މިހާރު މަސައްކަތްކުރަމުންދާ ޑައިރެކްޓަރު ލަވް ރަންޖަންގެ ލޯބީގެ ފިލްމަކީ، ކެރިއަރުގެ އެންމެ ފަހު ލޯބީގެ ފިލްމަށްވުމުގެ ފުރުޞަތު ބޮޑުކަމަށް ފިލްމީ ތަރި ރަންބީރް ކަޕޫރު ބުނެފިއެވެ.

ރަންބީރް މިކަން ހާމަކޮށްފައިވަނީ ދާދިފަހުން ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ކުރިޔަށްދިޔަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ނޫސްވެރިންނާ ބައްދަލު ކުރުމަށްފަހު ގައެވެ. ބޮލީވުޑްގެ ގިނަ ފިރިހެން ތަރިން ޢުމުރުން ދުވަސްވިޔަސް ލޯބީގެ ފިލްމުތައް ކުޅުމަށް ޝައުޤުވެރިކަން ހުންނައިރު ރަންބީރު ދެކޭގޮތުގައި ލޯބީގެ ރޯލްތައް ކުޅޭވަރަށް ވުރެން އޭނާގެ ޢުމުރު މިހާރު މާ ދޮށްޓެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު 40 އަހަރު ފުރުނު ރަންބީރު މިހާރު މަސައްކަތްކުރަމުންދަނީ ބަތަލާ ޝްރަދާ ކަޕޫރު އަންހެން ލީޑްއިން ފެނިގެންދާ ލޯބީގެ ފިލްމެއްގައެވެ. މިފިލްމަށް އަދި ވަކި ނަމެއް ނުދެއެވެ.

ލޯބީގެ ފިލްމުތައް ކުޅުމާއި ދުރަށްދާ ޚިޔާލު ގެންގުޅޭކަމަށް ބުނަމުން ރަންބީރު ބުނެފައިވަނީ، 40 އަހަރު ފުރުމާއެކު ޢުމުރުން ދުވަސްވާކަމުގެ އިޙުސާސް މާބޮޑަށް ވެސް ކުރެވޭ ކަމަށެވެ. ޢުމުރުން ހަގު އިރު ބައްޕައަކަށް ނުވެވުނީ ކީއްވެކަމާމެދު މިހާރު އަމިއްލަ ނަފުސަށް ޝަކުވާކުރެވޭ ކަމަށް ވެސް ރަންބީރު ވަނީ ބުނެފައެވެ.

ނަވާވީސް އަހަރުގެ ބަތަލާ އާލިއާ ބަޓްއާ ކައިވެނިކޮށް ދާދިފަހުން ބައްޕައަކަށްވި އެކްޓަރު ބުނީ ދަރިފުޅު ބޮޑުވަމުން އަންނައިރު އެ ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށް އިސްކަންދޭކަމަށާއި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަކީ މިހާރު ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.

ބަތަލާ އާލިއާ ބަޓްއާއި ރަންބީރް ކަޕޫރު އެކީގައި ފެނިގެންދިޔަ ފުރަތަމަ ފިލްމު "ބްރައްމަސްތުރާ" ރިލީޒް ކޮށްފައިވަނީ މި އަހަރުއެވެ. ފިލްމަށް ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ލިބިގެންދިޔައިރު މިފިލްމުގެ ދެވަނަ ބައެއް އަންނަ އަހަރު ފެށުމަށް މިހާރުވަނީ ނިންމާފައެވެ.

ލަވް ރަންޖަންގެ ފިލްމުގެ އިތުރުން ރަންބީރް އަންނަނީ ކްރައިމް ތްރިލާއެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. ސައުތް ސިނަމާގެ ބަތަލާ ރަޝްމިކާ މަންޑަންއާއެކު ކުޅޭ މި ފިލްމަކީ، 2017 ވަނަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "އަރުޖުން ރެޑީ"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމެކެވެ. ރަންބީރްއާއި ރަޝްމިކާ ވަރަށް ތަފާތު ރޯލްތަކުން ފެންނަ މި ފިލްމުގެ ނަމަކީ، "އެނިމަލް"އެވެ.