"ތީ... ހައިފާގެ..." އެހިސާބަށް ބުނެފައި އޭނަ ހުއްޓައިލިއެވެ. ކުރިމަތީގައި ހުރީ މިޝްޔާގެ ބޮޑުބޭބެ ހާޝިމްއެވެ. ނާޒިލްގެ ހިތް ތެޅިގަތެވެ. ބުނާނެ އެއްޗެއް ނޭނގި ނާޒިލްއަށް ހުރެވުނުއިރު ހާޝިމް ދިޔައީ ނާޒިލްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ދިރާސާ ކުރަމުންނެވެ.

ނާޒިލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހާޝިމްއާ ދިމާލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. މީހާ ހާސްވެ ކުރާނެ ކަމެއް ނޭގިފައި ނާޒިލް ހުރިއިރު، ނާޒިލްގެ މޫނުމައްޗަށް އަރާފައިވާ އަސަރުތަކުން ނާޒިލްއަށް ހައިފާ އެނގޭކަމުގައި ހާޝިމްއަށް ޔަޤީން ކުރެވުނެވެ. އަދި ނާޒިލްއަށް ހައިފާ އެނގޭކަމުގައި ވާނަމަ އެއީ ހައިފާގެ ކާކުކަން ވެސް އޭނާއަށް އެނގުނެވެ. ހާޝިމްގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން މާނަކުރާނީ ކިހިނެއްކަމެއް ނާޒިލްއަކަށް ނޭނގުނެވެ.

"އެކްސް ކިއުޒް މީ..." އެހެން ބުނެލުމަށްފަހު ނާޒިލް އެތަނުން ދާން ހިނގައިގަތުމާއެކު ހާޝިމް ނާޒިލްގެ ނަމުން ގޮވައިލުމުން އޭނާއަށް ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ.

"ނާޒިލް! ތީ ހައިފާގެ ދަރިފުޅެއްނު. މަންމަ ކިހިނެއްތަ؟" ހާޝިމްގެ އެ ސުވާލާއެކު ނާޒިލްގެ ލޭކެކިގަތެވެ.

"އަހަންނަކަށް ނޭނގެ ތި ދައްކާ ވާހަކައެއް." ނާޒިލް އެހެން ބުނެލިނަމަވެސް އެއީ ދޮގެއްކަން ހާޝިމްއަށް އެނގުނެވެ.

"އަހަންނަށް އެނގޭ ނާޒިލްއަށް އެނގޭނެކަން. ކާކަށްތަ ތި އޮޅުވާލަނީ؟ ކިތަންމެ ވަރަކަށް އަމިއްލަ ނަފްސަށް އޮޅުވައިލި ނަމަވެސް، އަހަރެންމީ ކާކުކަމެއް ވެސް ބަދަލެއް ނުކުރެވޭނެ، އަދި އަހަރެމެން ދެމެދުގައި އޮތް ގުޅުމެއްވެސް." ހާޝިމް ބުނެލުމާއެކު ނާޒިލްއަށް އަތް މުށްކަވައިލެވުނެވެ.

"އަލުން އަނބުރާ އަހަރެމެންގެ ދިރިއުޅުމަށް ވިހަލާންތަ ތިއުޅެނީ؟" ހާޝިމްގެ ވާހަކަތަކުން ނާޒިލްއަށް މަޑަކުން ނުހުރެވުނެވެ. އޭނާއަށް ވާހަކަ ދެއްކުނީވެސް ރުންކުރުކޮށެވެ.

"ތި އެއްބަސްވީނު. ކުރިންވެސް ތި ގޮތް އޮތެއްނު. އަހަރެން އަހާލަން ބޭނުންވާ ވާހަކައެއް އެބަ އޮތޭ..." ހާޝިމް އެހެން ބުނެލުމުން ނާޒިލް، އޭނާގެ އިޙްސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރިނަމަވެސް، އޭނާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

"މިޝްޔާ އަކީ ކާކުތަ؟ ކިހިނެއް މިޝްޔާ އެނގެނީ؟" ހާޝިމްގެ އެ ސުވާލާއެކު ނާޒިލްގެ ލޭ އަނެއްކާވެސް ކެކިގަތެވެ. އޭނާ ވަށައިގެންވީ މާހައުލަށް ބަލައިލުމަށްފަހު އަނެއްކާވެސް ހަމަޖެހެން މަސައްކަތް ކުރިއެވެ.

"އެއްވެސް މީހެއް ނޫން. އެކަމަކު އަހަރެން އަހާލަން ބޭނުންވޭ އެ ދުވަހު އެއީ ކޮންކަމެއްތޯ؟" ނާޒިލް ސުވާލުކޮށްލިއެވެ. ހާޝިމް މަލާމާތުގެ ހިނިތުންވުމެއް ނާޒިލްއަށް ރައްދުކޮށްލީ މިޝްޔާގެ ވާހަކަ ބުނުމާއެކު އެ މޫނުމައްޗަށް އެރި ކުލަވަރުތައް ދިރާސާ ކުރުމަށްފަހުއެވެ.

"އެކުވެރިކަމަށް ވުރެ މާ ގާތް ގުޅުމެއްތަ ދެމެދުގަ އޮންނަނީ؟" ހާޝިމް ސުވާލުކޮށްލުމާއެކު ނާޒިލް ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

"އަހަންނާ މިޝްޔާއާ ދެމެދު ކޮންމެ ގުޅުމެއް އޮތަސް އިތުރު މީހަކާ ބެހޭކަމެއް ނޫން އެއީ." އެހެން ބުނެލުމަށްފަހު، ނާޒިލް އިތުރަށް އެތަނުގައި މަޑުކުރާ ޚިޔާލެއް ނުކުރެއެވެ. އޭނާ އަވަސް އަވަހަށް ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ލިފްޓަށް އެރުމަށްފަހު، އޭނާ އުޅޭ ފްލޯއަށް ގޮސް، ރޫމަށް ވަނުމަށްފަހު، މޭޒު ދޮށުގައި އިށީނދެފައި ކޮފީތަށި ބަހައްޓައިލިއެވެ. އޭގައި އަތްލާ ހިތްވެސް ނުވެފައި އިނދެ އޭނާ ގޮނޑިގައި ލެނގިލިއެވެ. ނަފްސުގައި އުފެދުނު އުދާސްތައް ބޭރުކޮށްލާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. އަނެއްކާވެސް ހަނދާނަށް އަންނަންފެށީ މިޝްޔާއާއި ހާޝިމްއާ ދެމެދު އޮތް ގުޅުމެވެ. ހާޝިމްއަކީ މިޝްޔާގެ ކާކުކަމެވެ. އެއީ މިޝްޔާގެ ބޮޑުބޭބެއެވެ. އޭނާ މިޝްޔާ ދެކެ ލޯބިވިނަމަވެސް، އެ ލޯތްބަށް ހުރަސް އަޅާނެ ސަބަބެއްކަމުގައި އެކަންތައް ވެގެން ދާނެއެވެ. ނާޒިލްއަށް ނިތުގައި އަތް ހިންގައިލެވުނެވެ. ހާޝިމް އަކީ ކިހާ ފެންވަރެއްގެ މީހެއްކަން އެނގުމަށްފަހު، އޭނާގެ ހިތުގައި ހާޝިމްއާ މެދު ނަފްރަތު އުފެދިފައިވެއެވެ. އޭނާއާއި މިޝްޔާގެ ގުޅުމެއް އެޅޭނެ ހިޔަންޏަކީ ހާޝިމްކަމުގައި ނާޒިލްއަށް އޭނާގެ ސިކުނޑީ ވިސްނައިދެމުން ދިޔަނަމަވެސް، ހިތް އެކަމާ ބައެއްފަހަރު އެއްބަސްނުވާތީ އޭނާ ހައިރާންވިއެވެ. އޭނާގެ ކުށެއް ހާޝިމް މިޝްޔާއާ މެދު އަމަލުތައް ބެހެއްޓި ގޮތުގައި ނެތްކަމުގައި އެ ހިތް އޭނާއަށް ވިސްނައިދެމުން ދިޔައެވެ. އެހިތުގެ ޙާލު މިޝްޔާގެ ކައިރީގައި ހާމަކުރުމަށް އެ ހިތް އެދެމުން ދިޔައެވެ. އެހެންނަމަވެސް، ފަސްޖެހެވެނީ ސީދާ މިޝްޔާގެ ހިތުގެ ޙާލެއް އޭނާއަށް ނޭނގޭތީއެވެ. ހިތް ބުނަމުން ދިޔައީ މިޝްޔާގެ ހިތުގައިވެސް އޭނާ އާމެދު އިޙްސާސްތަކެއް ވާކަމުގައެވެ. އެ ހުރިހާކަމެއް އެ ގޮތަށް ހުރިކަމުގައި ވީނަމަވެސް، އޭނާއަށް ފަސްޖެހެވެނީއެވެ.

