09 Apr 2012, 16:50
ކުދި ކާނާ ވިއްކާ ގާޑިޔަލެއް ހަލާކުކޮށްލައިގެން އެއިން ވައްކަން ކުރި މީހަކު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މާލޭ ދެ ނަންބަރު ކުނިކޮށި ކައިރީ އޮތް 20 ނަންބަރު ގާޑިޔަލުން ވައްކަން ކުރިކަން ސާބިތުވެ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ހުކުމްކޮށްފައި ވަނީ މއ. ވައްމައިޒާން އާދަމް ފައިސަލުގެ މައްޗަށެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މެއި، 9، 2011 ދުވަހުގެ ފަތިހުގެ ވަގުތެއްގައި 20 ނަންބަރު ގާޑިޔަލު ހަލާކުކޮށްލައިގެން އެއިން ބައެއްތަކެތި ފައިސަލް ވަގަށް ނަގާފައިވާ ކަން ޝަރީއަތަށް ލިބިފައިވާ ހެއްކާއި ގަރީނާތަކުން ސާބިތުވާތީ އެއް އަހަރާއި ހަ މަސް ދުވަހަށް އޭނާ އަރުވާލަން ހުކުމް ކުރީ ކަމަށެވެ.
"މިއީ އާދަމް ފައިސަލްގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވި ފުރަތަމަ ފަހަރު ކަމަށްވާތީ މިކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ހަ މަސް ދުވަހަށް، އެއްޗެއް ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާތީ ގާނޫނުލް އުގޫނާތުގެ 137 ވަނަ މާއްދާގެ ދަށުން އެއް އަހަރު ދުވަހަށް، އެކު ޖުމްލަ އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށްފީމެވެ."
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،000 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހެޅި ފައެވެ. އަދި މިދިޔަ އަހަރު ވައްކަމުގެ 5،507މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.