09 Apr 2012, 17:53
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ސާކްގެ އާ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަލީމާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މިދިޔަ އަހަރު ރާއްޖޭގައި ބޭއްވުނު ސާކް ސަމިޓްގައި ނިންމުނު ކަންކަން ތަންފީޒުކުރުމަށް ކުރެވެންހުރި ކަންކަމާއި މިކަންތައް އަވަސްކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ސަލީމް ދެއްކެވި ވާހަކަފުޅުގައި ސާކް ސެކްރެޓޭރިއޭޓް މިހާރަށްވުރެ ހަރުދަނާކުރެއްވުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ އެއްކަންތައް ކަމުގައި ވިދާޅުވި އެވެ. މިގޮތުން ސާކާއި ސާކްގެ ސެކްރެޓޭރިއަޓްގެ މަސައްކަތް ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ މައުލޫމާތުވެސް އެމަނިކުފާނު ރައީސްއަށް އެރުއްވި އެވެ.
އެޗްއާރުސީއެމްގެ ރައީސް ކަން ވެސް ކުރައްވާފައިވާ ސަލީމްގެ ވާހަކަފުޅުގައި ސާކްގެ ކަންކަމަށް ސަރުކާރުންދޭ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ. އަދި، ސާކަކީ ވަރަށް ބޮޑު ކުރިމަގެއް އޮތް ޖަމްއިއްޔާއެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި ހާއްސަކޮށް ސާކަކީ ވިޔަފާރީގެ ދާއިރާގައި ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތު އޮތް ޖަމްއިއްޔާއެއް ކަމުގައިވެސް އަހުމަދު ސަލީމް ވިދާޅުވި އެވެ.