11 Dec 2022, 09:52
ރީތި ލޯބީގެ ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ސީކުއަލް "މެޓްރޯ އިން ދިނޯ"ގެ ޓީމާ ބަތަލާ ސާރާ ޢަލީ ޚާން އާއި ބަތަލު އަދިތްޔަ ރޯއި ކަޕޫރު ގުޅިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފަހަރުގެ ފިލްމުގެ ނަމަށް ވެސް ބަދަލު އައިސްފައިވާއިރު ފިލްމުގެ ޕްރޮޑިއުސަރަކީ ބޫޝަން ކުމާރްއެވެ. މި ފަހަރުގެ ސީކުއަލް ވެސް ޑައިރެކްޓް ކުރާނީ އަނޫރާގު ބާސޫއެވެ. މި ފިލްމަކީ، ފިލްމުގެ ވާހަކަ ގެނެސްދިން ގޮތުންނާއި ފިލްމުގެ ރީތި މިއުޒިކަށް ގިނަ ބައެއްގެ މަޤުބޫލުކަން ލިބުނު ފިލްމެކެވެ.
ރީތި މިއުޒިކް ތައްޔާރުކުރާ ލަވަކިޔުންތެރިޔާ ޕްރީތަމް އޭރު ފިލްމުގައި ގެނެސްދިން ރީތި ލަވަތަކެކޭ އެއްގޮތަށް މި ފަހަރުގެ ސީކުއަލްގެ މިއުޒިކް ވެސް ރީތިވާނެކަމުގެ ޔަޤީންކަން ޕްރީތަމް ވަނީ ދީފައެވެ.
ފިލްމުގެ ޓީމާ ސާރާ ޢަލީ ޚާން އަދި އަދިޔްތަ ގުޅިފައިވާއިރު ދެ ތަރިން ވެސް ފިލްމުގައި ކުޅޭނީ ކޮންކަހަލަ ރޯލްތަކެއްކަމެއް އަދި ހާމަނުކުރެއެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ފެނިގެންދާނެ އިތުރު ފިލްމީ ތަރިންގެތެރޭގައި، އަނޫޕަމް ޚޭރް، ނީނާ ގުޕްތާ، ޕަންކަޖް ތްރިޕާތީ، ކޮންކޮނާ ސެން ޝަރްމާ، ޢަލީ ފަޒަލް އަދި ފާތިމާ ސަނާ ޝެއިޚް ހިމެނެއެވެ.
މިފަހަރުގެ ސީކުއަލްއިން އާ ޙާދިސާތަކެއް ކިޔައިދޭއިރު މި ފަހަރުގެ ސްކްރިޕްޓް ތައްޔާރު ކޮށްފައި ވަނީ ޒަމާނީ ރަހަތަކާއެކު މިހާރުގެ ޖީލުތަކާ ގުޅޭގޮތަށެވެ. މި ފަހަރުގެ ފިލްމުގައި އަލަށް ގުޅުނު ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނެފައިވަނީ އަނޫރާގް ބާސޫ (ދާދާ)އާއެކު މަސައްކަތްކޮށްލުމަކީ، އަމިއްލަ ނަފުސަށް ލިބޭ އަގުހުރި ހަދިޔާއެއް ކަމަށެވެ.
އެތައް ބައެއްގެ ތަފާތު ދިރިއުޅުންތައް ރީތި ވާހަކައެއްގެ ސިފައިގައި ގެނެސްދިނުމުގެ ހުނަރަކީ އާދައިގެ ކަމެއް ނޫން ކަމަށާއި މި ފަހަރުގެ އޮޑި ދުއްވުމުގައި އަނޫރާގު ބާސޫއަށްވުރެ މޮޅަށް އެކަންކުރެވޭނެ އިތުރު އެހެން ފަރާތެއް ނުހުންނާނެކަމަށް ޓީ-ސީރީސްގެ އިސްވެރިޔާވަނީ ބުނެފައެވެ.
މިފިލްމަކީ، ސާރާ އާއި އަދިތްޔަ ރޯއި ކަޕޫރު އެކީގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރުވެސް މެއެވެ.