝްވަތު ނަގައިގެން މީހަކު މަރަން ހުކުމް ކޮށްފާނެތީ އެއާއި ދޭތެރޭ އަޅުގަނޑުމެން ވިސްނަންވެއްޖެއްޔާ ދުވަހަކު ވެސް މިކަމެއް ނުނިމޭނެ،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަރަށް މަރު ހިފުމުމާއިބެހޭ އިސްލާހު ހުށަހެޅީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ މެންބަރުނާއި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށާއި އެހެން ޕާޓީތަކުން ވެސް މި އިސްލާހަށް ތާއީދު ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި އާންމުވަމުންދާ މާރާމާރީ އާއި އެފަދަ ކުށްތައް މަދު ކުރުމަށް މަޖިލީހަށް ހުށެހެޅުމަށް ބިލެއް ޑްރާފްޓް ކުރަމުން އަންނަ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.