ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމި ނަމަވެސް އެކަމަށް އާއިލާއިން ބޭނުން ނުވާކަމަށް އެ އާއިލާއިން ބުނެފިއެވެ.

މިރޭ "ސަން"އާ ވާހަކަދައްކަމުން ނިޝާމާގެ ބައްޕަ މުހައްމަދު ބުނީ، ޕޯސްޓްމޯޓަމް ހަދަން އޭނާ ނުރުހޭކަމަށެވެ.

"ބޭނުމެއް ނޫން ޕޯސްޓްމޯޓަމް ހަދަން މާލެ ގެނެސް އިންޑިއާއަށް ގެންދާކަށް. ކޯޓު މަރުހަލާއަަށް ދާން މިހާރު އެބަ ވާހަކަދެކެވޭ،" ނިޝާމާގެ ބައްޕަ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އެ މައްސަލައިގައި ތަހުގީގު ފުރިހަމަކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ކުރި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން އޭނާ ބޭނުންނުވާ ކަމަށެވެ.

"އަހަރެން އެކަނި ހުރިނަމަ މި ހިސާބުން މި މައްސަލަ ނިންމާލީމުސް. އެހެންނަމަވެސް އެހެން ދަރީން ތިބީމައި، އެ މީހުންނަށް މި ކަން ހަވާލުކޮށްފައި އޮންނާނީ،" ނިޝާމާގެ ބައްޕަ އިތުރަށް ބުންޏެވެ.

ނިޝާމާ، އޭނާގެ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ މިއަދު 14:15 ހާއިރެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ނިޝާމާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑު ނޮޅިވަރަމުން އެ އަތޮޅު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށާއި މާލެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބުނެފައެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން. އަދި ނިޝާމާ މުހައްމަދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގު ޓީމުން ވަނީ ނިންމާފަ،" ފުލުހުން ބުންޏެވެ.

ނިޝާމާގެ ހަށިގަނޑު މާލެ ގެންނަން ހަމަޖެހިފައިވަނީ މިރޭ ދަންވަރު 02:00 ހާއިރުކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ނިޝާމާ މަރާލި ކަމަށް ފައިސަލްގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ. އޭނާ މަސައްކަތް ކުރަނީ، ނޮޅިވަރަމް ފެނަކަ ބްރާންޗްގެ ޓެކްނީޝަނެއްގެ ވަޒީފާގައެވެ. ނިޝާމާގެ މަރަށް ފަހު އޭނާ ވަނީ ފިލައިގެން ކުޅުދުއްފުއްޓަށް ގޮސްފައެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ފަހުން ފައިސަލް ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގޮސް ހަވާލުވެފައެވެ.

"ސަން" އިން ނިޝާމާގެ އާއިލާގެ މެމްބަރަކަށް ގުޅާލުމުން ވެސް ބުނީ މަރާލި ކަމަށް ތުހުމަތު ކުރަނީ ފައިސަލްގެ މައްޗަށް ކަމަށެވެ.

ނިޝާމާ މަރާލީ ކީއްވެގެން ކަމެއް އަދި ޖެހުނީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެއެވެ.