10 Apr 2012, 08:29
ވެރިރަށް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ބާޒާރުމަތީގައި އަބަދުވެސް އެންމެ ބިރުގަންނަޖޭ އެއް ކަމަކީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފާނެތީ އެވެ. ނަމަވެސް އެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް މިހާރު ވަނީ އެހެން ބިރުވެރި ކަމަކާ ކުރިމަތިވެފަ އެވެ. ކޮންމެ ރެއެއްގެ މެންދަމުގެ ދަންފަޅީގައި ބާޒާރުމަތިން ހަތަރު ފަސް ފިހާރައެއް ފަޅާލައި ބޮޑެތި ވައްކަން ކުރާތީ އެވެ. އަދި ފިހާރަތަކަށް ގެއްލުން ދޭތީ އެވެ.
ބާޒާރު މަތީ ފިހާރަތަކަށް ރޭގަނޑު ދަންވަރު ގެއްލުންދީ ބޮޑެތި ވައްކަންތައް ކުރުން އާންމުވެފައިވާ ކަމަށް ގިނަ ފިހާތަކުން މިއަދު ވަނީ ބުނެފައެވެ. މަޝްހޫރު ބައެއް ފިހާރަތަކުން ބުނީ މިދުވަސްވަރު ވަގުންގެ ދުއްތުރާ ބަނދަރުމަތީގެ ވަރަށް ގިނަ ފިހާރަތަކަށް ކުރިމަތިވެފައިވާ ކަމަށާއި ފިހާރަތަކުގެ ފުރާޅުން ޓިނު ނަގައިގެން ވައްކަން ކުރުން އާންމު ކަމަށް ވެފައިވާ ކަމަށެވެ.
"ޓިނު ނަގައިގެން ފިހަރަތައް ފަޅަނީ ސަރަހައްދުން ހިމޭންވެ ކޮންމެ ރައެއްގެ މެންދަން ވުމުން،" ފިހާރައެއްގެ ސޭޓަކު ބުންޏެވެ.
ތަފާތު ވައްތަރުގެ މުދާ ހޯ ސޭލް ކުރާ ގްލޯބަލް ލިންކްސް ޓްރޭޑާސްގެ ސޭޓު ބުނި ގޮތުގައި މިދިއަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމުން އެ ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން ފަޅާލި އެވެ.
"މި ފިހާރަ ފަޅާލައިގެން ވަރަށް ބޮޑެތި ގެއްލުންތައް ދިން. ފިހާރައިގެ ސީސީ ޓީވީ ކެމެރާ އާއި ދިރާގު ރައުޓަރަކާއި ރެޑްބުލް އޭނާޖީ ޑްރިންކްސް ވަގަށް ގެންދިޔަ. އަދި ފިހާރައިގެ ފޯން ކޭބަލްތައް ވެސް ކަނޑާލައި ގެއްލުންތައް ދިން " ސޭޓް ބުންޏެވެ.
މިދިއަ ހޮނިހިރު ދުވަހުގެ ރޭ ޅ. އަތޮޅު ފިހާރައިގެ ޓިނު ނަގައިގެން އެ ފިހާރަ ވެސް ވަނީ ފަޅާލާފަ އެވެ. އެ ފިހާރައިގެ ސޭޓު ބުނީ ވަގުން ވަދެ ކޮމްޕިއުޓަރަކާއި ކެމެރާއަކާއި ޓީވީ އެއް ގެންދިއުމުގެ އިތުރުން 20،000ރ. ގެ ގެއްލުން ތަނަށް ދިން ކަމަށެވެ.
ރެޒޮނެންސް ފިހާރައިން ބުނިގޮތުގައި އެ ފިހާރައަށް ވެސް ވަގުން ވަނީ ޓިނު ނަގައިގެނެވެ. ވަގުން ވަދެ ފިހާރައިން ލެޕްޓޮޕަކާއި 25000ރ. ވަގަށް ގެންދިޔަ އެވެ. ރޮޒަނެންސްގެ އިތުރުން އޭޔޫ މާޓް ފަޅައިލީ ރޭގަ އެވެ. ރޭ މެންދަމު ވަގުތު އޭޔޫ މާޓަށް ވަދެ ވަގުން ގެންދިޔައީ ދެ ކޭސް ސިނގިރޭޓާ ހަ ކޭސް ރެޑްބުލް އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ފަހަކަށް އައިސް ބާޒާރުމަތީ ފިހާރަތަކުން ވައްކަން ކުރުން އާންމުވެފައިވާ ކަމަށާއި އެފަދަ ހާދިސާތަކުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.
"އެކަމާ ގުޅިގެން ކޮންމެ ރެޔަކުވެސް އެ ސަރަހައްދު ތަންކޮޅެއް ބޮޑަށް ޕެޓްރޯލް ކުރަމުން މި އަންނަނީ،" ފުލުހުންގެ މީޑިއާ ކޯޑިނޭޓާ ވިދާޅުވި އެވެ.