ޑިއުޓީ ނިިމިގެން ނާޒިލް މާކިންއަށް ގުލައިލިއެވެ.

"އޭތް ކަލޭ ކޮންތާކު؟" މާކިން ފޯނު ނެގުމާއެކު ނާޒިލް ސުވާލުކޮށްލިއެވެ.

"މަ ގޭގަ މިހުރީ. ކޮފީއަށް ދާންވީ؟" މާކިން ސުވާލުކޮށްލިއެވެ.

"އާނ. މަދާނަން ހޮސްޕިޓަލް ކައިރީ ކެފޭއަށް. ކަލޭ ވެސް އާދޭ އެތަނަށް." އެހެން ބުނެލުމަށްފަހު، ނާޒިލް ފޯނު ބާއްވާފައި ހޮސްޕިޓަލުން ނުކުމެގެން ދާން ހިނގައިގަތެވެ.

ނާޒިލް އެ ކެފޭއަށް ގޮސް ވަދްއިރު ކެފޭތެރޭގައި ކޮންމެވެސް ވަރަކަށް މީހުން ހަރަކާތްތެރިވަމުން ދިޔަނަމެވެސް، މާގިނަ މީހުންނެއް ނެތެވެ. އޭނާ ބޭރުފެންނަ ގޮތަށް ހުރި ބިއްލޫރިގަނޑާ ދިމާލުގައި ހުރި ހުސް މޭޒެއްގެ ދޮށުގައި އިށީނދެލިއެވެ. އެއަށްފަހު ފޯނާ ކުޅެން ފެށިއެވެ. މާކިން އައީ އޭނާ އެތަނުގައި އިންނަތާ ފަަނަރަ މިނެޓް ވީ ފަހުންނެވެ.

"އަންހެނަކަށް ވުރެ ކަންތައް ފަލައޭ ދޯ... މިތާ އިނދެ އިނދެ މަ ފޫހިވެއްޖެ މިހާރު." ނާޒިލް ބުނެލިއެވެ.

"ސޮރީ ޑޫޑް. ޓްރެފިކްއޭ..." އެހެން ބުނެލުމަށްފަހު، މާކިން އިށީނދެލިއެވެ.

"އެއްޗަކަށް އޯޑަރުކޮށްފިންތަ؟" އޭނަ ސުވާލުކޮށްލިއެވެ.

"ނޫނޭ... ކަލޭ އަންނަންދެން. މަ ނަގާނީ ކޮފީއެއް." ނާޒިލް ބުނެލިއެވެ. މާކިން ވެއިޓަރަށް ގޮވައިލުމަށްފަހު، ދެމީހުންނަށްވެސް ކޮފީއަކަށް އޯޑަރު ދިނެވެ.

"ދެން ކިޔާބަލަ ކިހިނެއްވެގެންނޭ ތިއުޅެނީ؟" ނާޒިލް ސުވާލުކޮށްލިއެވެ. މާކިން ދޫކޮށްލީ ފުންނޭވާއެކެވެ. އޭނާގެ މޫނުމައްޗަށް ވެރިވި ސީރިއަސް އަސަރުތަކުން ބޮޑުކަމެއް ވެއްޖެކަމުގައި ނާޒިލްއަށް ޔަޤީން ކުރެވުނެވެ. އޭނާ މާކިންއަށް ސަމާލުކަން ދިނުމުން މާކިން ވާހަކަ ދެއްކަން ފެށިއެވެ.

"މިހާރު ނާޒިލްއަށް ވެސް އެނގިފައެއްނު އޮންނާނީ މިޝޫގެ ކަންތައް. ބޮޑުބޭބެ ކަންތައް ކުރި ގޮތްވެސް. މިޝޫ ވޯޒް އެބިއުޒްޑް. ރޭޕްޑް..." މާކިން އެހިސާބަށް ބުނެފައި ވާހަކަ ހުއްޓައިލިއެވެ.

