10 Dec 2022, 20:39
ރޭ ގދ. ގައްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އުމުރުން ދުވަސްވީ މީހާގެ ހާލު ސީރިއަސްވެ, އޭނާގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުއްމީދު ކަނޑާލައިފިއެވެ.
ގައްދޫ ކައުންސިލް މެމްބަރު އަހުމަދު ޝަމާހު "ސަން"އަށް ވިދާޅުވީ އެ ހާދިސާގައި ފިހިފައި ވަނީ 75 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ މައުލޫމާތު ދިން ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އުނދުނުން ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރަން އުޅުމުގެ ތެރޭގައެވެ.
އެގޮތުން، ބަދިގޭގައި އަލިފާން ހިފީ އެ ފިރިހެން މީހާ، އެއް ފަހަރު އުނދުން ރޯކުރަން މަސައްކަތް ކުރުމަށްފަހު ރޯ ނުވުމުން އިރުކޮޅެއް ފަހުން އައިސް އުނދުން ރޯކުރުމުގެ ތެރޭގައި ކަމަށް ޝަމާހު ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 7:30 ހާއިރެވެ. "ސަން"އާ ވާހަކަ ދެއްކި އެރަށު މީހަކު ބުނީ އެ ހާދިސާ ހިނގުމުން އަލިފާން ނިއްވާލާފައި ވަނީ އެ ފިރިހެން މީހާ އަމިއްލައަށް ކަމަށާއި ސިއްހީ މަރުކަޒަށް ދިޔައީވެސް އޭނާ އަމިއްލައަށް ހިނގާފައި ކަމަށެވެ.
އޭނަ ސިންކުން ފެން އަޅައިގެން އަލިފާން ނިއްވައިގެން ދިޔައި ސިއްޚީ މަރުކަޒަށް. އެ ގޭ ކައިރި މިސްކިތް ހުންނާނީ. ނަމާދުން ފައިބައިގެން ދިޔަ މީހުންނަށް ފެނުނީ އޭނާ މަރުކަޒަށް ދަނިކޮށް. ލައިގެން ހުރި އެއްޗެހި ވެސް އަނދާފަ ހުރީ، ދެން ފެނުނު މީހުން ކޮންމެވެސް ވަރަކަށް ނިވާކޮށްދިން.ގައްދޫ ރައްޔިތެއް
ގައްދޫ ސިއްހީ މަރުކަޒުގެ އޮފިޝަލް ފާތިމަތު މޫސާ "ސަން"އަށް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ދިޔައީ ގާތްގަނޑަކަށް 8:01 ހާއިރު ކަމަށާއި އޭނާގެ ހަށިގަނޑުގެ 90 އިންސައްތަ ފިހިފައިވާ ކަމަށެވެ. އަދި ވަގުތުން އިތުރު ފަރުވާއަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފުރުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިހުނު މީހާގެ އާއިލާގެ މީހަކު "ސަން"އަށް ބުނީ އޭނާގެ ކިޑްނީ މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށާއި، އިތުރަށް ދެވޭނެ ފަރުވާއެއް ނެތް ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ.
އެ މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރި ނަމަވެސް، އޭނާގެ ހާލު ސީރިއަސް ވުމުން އެ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން "ސަން"އަށް މައުލޫމާތު ދިނެވެ.
ރޯވި ގޭގައި ދިރިއުޅެމުން ދަނީ އެ ފިރިހެން މީހާ އާއި އޭނާގެ އަންހެނުން އެކަންޏެވެ. އެމީހުންގެ ދަރިން ދިރިއުޅެމުންދަނީ މާލޭގައެވެ. މި ހާދިސާގައި އޭނާގެ އަނބިމީހާއަށް އަނިޔާވެފައެއް ނުވެއެވެ.