11 Dec 2022, 10:01
ފިލްމީ ކެރިއަރުގައި 20 އަހަރު ހޭދަކޮށްފައިވާއިރު ފިލްމު ކުޅެގެން އެކްޓަރަކަށް ލިބޭ މުސާރައާ އެއްވަރުގެ މުސާރައެއް ޙަޔާތުގައި ލިބުނީ އެންމެ ފަހަރަކުކަމަށް ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ބުނެފިއެވެ.
ޕްރިޔަންކާ މި މޭރުމުން ވާހަކަ ދައްކާފައިވަނީ، އިނގިރޭސި ވިލާތުގެ ޓީވީ ޗެނަލް ބީބީސީއަށް ދިން ޚާއްޞަ އިންޓަވިއުއެއްގައެވެ. މިއަހަރުގެ ބީބީސީ 100 ވިމެންގެ ތެރޭގައި ވެސް ހިމެނޭ ބަތަލާ ބުނެފައިވަނީ މިހާތަނަށް 60 އަށްވުރެ ގިނަ ބޮލީވުޑް ފިލްމުގައި މަސައްކަތް ކޮށްފައިވާއިރު މިއަދާ ހަމައަށް ވެސް ބޮލީވުޑުގެ ފިލްމުތަކުން ލިބޭ އާމްދަނީއަކީ އެކްޓަރުންގެ މުސާރައިގެ 10 ޕަސެންޓް ކަމަށެވެ.
ފިލްމީ ކެރިއަރުގައި ފުރަތަމަ ފަހަރަށް އެކްޓަރަކަށް ލިބޭ މުސާރައާ އެއްހަމައެއްގެ މުސާރައެއް ލިބިފައި ވަނީ ދާދިފަހުން މަސައްކަތް ނިންމާލި ހޮލީވުޑްގެ ވެބް ސީރީސް "ސިޓަޑެލް"އިން ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.
މިކަމާއިގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައި ވަނީ މިހާރު ވެސް ބޮލީވުޑްގެ ބަތަލާއިންނަށް މުސާރައިގެގޮތުގައި ލިބޭ އާމްދަނީއަށް ބަދަލެއް ނާންނަކަމަށެވެ. ދިހަ ޕަސެންޓަކީ ލިބޭ އާމްދަނީއާ ބަލާފަ ބޮޑު ޢަދަދެއް ކަމަށް ވިޔަސް، ފިރިހެން ތަރިންނެކޭ އެއްވަރަށް އަންހެން ތަރިން ވެސް އެއް މަސައްކަތެއް ކުރާއިރު މަސައްކަތް އަގުކުރުމުގައި ގެންގުޅޭ ތަފާތުކުރުން ބަލައިނުގަނެވޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޕްރިޔަންކާއާއެކު ފިލްމީ ކެރިއަރު ފެށި ގިނަ ބަތަލާއިން މިކަމާއިގުޅޭގޮތުން މިހާރު ވެސް ޝަކުވާ ކުރާ ކަމަށާއި އެހެންނަމަވެސް މިއަދާ ހަމައަށް ވެސް އެކަމަކަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ޕްރިޔާންކާ ވަނީ ބުނެފައެވެ. ބައެއް އެކްޓަރުން ފިލްމީ ސެޓުތަކުގައި އެހާ ގިނަ ވަގުތު ހޭދަ ނުކުރާ ކަމަށާއި އެކްޓްރެސްއިން ގިނަ ވަގުތު ފިލްމު ސެޓުގައި ހޭދަކުރާ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ފަހު ޕްރިޔަންކާގެ ދިރިއުޅުން ބަދަލުކޮށްފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސްއަށެވެ. ހަމައެއާއެކު ބޮލީވުޑް ފިލްމުތަކުން ފުރުޞަތު ހޯދުމުގެ ބަދަލުގައި ޕްރިޔަންކާ އަމާޒުހުރީ ވެސް ހޮލީވުޑްގެ ފިލްމީ މަސައްކަތްތަކާ ދިމާލަށެވެ. ދާދި ފަހުން އަމިއްލަ ހެއަކެއާ ބްރޭންޑް އެނޯމަލީ އިންޑިއާގައި މާކެޓްކުރުމަށް ޕްރިޔަންކާ ވަނީ މުމްބާއީގައި ދުވަސްތަކެއް ހޭދަކޮށްފައެވެ.
ބަތަލާ ބުނެފައިވަނީ ބޮލީވުޑްގެ ފިލްމީ ޕްރޮޖެކްޓްތައް ލިބޭ ވަރަކުން ގަޔާވާ ސްކްރިޕްޓެއްނަމަ އެ ފިލްމަކަށް ވަގުތު ހުސްކުރާނެ ކަމަށެވެ. މިހާރު ވެސް ހޮލީވުޑްގެ ދެ ފިލްމަކަށް ޕްރިޔަންކާ ވަނީ ސޮއިކޮށްފައެވެ. އެއީ "އެންޑިންގް ދަ ތިންގްސް ވިތް އެންތޮނީ މެކީ" އަދި ލަވަ ކިޔުންތެރިޔާ ސެލިން ޑިއޯންއާއެކު ކުޅޭ ފިލްމު "އިޓްސް އޯލް ކަމިންގް ބެކް ޓުމީ"އެވެ.
މީގެ އިތުރުން ބަތަލާ ސޮއިކޮށްފައިވާ ހަމައެކަނި ބޮލީވުޑް ފިލްމު "ޖީލޭ ޒަރާ"ވެސް ހިމެނެއެވެ. ފަރްޚާން އަޚްތަރުގެ މި ފިލްމުގައި ޕްރިޔަންކާގެ އިތުރުން ބަތަލާ ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ފެނިގެންދާނެއެވެ.