"ކިހިނެއްވީ؟ އަނެއްކާ މިޝްޔާ ސަކަރާތްވީތަ؟" ނާޒިލް އެހެން ބުނުމުން މާކިން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ނޫނޭ. މިޝޫ ރަނގަޅު. އެކަމަކު ބޮޑުބޭބެއޭ މިކިޔާ މީހަކު އަނެއްކާވެސް ހީވަނީ ދިރިއުޅުމަށް ވިހައެއް ލާފާނެހެން." މާކިން ބުނެލިއެވެ. ނާޒިލްއަށް މާކިން ބުނި އެއްޗެއް ފަހުމް ނުވުމާއެކު، އޭނާ އެ ވާހަކަ އިތުރަށް ތަފްސީލް ކޮށްލަދޭން އެދުނެވެ. މާކިން ބޯ ޖަހައިލުމަށްފަހު، އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ބޮޑުބޭބެ،....... ނައިރާގެ މަންމަ އިނދެގެން އުޅެނީ އޭނައާ..." މާކިންގެ އެ ވާހަކައާއެކު ނާޒިލްއަށް ޝޮކެއް ލިބިގެން ދިޔައެވެ.

"ދެން މާކިން ތި ވިސްނަނީ ކިހިނެއް؟ ނައިރާ... އޭގަ ނައިރާގެ ކުށެއް ނެތެއްނު." ނާޒިލްއަށް މާކިންގެ ވާހަކައިން ނެގުނީ މުޅިން އެހެން މާނައެކެވެ.

"އަހަންނަށްވެސް އެނގެޔޭ ނައިރާގެ ކުށެއް ނެތްކަން. އެންޑް އަހަރެން ނެތިން ނައިރާ ދޫކޮށްލާކަށް ދުވަހަކުވެސް. ނައިރާއަށް ވެސް އެ ހަޤީގަތް އެ އެނގުނީ އަދި އިއްޔެ. ނައިރާއާ ނައިރާގެ މަންމައާ ވެސް އެއްވެސް ގުޅުމެއް ނޯވޭ. އެގެއަށް ދިޔަ ފުރަތަމަ ދުވަހުވެސް ބޮޑުބޭބެ ކަންތައް ކުރި ގޮތް އޭނަ ކިޔައިދިން. އެކަހަލަ މީހުން ނުވާނެ ދުވަހަކުވެސް ރަނގަޅެއް." މާކިން ބުނެލިއެވެ. ނާޒިލްއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންނަމަވެސް ހާޝިމް އަކީ ނައިރާގެ ދޮންބައްޕައަށް ވީ ކަމުގައި ވީނަމަވެސް، އެކަމުގައި މާކިން ނައިރާ ކުށްވެރިނުކުރާކަން އެނގުމުން އޭނާގެ ހިތަށްވެސް ފިނިކަމެއް ލިބިގެން ދިޔައެވެ. އޭނާގެ އާއިލާއާއި ހާޝިމްއާ އޮތް ގުޅުން އެނގުނު ނަމަވެސް، މާކިން އެކަން މާ ބޮޑުކަމަކަށް ނުހަދާނެޔޭ އޭނާގެ ހިތަށް އެރި ނަމަވެސް، ނައިރާއާއި އޭނާގެ ޙާލަތުވެސް ހާސްބައި ތަފާތެވެ. އޭނާ ކަންބޮޑުވީ އެހެންވެއެވެ. މާކިން ކަންތައް ވީ ގޮތް ނާޒިލްއަށް ކިޔައިދިނެވެ.

"ނައިރާ ކިހިނެއް؟" ނާޒިލް ސުވާލުކޮށްލިއެވެ.

"ނައިރާ އޯކޭ... ވަރަށް ދެރަވެފައި ހުރީ. ވަރަށް ރޯން ވެސް ރުއި." މާކިން ބުނެލިއެވެ.

"އެހެން މީހެއްގެ ކުށުގެ ސަޒާ ނައިރާއަށް ނުދޭތި. އޭނައަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ކަލޭ ދެކެ ނުލާހިކު ލޯބިވެސް ވޭ..." ނާޒިލް ބުނެލިއެވެ. މާކިން ބޯ ޖަހައިލިއެވެ. އެ ވާހަކަތަކުގެ އިތުރުން މާކިން މިޝްޔާއާ ބެހޭ ވާހަކަތައްވެސް ނާޒިލްއާ ހިއްސާކުރިއެވެ. މިޝްޔާއަށް އަންނަމުންދާ ކުރިއެރުން އެނގުމުން ނާޒިލް ހިނިތުންވެލިއެވެ. އޭނާ ހިތްހަމަޖެހުނެވެ.

