މުޖުތަމައުގައި މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަވެރިކަން ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިޙުތިރާމާއި ލޯތްބާއެކު މުއާމަލާތްކޮށްގެން ކަމަށާއި، ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށް އެދޭ އިޙުތިރާމް ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ޚިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުން ކަމަށެވެ.

އެގޮތުން އިންސާނީ އަސާސީ ހައްގުތަކާ ގުޅިފައިވާ ޒަރޫރީ ޚިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އދ. މަޖިލީހުން ކަނޑައަޅާފައިވާ މިއަދުގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، "ކަރާމާތާއި މިނިވަންކަމާއި އިންސާފު އެންމެންނަށް" މި ޝިއާރު ރަމްޒުކޮށްދެނީ އިންސާނުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި އިޙުތިރާމާއި ގަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާއިރު، އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ މުޖުތަމައުގައި ހުރި އިންސާނީ ހައްގުތަކަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް، މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، އިޖްތިމާއީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެކަމަށާއި، ދޮށީ އުމުރުގެ މީހުންނަށް ހައްގުވާ އާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހޭކަމަށާއި، މައިންބަފައިންގެ ލޯބިން މަޙުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމައުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފައެވެ.