މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގދ. ފަރެސްމާތޮޑާއަށް ވަޑައިގެންފިއެވެ.

ރައީސް އެ ދަތުރުފުޅުގައި މި އަހަރު ފާހަގަކުރާ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފަރެސްމާތޮޑާގައި ކުރިއަށްދާ އެކިއެކި ހަރަކާތްތައް ބައްލަވައިލައްވާނެއެވެ.

އެގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއް ވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެއެވެ.

ހަމައެއާއެކު މި ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ފަރެސްމާތޮޑާ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ އެ ދަތުރުފުޅުގައި މަސްވެރިންނާ ވެސް ބައްދަލު ކުރައްވާނެއެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވަނީ ރައީސްއެވެ.

އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ.