ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑު ބަލިކޮށް، ޑިފެންޑިންގް ޗެމްޕިއަން ފްރާންސްއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމުގައި ކުޅުނު މިމެޗު ފްރާންސްއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށް ގިނަ ހަމަލާތަކެއް އުފެއްދީ އިންގްލެންޑުންނެވެ.

އެހެންނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފީ ފްރާންސްއިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ފްރާންސްއިންނެވެ. އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. އެގޮތުން 17 ވަނަ މިނެޓުގައި، އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮރެލިއަން ޗުއެމެނީއެވެ.

ލީޑުގައި އޮވެގެން ފްރާންސްއިން ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އިންގްލެންޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭރިއާ ތެރެއިން ޖޫޑް ބެލިންގްހަމްއަށް ޗުއެމެނީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ހަމަހަމަ ނަތީޖާއެއްގައި ދެ ޓީމު ކުޅެމުން ދަނިކޮށް ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދީ މެޗުން އެޓީމު މޮޅު ކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮލިވިއާ ޖިރޫއެވެ. މި ލަނޑާއެކު ޖިރޫ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު ގާއިމްކޮށްފައެވެ. މި މެޗަށް ނުކުތްއިރު ޖިރޫއާއި ތިއެރީ އޮންރީ ވަނީ ލަނޑުގެ ގޮތުން ހަމަހަމަ ވެފައެވެ. އެއީ 51 ލަނޑު ޖަހައިގެންނެވެ. މި ލަނޑާއެކު ޖިރޫ ވަނީ ގައުމީ ޖާޒީގައި 52 ލަނޑު ހަމަކޮށްފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އިންގްލެންޑަށް ވަނީ ރަނުގެ ފުރުސަތެއް ލިބިފައެވެ. އޭރިއާ ތެރެއިން މޭސަން މައުންޓަށް ފްރާންސްގެ ތިއޯ ހެނާންޑޭޒް ކުރި ފައުލަކާއި ގުޅިގެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނުއިރު، މިފަހަރު ހެރީ ކޭން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ހެރީ ކޭންގެ ޕެނަލްޓީ ނާކާމިޔާބުވެ އިންގްލެންޑަށް މިފަހަރުގެ ވޯލްޑް ކަޕާއި އަލްވަދާއުކިޔަން ޖެހުނުއިރު ސެމީ ފައިނަލުގައި ފްރާންސް ނުކުންނާނީ ޕޯޗުގަލް އަތުން މޮޅުވި މޮރޮކޯއާ ދެކޮޅަށެވެ.