ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެމުން އަންނައިރު، މިރޭ މިއީ މުބާރާތުގައި ފާހަގަކޮށްލެވޭ މެޗެއް ކުޅޭނެ ރެއެކެވެ.

ފުޓުބޯޅައިގެ އެންމެ ވަރުގަދަ ލީގެއް އޮތް އިންގްލެންޑާއި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަން ފްރާންސްގެެ ކުރިމަތިލުން ފެނިގެންދާނެ ވާދަވެރި ކުއާޓާ ފައިނަލް މެޗު ކުޅޭނީ މިރޭ 12 ޖަހާއިރެވެ.

މިއީ ތާރީޚީ މެޗަކަށް ވަނީ ކީއްވެ؟

ދެގައުމުގެ ދެމެދުގައި މީގެކުރިން އޮތް ދާޚިލީ ވާދަވެރިކަމަކީ މި މެޗު ހާއްސަވާ އެއް ސަބަބެވެ.

ފުޓުބޯޅައިގައި މިއީ ތާރީޚީ މެޗަކަށް ވަނީ، މިއީ ވާދަވެރި މުބާރާތެއްގައި ފުޓުބޯޅައިގެ ތާރީޚުގައިވެސް ނޮކްއައުޓް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރަށް ވާތީއެވެ. އަދި މިއީ 1982 ވަނަ އަހަރަށްފަހު ފީފާ ވޯލްޑް ކަޕެއްގައި ފެނިގެންދާ މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މި ދެ ޓީމުގެ ކުރިމަތިލުމުން ކުރިހޯދީ އިންގްލެންޑެވެ. އެއީ 1-3 ގެ ނަތީޖާއަކުންނެވެ.

ތަފާތަކަށް ވާނީ ޒުވާން ތަރިންތަ؟

ދެ ޓީމަކީވެސް ހުނަރުވެރި ޒުވާން އެތައް ކުޅުންތެރިންތަކެއް އެ ޓީމުތަކުގެ ސްކޮޑުގައި ހިމެނޭ ވަރުގަދަ ދެ ޓީމެވެ.

ރައުންޑް އޮފް 16 ގައި ފްރާންސާއި ޕޮލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ފްރާންސް ޓީމަށް ބަލާލާއިރު ކިލިއަން އެމްބާޕޭ އަކީ މިހާތަނަށް މި ވޯލްޑް ކަޕުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ޖުމްލަ ފަސް ލަނޑު ޖަހާފައިވާ އެމްބާޕޭ އަކީ މިވަގުތު މުބާރާތުގެ ޓޮޕް ސްކޯރާވެސް މެއެވެ.

އޭނާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނު ކުޅުންތެރިޔާއެވެ.

"އެޓޭކިންގް ތާޑު"ގައި އެމްބާޕޭއަށް ސަމާލު ނުވެއްޖެނަމަ ކޮންމެ ޓީމެއްވެސް އެކަމުގެ ހިތާމަކުރާނެ ވަރުގެ އެމްބާޕޭ އަކީ ދުވެލި ބާރު، ގޯލާއި ރައްޓެހި އަދި ޑްރިބްލިންގް ސްކިލްސް މޮޅު ކުޅުންތެރިއެކެވެ.

އިންގްލެންޑާއި ސެނެގާލް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އިންގްލެންޑް ޓީމުގައިވެސް ހުނަރުން ފުރިފައިވާ ޒުވާން އެތައް ކުޅުންތެރިއެއް ތިބިއިރު، ޖޫޑް ބެލިންގްހަމްގެ ނަމަކީ ވަކިން ފާހަގަކޮށްލަން ޖެހޭ ނަމެކެވެ.

އުމުރުން 19 އަހަރުގެ ބެލިންގްހަމް ގައުމީ ޓީމަށް ކުޅެން ފެށީ 2020 ވަނަ އަހަރުއެވެ.

މިހާތަނަށް އޭނާއަށް އިންގްލެންޑުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދެވުނީ އެންމެ ލަނޑެއް ނަމަވެސް، އޭނާ އަކީ މިހާރު އިންގްލެންޑު ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އާއި، ފޯވާޑް ލައިނަށް ބޯޅަ ސަޕްލައި ކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ.

ގައުމީ ޓީމުގެ ޖާޒީގައި ބެލިންގްހަމް އެންމެ ފުރަތަމަ ލަނޑު ޖެހީ މިފަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑުން އީރާނުގެ މައްޗަށް 2-6 އިން ކުރިހޯދި މެޗުގައެވެ.

ދެ ޓީމަށްވެސް ކުއާޓާ ފައިނަލާއި ހަމައަށް ފަސޭހަ ރާސްތާއެއް

ފްރާންސްގެ އެމްބާޕޭއާއި އިންގްލެންޑުގެ ހެރީ ކޭން --

ދެ ޓީމުންވެސް މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށް ދަތުރުކުރީ، ފުޓުބޯޅައިގައި މާ ބޮޑެތި ގައުމުތަކެއްގެ މައްޗަށް ކުރިހޯދައިގެންނެއް ނޫނެވެ. އެހެންނަމަވެސް ގިނަ ބަޔަކު އުންމީދު ކުރިވަރުގެ ނަތީޖާތަކެއް މި ދެ ޓީމަށްވެސް ނެރެވިފައެއް ނުވެއެވެ.

