11 Dec 2022, 11:18
ރާއްޖޭގެ ރީޓެއިލް މާކެޓްގައި އެންމެ ދުވަސްވީ އެއް ބްރޭންޑް ކަމަށްވާ، "އަގޯރާ" ގެ ފިހާރަތައް، މަޝްހޫރު ވިޔަފާރި ކުންފުނި، ރެޑްވޭވުން ގަނެފިއެވެ.
ބްރައިޓް ބްރަދާސްއިން އަގޯރާގެ ފުރަތަމަ ފިހާރަ ހުޅުވީ 2005 ވަނަ އަހަރު މަޖީދީމަގުގައެވެ. ދެ ފަންގިފިލާއިން ވެސް ފުރިހަމަ ޚިދުމަތްތަކެއް ދެމުން ދިޔަ ބޮޑު ފިހާރައެއްގެ ގޮތުގައެވެ.
އަގޯރާގެ ތަސްވީރު ބަދަލުވާ ހިސާބަކީ ރާއްޖޭގެ ރީޓެއިލް ފިހާރަތަކުގެ ބޮޑު ޗެއިން އެއް ހިންގަމުން އަންނަ ރެޑްވޭވްއިން އަގޯރާގެ ރީޓެއިލް ފިހާރަތައް ގަތުމަށް ނިންމުމުންނެވެ. ރެޑްވޭވްގެ އޮފިޝަލަކު މިކަން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

އަގޯރާގެ ފިހާރައެއް ހުސްކުރާ ސޭލްގައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
މައުލޫމާތު ލިބިފައިވާގޮތުގައި އަގޯރާގެ ފިހާރަތައް ރެޑްވޭވް އަށް ވިއްކާލުމަށް އަގޯރާ ފިހާރަތަކުގެ މައި ކުންފުނި، ބްރައިޓް ބްރަދާސްއިން ވަނީ ނިންމައިފައެވެ. ނަމަވެސް އެ ކުންފުނިން އަދި ރަސްމީ ގޮތުން އެކަން ހާމަކޮށްފައެއް ނުވެއެވެ.
އަގޯރާގެ ތިން ފިހާރައިގައިވެސް މިހާރު ހިންގަމުން އަންނަނީ ހުސްކުރާ ސޭލެވެ.
އެ ފިހާރައިގެ އައުޓްލެޓްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފިހާރައަކީ ސޯސަންމަގުގެ ހ. މިއަލަނި ގޭގައި ހުންނަ ސުޕަ މާޓެވެ.
އަގޯރާ އަކީ ރާއްޖޭގެ ރީޓެއިލް ވިޔަފާރީގެ ތާރީޚުގައި އެންމެ ބޮޑު އެއް ވިޔަފާރިއޭ ނުބުނެވޭނެ ސަބަބެއް ނެތެވެ. މިހާތަނަށް އަގޯރާގެ ތިން ފިހާރައެއް މާލޭގެ ތިން ސަރަހެއްދެއްގައި އެކުންފުނިން އައީ ހިންގަމުންނެވެ. އެއީ އެންމެ ފުރަތަމަ ވުޖޫދަށް އައި މަޖީދީމަގުގައި ހުންނަ ފިހާރަ، ސޯސަންމަގުގައި ހުންނަ ފިހާރަ އަދި ޗާންދަނީމަގުގައި ހުންނަ ފިހާރައެވެ.