11 Dec 2022, 00:06
ނިޝާމާ މުހައްމަދުގެ އާއިލާއަށް ހިތާމައަކަށް ފަހު ހިތާމައެކެވެ. އޭނާ ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވީ، މީގެ ފަސް އަހަރު ކުރިން އޭނާގެ ކޮއްކޮގެ މަރާއެކު އާއިލާއަށް ލިބުނު މޮޅިވެރިކަމުން އަރައިނުގަނެވެނީސްއެވެ.
ނޮޅިވަރަމް ކައުންސިލްގެ މެމްބަރު ނިޔާޝާ އަލީ މިރޭ "ސަން"އަށް ވިދާޅުވީ 2017 ވަނަ އަހަރު ވެސް ނިޝާމާ އާއި އޭނާގެ އާއިލާއަށް މިފަދަ ހިތާމަވެރި ހާދިސާއަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ނިޔާޝާ ވިދާޅުވީ، އެ އަހަރު ނިޝާމާގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ، އެން ދަމަން ފައިބައިގެން އުޅެނިކޮށް ފައިގައި ވާ އޮޅިގެން މަރުވެފައިވާ ކަމަށެވެ.
"މިމަހު ފަސް އަހަރު ވާނީ. އަދި ކިރިޔާ މައިންބަފައިންނަށް މަގުމައްޗަށް ނުކުމެލާ ހީލާ އެހެން އުޅެން އެ ފެށީ. އަނެއްކާ މިކަހަލަ ކަމެއް ދިމާވީމަ މަންމަމެންގެ ހާލު ފުދޭ ވަރަކަށް ދެރަކޮށް ފެންނަނީ،" ނިޔާޝާ ވިދާޅުވިއެވެ.
ނިޝާމާ، އޭނާގެ ގޭގެ ކޮޓަރީގައި މަރުވެފައި އޮއްވައި ފެނިގެން، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ މިއަދު 14:15 ހާއިރެވެ.
އެ މަރުކަޒުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، ނިޝާމާގެ ހަށިގަނޑު މިހާރު ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށާއި މާލެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި ނިޝާމާ މަރުވި ސަބަބު ހޯދަން ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނިޝާމާ މަރާލި ކަމަށް އޭނާގެ ފިރިމީހާ، އދ. ފެންފުށީ ރޯޒީ ވިލާ، އަބޫބަކުރު ފައިސަލްގެ މައްޗަށް ވަނީ ތުހުމަތުކުރެވިފައެވެ.
ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.
ނިޝާމާއާއި ފައިސަލް އިނދެގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު އެ ކައިވެންޏަށް ތިން ކުދިން ވަނީ ލިބިފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކުއްޖާއަށް ހަތް އަހަރު ފުރިފައިވާއިރު ދެވަނަ ކުއްޖާގެ އުމުރަކީ ހަތަރު އަހަރެއެވެ. އެންމެ ހަގު ކުއްޖާ ބޭބީ ނާސަރީގައި އުޅޭއިރު އެ ކުއްޖާގެ އުމުރަކީ ދެ އަހަރެވެ.
ނިޔާޝާ ވިދާޅުވީ ނިޝާމާގެ ތިން ކުދިން ވެސް މިވަގުތު ތިބީ އަންހެންމީހާގެ އާއިލާގެ ކައިރީގައި ކަމަށެވެ.
"އެ ކުއްޖާގެ މަންމަގެ ފަރާތުގައި އެ ކުދިން ބެލެހެއްޓޭ ވަރަށް އަންހެނުން އަދި ފިރިހެނުން ވެސް އެބަތިބި. އޭގެ ތެރެއިން އެންމެ ކުޑަކުއްޖާ މަންމަ ނެތިގެން މިއަދު ރުއި ކަމަށް މައުލޫމާތު ލިބޭ،" ނިޔާޝާ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީއިން ބުނީ އެ މިނިސްޓްރީގެ ސޯޝަލް ވޯކަރުން ނޮޅިވަރަމްގައި ހަރަކާތްތެރިވާ ކަމަށާއި ތިން ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.