"ސެޝަންއެއް ވެސް ޝެޑިއުލް ކޮށްލަންވީ ދޯ..." ނާޒިލް ބުނެލިއެވެ.

"އާނ. މަ އަދި ތިހެންވެސް ބުނަން ބޭނުންވެފަ މިހުރީ..." މާކިން ބުނެލިއެވެ.

"އެހެންވީމަ މާދަން ރޭ އާދޭ މިޝްޔާ ގޮވައިގެން." ނާޒިލް ގަޑިވެސް ބުނެލިއެވެ.

ދެމީހުން ކޮފީގައި ތިބެފައި ގެއަށް ދިޔައީ މަޣްރިބް ނަމާދުވެސް ކޮށްލައިގެންނެވެ. ގެއަށް ގޮސް މާކިން އެންމެ ފުރަތަމަވެސް ދިޔައީ މިޝްޔާ ކައިރިއަށެވެ. އޭނާ ސެޝަންގެ ވާހަކަ ދެއްކުމުން މިޝްޔާ ބުނީ ރޭގަނޑު އަށެއް ޖަހާއިރު އޭނާ، ތައްރާރުވެގެން ހުންނާނެކަމުގައެވެ.

***

ޖެހިގެން އައި ދުވަހު މާކިން މިޝްޔާ ބަލާ އައީ އޮފީހުގައި ހުރެފައެވެ. އޭނާ އައިސް މިޝްޔާ ގޮވައިގެން ނައްޓާލަމުން ނާޒިލްއަށް މެސެޖްކުރީ އެމީހުން މިހާރު ދަނީކަމުގައި ބުނެފައެވެ. އޭރު އަށްގަޑި ފަނަރައަށް ވުރެ ބޮޑުވެއްޖެއެވެ.

ނާޒިލް ފޯނަށް އައި މެސެޖް ބަލައިލުމަށްފަހު އެއަށް ރިޕްލައިކޮށްލިއެވެ. އެވަގުތު ކޮތަރީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު، އެތެރެއަށް ވަނީ ރީމާއެވެ. ރީމާ ފެނުމާއެކު ނާޒިލްގެ މޫޑު ޚަރާބުވިއެވެ. ރީމާ އައިސް ގޮނޑީގައި އިށީނުމުން އޭނާ އެ އައި ސަބަބާ ބެހޭގޮތުން ނާޒިލް ސުވާލުކޮށްލިއެވެ.

"އަހަރެން ނާޒިލް ދެކެ ލޯބިވާތީއޭ މިއައީ. ކީއްވެ ގަބޫލުނުކުރެވެނީ..." ރީމާ ބުނެލިއެވެ.

"އަހަރެން ބުނެފިން އަހަރެން އުޅެނީ މީހަކާ އިނދެގެންނޭ." ނާޒިލް ބުނެލިއެވެ.

"ތީ ދޮގެއް ކަން އަހަންނަށް އެނގޭ..." ރީމާ ބުނެލިއެވެ.

"ރީމާއަށް އެންމެ ރަނގަޅުވާނީ މިތަނުން ދިޔައިއްޔާ..." ނާޒިލް އަނެއްކާވެސް ބުނެލިއެވެ. ރީމާއާ ވާހަކަ ދައްކާ ޚިޔާލެއް އޭނާގެ ނެތެވެ.

"ނުދާނަން. ބުނޭ އަހަރެން ދެކެ ލޯބިވެޔޭ އަދިވެސް. އަހަރެން ނާޒިލްއާ ދުރަށް ދާން ވަރަށް މަސައްކަތްކޮށްފިން. އެކަމަކު ކެތެއް ނުވާނެ ދެނެއް." ރީމާ ބުނެލިއެވެ. އެމޫނުމަތިން ނާޒިލްއަށް ފެނުނީ މީގެ ކުރިން ދުވަހަކުވެސް ފެނުނު އަސަރުތަކެއް ނޫނެވެ. އެ މޫނުމަތީގައިވަނީ ހިތްދަތި އަސަރުތަކަކާއި މާޔޫސްކަމެކެވެ.

