09 Apr 2012, 17:50
ލ. އަތޮޅު ގައުމީ އިދާރާގައި ހުރި ބައެއް ތަކެތި ނެރެގެން ބަޔަކު ގެންދަން އުޅެނިކޮށް ހިފަހައްޓައިފި އެވެ.
ގަމު ކައުންސިލްގެ ރައީސް ހުސެއިން މޫސާ (މުކުރިމަގު ހުސައިންދީ) މިއަދު ވިދާޅުވީ ގައުމީ އިދާރާތައް އުވާލަން އިއުލާން ކުރުމާ ގުޅިގެން އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގައުމީ އިރާއިން ބައެއް ތަކެތި ގެންދަން މަސައްކަތްކޮށްފައިވަނީ ގައުމީ އިދާރާގެ މުވައްޒަފުންތަކެއް ބުނެގެން އެ އިދާރާ ހުޅުވަން ދިޔަ އަތޮޅު ކައުންސިލްގެ ތިން މުވައްޒަފަކު ކަމަށެވެ.
ހުސެއިން ވިދާޅުވީ ގައުމީ އިދާރާގައި ހުރި ކޮމްޕިއުޓަރު ފަދަ ތަކެތި ގެންދަން ވެހިކަލަކަށް އަރުވާފައިހުއްޓާ ހުއްޓުވީ ރަށުގެ ބައެއް މީހުނާއި ރަށު ކައުންސިލް މެންބަރުން ކަމަށެވެ.
"މިއަދު ގައުމީ އިދާރާގެ ނުނިމިހުރި މަސައްކަތްތަކެއް ކުރުމަށްޓަަކައި އެ އިދާރާގެ މުވައްޒަފުން އަތޮޅު ކައުންސިލްގައި އެދުނީ އިދާރާ ހުޅުވައިދޭން. ބުނީމަ އަތޮޅު ކައުންސިލް އިދާރާއިން މިއަދު އެތަން ހުޅުވަން އައި މުވައްޒަފުންތަކެއް ގައުމީ އިދާރާގެ މުވައްޒަފުންނަށް ވެސް ނޭނގި ކޮމްޕިއުޓަރު ތަކާއި ވެހިކަލް އަށް އަރުވަމުން ދަނިކޮށް ރަށު ކައުންސިލް މެންބަރަކަށް ފެނުނީ،" ހުސެއިން މޫސާ ވިދާޅުވި އެވެ.
ހުސައިން ވިދާޅުވީ އެތަކެތި ގެންދަން އަތޮޅު ކައުންސިލްގެ ތިން މުވައްޒަފުން މަސައްކަތްކޮށްފައިވަނީ އަތޮޅު ކައުންސިލުން އަންގައިގެން ނޫން ކަމަށާއި އަދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަތޮޅު ކައުންސިލުން ބުނީ އެ ކައުންސިލަށް އެތަނުގެ މުވައްޒަފުން އެފަދަ ކަމެއް ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
މީގެ އިތުރުން ގަމު ކައުންސިލުން މިއަދު ވަނީ ގައުމީ އިދާރާ ހުރި އިމާރާތް ގަމު ރަށު ކައުންސިލްގެ ބެލުމުގެ ދަަށަށް ގެންދަން ގަރާރެއް ފާސްކޮށްފަ އެވެ.