ފްރާންސް

ފްރާންސްއިން އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން-- ފޮޓޯ/ގެޓީ އިމޭޖަސް

އެންމެފަހުގެ ޗެމްޕިއަން ފްރާންސް މި ފަހަރުގެ ވޯލްޑް ކަޕުގައި ހިމެނުނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިއާއާ އެއް ގުރޫޕެއްގައެވެ.

ފީފާގެ ދުނިޔޭގެ ރޭންކިންގައި އޮސްޓްރޭލިއާ އަށް 38 ވަނަ ލިބޭއިރު, މި ގުރޫޕުގައި ފްރާންސްއަށް ރަނގަޅު ފައިޓެއް ދެވޭނެކަމަށް ބެލެވުނު ހަމައެކަނި ޓީމު، ޑެންމާކަކީ ރޭންކިންގެ 10 ވަނަ ލިބޭ ގައުމެވެ. އެންމެ ހައިރާންކުރަނިވި ނަތީޖާއެއް ނެރެ، ފްރާންސްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދި ޓިއުނީޝިއާއަށް ރޭންކިންގައި ލިބެނީ 30 ވަނައެވެ.

އެހެންނަމަވެސް ޓިއުނީޝިއާއާ ދެކޮޅަށް ފްރާންސް ނުކުތީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައި އޮތުމާއިއެކު ފުރަތަމަ 11 އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ.

ރައުންޑް އޮފް 16 ގައި ފްރާންސް ކުޅެން ޖެހުނީ ޕޮލެންޑާއި ދެކޮޅަށެވެ. އެ މެޗު ފަސޭހަކަމާއެކު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ފްރާންސެވެ.

ފްރާންސަކީ ދުނިޔޭގެ ރޭންކިންގެ ހަތަރުވަނައެވެ.

އިންގްލެންޑް

އިންގްލެންޑުން އެންމެފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އިންގްލެންޑަށްވެސް މުބާރާތުގެ ގްރޫޕް ސްޓޭޖުވީ، އެ ޓީމާއި އަޅާ ބަލާއިރު އާދައިގެ ޓީމުތަކެއްގެ މައްޗަށް އެކުލެވޭ ގުރޫޕަކަށެވެ. އެގޮތުން އެ ގުރޫޕުގައި ދެން ހިމެނުނީ އީރާނާއި ވޭލްސްގެ އިތުރުން އެމެރިކާއެވެ.

ފުރަތަމަ މެޗުގައި އިންގްލެންޑުން އީރާނުގެ މައްޗަށް ކުރިހޯދީ 2-6 ގެ ނަތީޖާއަކުންނެވެ. އީރާނަކީ ދުނިޔޭގެ ރޭންކިންގައި 20 ވަނައިގައި އޮތް ގައުމެވެ. ދެވަނަ މެޗުގައި އެމެރިކާއާ ކުޅެ 0-0 އިން ދެ ޓީމު އެއްވަރުވިއިރު، އެމެރިކާ އަކީ ރޭންކިންގެ 16 ވަނައިގައި އޮތް ގައުމެވެ. ވޭލްސް އަތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 0-3 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުވިއިރު، ވޭލްސް އަކީ ދުނިޔޭގެ ރޭންކިންގެ 19 ވަނައެވެ.

އިންގްލެންޑަށް ދުނިޔޭގެ ރޭންކިންގައި ލިބެނީ ފަސްވަނައެވެ.

އެހެންކަމުން ކުއާޓާ ފައިނަލަށް މި ދެ ޓީމުވެސް ނުކުންނާނީ، މި ދެ ޓީމުގެ ފެންވަރާ އަޅައި ބަލާއިރު، މުބާރާގތުގައި ދެ ޓީމުންވެސް ކުޅޭނެ ވާދަވެރި ފުރަތަމަ މެޗަށެވެ.

ރޭންކިންގައި ދެ ޓީމުގެ ދެމެދުގައި ބޮޑު ފަރަގެއް ނެތްއިރު، ކުޅުންތެރިންގެ ހުނަރާއި ގާބިލުކަމުގައި ވެސް މާބޮޑު ފަރަގެއް ހުރިކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.

ގިނަ ބަޔަކު މި މެޗަށް އިންތިޒާރު ކުރާއިރު، ޖަވާބު ނުލިބިއޮތް ހަމައެކަނި ސުވާލަކީ، މި މެޗުގައި ތަފާތު ދައްކައި، ދެ ޓީމުން ވާދަވެރި މުބާރާތެއްގެ ނޮކްއައުޓް ސްޓޭޖުގައި ކުޅޭ ފުރަތަމަ ފަހަރުގައި ކުރިހޯދާނެ ޓީމަކީ ކޮބައިތޯ؟ މިއީ އެވެ.