"ކީއްވެ މިހާރު ތިއައީ؟ އަހަރެން އެހާ ވަރުން ތި މީހަކާ ހެދި އުޅުނުއިރު، ތި މީހެކޭ އެހެން ފިރިހެނަކާ އެކު އަހަންނަށް ބޭވަފާތެރިވީ...." ނާޒިލް ބުނެލިއެވެ. އެ އަޑުގައި ހުރި ނުރުހުންތެރިކަމުގެ އަސަރުން ރީމާއަށް ނާޒިލް އޭނާއަށް މާފުނުކުރާކަމުގައި ޔަޤީން ކުރެވުނެވެ.

"މާފުކޮށްފަ އަހަންނަށް އެއް ފުރުސަތު ދީބަލަ! އެހެންނޫނަސް ނާޒިލް ލޯބިނުވާމީހަކާ އެކު އުޅުމުގެ ބޭނުމަކީ ކޮބާތަ؟" ރީމާގެ އެ ސުވާލާއެކު ނާޒިލް ފުން ނޭވާއެއް ދޫކޮށްލަމުން ރީމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ.

"ކިހިނެއް ރީމާއަށް އެނގެނީ އަހަރެން އެހެން މީހަކު ދެކެ ލޯބިނުވާކަމެއް. ވަގުތާ އެކީ އިޙްސާސްތަކަކީވެސް ބަދަލުވާއެއްޗެކޭ." އެހެން ބުނެލިއިރު ނާޒިލްގެ އަޑުގައި ހުރި އަސަރުތަކުން ރީމާއަށް ލިބުނީ އިތުރު މާޔޫސްކަމެކެވެ. މޭޒުމަތީގައި ބާއްވާފައި އޮތް ނާޒިލްގެ އަތުގައި ރީމާ ހިފައްޓައިލުމާއެކު، ނާޒިލް އެ އަތް ފޮޅުވައިލުމަށްފަހު، ތެދުވިއެވެ. އެއަށްފަހު ރީމާއަށް ފުރަގަސްދެމުން އޭނާ އެތަނުން ދިޔުމަށް އެދުނެވެ.

ނާޒިލްއަށް ބަލަން ހުރުމަށްފަހު ރީމާ ގޮސް ފުރަގަހުން ނާޒިލްގެ ގައިގައި ބައްދައިލުމާއެކު ނާޒިލްއަށް ސިހުން ލިބިގެން ދިޔައެވެ.

"ކީއްތިކުރަނީ ރީމާ. ހަމަމިހާރު ދޫކޮށްލާ..." ނާޒިލް ހިތްހަމަ ނުޖެހިފައިބުނެލުމަށްފަހު، އޭނާގެ ބަނޑާ ދިމާލުގައި ވަށާލާފައިވާ ރީމާގެ އަތް ނައްޓުވައިލަން މަސައްކަތް ކުރިއެވެ. ރީމާ ހުރީ ވަރަށް ބާރަށް ހިފައްޓާލައިގެންނެވެ.

"ނާޒިލް ޕްލީޒް. އަހަންނަށް ތިހެން ނުހަދަބަލަ! އަހަންނަށް އަހަރެންގެ ކުށް އިޙްސާސްވެއްޖޭ. ޕްލީޒް އަހަންނަށް އެއް ޗާންސް ދީމަބަލަ ޕްލީޒް. އަހަރެން އާދޭސް ކުރަން." ރީމާ އާދޭސް ކުރަމުން ދިޔައެވެ.

"އޮކޭ ދޮންބެ ދިޔަޔަސް. އަހަރެން އެކަނި ގޮސްފާނަން." ހޮސްޕިޓަލް ދޮރު މައްޗަށް ކާރު ހުއްޓައިލުމާއެކު، މާކިންއަށް އޮފީހުން އައި ފޯނު ކޯލާއެކު މިޝްޔާ ބުނެލިއެވެ. އޭނާ ކާރުން ފައިބައިގެން ގޮސް ހޮސްޕިޓަލް ވަނެވެ. ލިފްޓަށް އެރުމަށްފަހު ގޮސް ނާޒިލްގެ ރޫމް ގައި ޓަކި ޖަހައިލުމަށްފަހު ދޮރުފަތް ހުޅުވައިލުމާއެކު އޭނާއަށް ފެނުނު މަންޒަރުން މަޑުޖެހިލެވުނެވެ.

(ނުނިމޭ)