10 Dec 2022, 13:31
އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުން ރިޔާސީ އިންތިޚާބަށް ކަނޑައަޅާފައިވާ އަދަދުން އިންތިޚާބުގެ ދެ ބުރު ބާއްވަން ދަތިވާނެތީ އިތުރަށް ފައިސާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު އޭގެތެރެއިން ރިޔާސީ އިންތިޚާބަށް ދޭން ހިމަނާފައިވަނީ 95 މިލިއަން ރުފިޔާއެވެ. ނަމަވެސް އީސީއިން ފިނޭންސް މިނިސްޓްރީގައި އެންމެ ފުރަތަމަ އެދިފައިވަނީ 120 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިދިނުމަށެވެ.
މިކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު "ސަން" އަށް ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ އަދަދާ އެކު އިންތިޚާބުގެ ފުރަތަމަ ބުރު އޮމާންކޮށް ބޭއްވޭނެ ކަމުގެ ޔަގީންކަން އޮތް ނަމަވެސް ދެ ވަނަ ބުރު ބޭއްވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. ފުއާދު ވިދާޅުވީ ދެ ކެންޑިޑޭޓުންނަށް ވުރެ އިތުރަށް ވާދަކޮށްފި ނަމަ ދެ ވަނަ ބުރަކަށް ދާން ޖެހޭނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން އިތުރަށް ފައިސާ ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލުކުރަނީ ދަތިތަކެއް ކުރިމަތިވާނެ ކަމަށް އެކަމަކު އެކަންކަން ހައްލު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީއަށް. އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީއާ އަދި ރައީސުލްޖުމްހޫރިއްޔާ ވިޔަސް އަދި ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއާ ވާހަކަ ދައްކައިގެ ގޮތްތަކެއް ހޯދޭނެ. ހޯދާނަން އިރާދަކުރެއްވިއްޔާ.އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގު
ފުއާދު ވިދާޅުވީ، މީގެ ކުރީގެ އިންތިހާބުތަކުގައި އެ ކޮމިޝަނުން ބޭނުންކޮށްފައިވާ ގިނަ ތަކެތި މިހާރު ގިނަ ދުވަސްވެފައިވާ ކަމަށާއި، ބައެއް ތަކެތި ބޭނުންނުކުރެވޭ ވަރަށް ހަލާކު ވެސް ވެފައިވާތީ، މުޅީން އާ ތަކެތި ވެސް ހޯދަން ޖެހިފައިވާ ކަމަށެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތީޚާބަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅުކުރި ޕާޓީތަކުގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ، އިދިކޮޅު ޕީޕީއެމް، އަލަށް އުފެއްދި އެމްއެންޕީގެ އިތުރުން އެމްޑީއޭ ހިމެނެއެވެ.
އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އިންތިޚާބު ބާއްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް އީސީއިން އަދި ހާމަކޮށްފައެއް ނުވެއެވެ.