10 Dec 2022, 11:24
ބިންޔާ ތުން ފިއްތާލައިގެން ހުރެ މިޒްޔަލްއަށް ބަލައިލިއެވެ. އެކުވެރިން ގޮވައިގެން މިޒްޔަލް އެއައީ ރަނގަޅަށްވެސް އޭނާއާއި ދިމާކުރާށެވެ. ތަނުގެ ހިދުމަތް ހޯދާ މީހުންނަށް އިހުތިރާމުކުރަން ޖެހޭނެތީ، އެމީހުން ކޮންމެ އެއްޗެއް ކިޔަސް، ބިންޔާއަށް އެއްޗެއް ނުބުނެވޭނެކަން މިޒްޔަލްއަށް ރަނގަޅަށް އެނގޭނެ ނޫން ހެއްޔެވެ؟
********
"ކޯއްޗެއްތޯ ބޭނުންވެލައްވަނީ؟..." އާރިފްގެ އަޑަށް ހަތަރު މީހުން އެއްފަހަރާ އެދިމާއަށް ބަލައިލިއެވެ.
އާރިފް ބިންޔާއަށް ލޮލުން އިޝާރާތްކޮށް، އަވަހަށް އެތަނުން ދިޔުމަށް އެންގިއެވެ. ފުރުސަތުގެ ބޭނުން ހިފައި، ބިންޔާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ބަދިގެއަށް ވަންނަން އުޅުނެވެ. އެވަގުތު ދޮރުގެ ދާރައިގައި ބިންޔާގެ ނިތްކުރި ޖެހުނު ތަން މިޒްޔަލްއަށް ރީތިކޮށް ފެނުނެވެ. އެ ހުރިހާ ކަމަކާއި މިޒްޔަލް ހިތްހަމަނުޖެހުނީ އާރިފް ދެކެއެވެ. ބިންޔާ ދިޔަ ދިމާއަށް ބަލަން އިނދެފައި އޭނާ އާރިފަށް ބަލައިލީ، ދެބުމަ ގޮށްޖަހައިލަމުންނެވެ. އެ މަންޒަރު ފެނުމުން، އާރިފް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ.
"ތިން ކަޅު ކޮފީ ގެނެސްދީ..." އާރިފަށް މެނޫ ދިއްކޮށްލަމުން ޝިމާއު ވާހަކަ ދެއްކީ ފޫހިވެފައި އިނދެއެވެ.
އާރިފް ދިޔުމުން، އަމަން ޝިމާއުއާއި ދިމާކުރަން ފެށިއެވެ.
"ހުރެބަލަ އަހަރެން ޗުއްޓީ ނިންމާފަ އައިސް އޭނަގެ އަނގަ ބަންދު ކޮށްލާނަން..." ޝިމާއު އަމަންއަށް ރައްދު ދިނެވެ.
މިޒްޔަލް ތެދުވެގެން ތަންކޮޅެއް ދުރަށް ޖެހިލީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެއެވެ. އޭނާ ގުޅީ ސުދީރަށެވެ. ކަންތައް ކުރަންޖެހޭ ގޮތް ކިޔައިދީފައި ފޯނު ބޭއްވިއިރު މިޒްޔަލްގެ ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ.
ތަށިތައް ދޮންނަން ހުރިއިރު، ބިންޔާގެ ހިޔާލާއި ފިކުރު ވަނީ އެހެން ދިމާއެއްގައެވެ. މިޒްޔަލްއާއި ދިމާވުމަކީ އިއްތިފާގެއް ހެއްޔެވެ؟ ނޫނީ އެއީ މިޒްޔަލް ގަސްދުގައި ކުރާ ކަމެއް ހެއްޔެވެ؟ ބިންޔާ ފެންނަ ކޮންމެ ފަހަރަކު މިޒްޔަލް ބަލަން ހުންނަނީ އާދައިގެ ގޮތަކަށް ނޫނެވެ. އޭނާގެ ގޯނާތަކުން ސަލާމަތްވެވޭނީ ކިހިނެއް ހަދައިގެން ބާއޭ ބިންޔާގެ ހިތަށް އެރިއެވެ. ބިންޔާ އުޅެން ޖެހޭނީ ވިސްނައިގެންނެވެ. މިޒްޔަލްއަކީ ތަނުގެ މުވައްޒަފެކެވެ. އިންޓަވިޔު ޕެނަލުގައި އިން މީހަކަށް އޭނާ ވަޒީފާއިން ކަނޑައިލުން ބޮޑު ކަމަކަށް ނުވާނެކަން ބިންޔާއަށް ވިސްނުނެވެ.
"ސިންކު ފުރިގެން ބަންޑުންވަނީ..." ބިންޔާ ސިހުނީ އާރިފްގެ އަޑު އިވުމުންނެވެ.
ބިންޔާއަށްވުރެ ކުރިން އާރިފް އިސްކޫރު ބަންދު ކުރިއެވެ.
"އަދިވެސް ތި ވިސްނަނީ އެކަމާތަ؟..." ބިންޔާގެ ހިތުގެ ހާލު ވިސްނުނު ފަދައަކުން އާރިފް ސުވާލު ކުރިއެވެ. "މިދާއިރާގަ އުޅެންޏާ، އެކަހަލަ ކިތަންމެ ބަޔަކާ ދިމާވާނެ... ދެން އެކަހަލަ ކަމެއް ވެއްޖެއްޔާ އަހަންނަށް ގޮވާ..."
ބިންޔާ ބޯ ޖަހައިލުމުން އާރިފް ހިނިތުންވެލާފައި ދިޔައެވެ. ސުދީރުގެ ބެލުމުގެ ދަށުން ބިންޔާމެންނަށް ތަފާތު ކާ އެއްޗެހި ތައްޔާރު ކުރަން ދަސްކޮށްދިނެވެ. ހަފްތާއެއް ވީއިރު، ކުރިން ނޭނގޭ އެތައް އެއްޗެއް ހަދަން ބިންޔާ ދަސްކުރިއެވެ. ރެސްޓޯރެންޓްގެ މާހައުލަށް ހޭނޭކަށް އޭނާއަކަށް އުނދަގުލެއް ނުވިއެވެ. އަންހެން ކުއްޖަކަށްވީތީ، އޭނާ އެންމެ ތަންކޮޅެއްވެސް ދުލެއް ނުކުރެއެވެ. ތަނުގައި މަސައްކަތްކުރާ ބައެއް މީހުންގެ އެހީތެރިކަން ލިބުނު ނަމަވެސް، އަންހެން ކުއްޖަކަށް ވީތީ، ބައެއް މީހުން ބިންޔާ ދަށްކޮށްލައެވެ. ހިތްހަމަނުޖެހިގެން ބުނެލާ އެއްޗެހިން ބިންޔާގެ ހިތް ފަޅައިގެންދާވަރު ކުރެއެވެ. އެ ހުރިހާ ކަމަކާއިއެކުވެސް ބިންޔާ ކުރިއަށް ދިޔައީ، އިތުރު ހިތްވަރެއް ކުރަމުންނެވެ. އެތައް ގޮންޖެހުމަކާއި އެކުގައިވެސް، ކުރިއަށް ދިޔުމަށް ބިންޔާއަށް ހިތްވަރަކަށް ވީ ސުދީރާއި އާރިފުގެ އެހީއެވެ.
ބަދިގޭގެ މަސައްކަތްތަކުގައި ބިންޔާ ހުއްޓާ، އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނުން ފެންނަމުންދިޔަ ނަން ފެނި، ބިންޔާގެ ހަރަކާތް ހުއްޓުނެވެ. ހާލަތުގެ ގޮތުން ފޯނު ނަގާކަށް ބިންޔާ ބޭނުމެއް ނުވިއެވެ.
"ޓްރޭނިންގެ ފުރަތަމަ ހަފްތާ ނިމުނީ... ކާއެއްޗެހީގެ ރަހަ ބަލަން މާދަމާ ބޮސް އަންނާނެ... ކޮންމެ މީހަކުވެސް އެމީހަކަށް ތައްޔާރު ކުރެވޭ އެންމެ މީރު އެއްޗެއް ހަދާ..." ސުދީރު އެންގިއެވެ. "މާދަމާ ހަވީރު ފަސްގަޑި ބަޔަށް ހުރިހާ މީހުންވެސް މަސައްކަތް ނިންމަން ވާނެ... ރެޑީ؟.."
ކަންތައް ކުރަންވީ ގޮތުގެ އިރުޝާދު ދީފައި ސުދީރު ބޭރަށް ނުކުތުމުން ބިންޔާވެސް ފަހަތުން ނުކުތެވެ.
"ކުޑަކޮށް ޕްރެކްޓިސް ކޮށްލަން ބޭނުންވާތީ އެންމެ ރަނގަޅުތަ މިރޭ ބަދިގެ ބޭނުންކޮށްލިޔަސް؟..." ބިންޔާ ސުވާލުކުރިއެވެ. "ބަންދު ގަޑީގަ ޕްރެކްޓިސް ކުރާނީ..."
ސުދީރު ވިސްނައިލިއެވެ. އޭނާގެ މޫނުން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެނުނެވެ. އެއީ ސުދީރު އެހާ ރުހޭގޮތެއް ނޫން ކަހަލައެވެ. ނޫނީ އެއީ ސުދީރަށް ޖަވާބުދާރީވެވޭ ވަރުގެ ސުވާލެއް ނޫނެވެ.
"މިރޭ ނުނިދާ ހުރެފަ، މާދަމާ ރަނގަޅަށް މަސައްކަތް ކުރެވޭނެތަ؟..." ސުދީރު އަހައިލިއެވެ.
ބިންޔާ ބޯޖަހައިލީ އަވަސް އަވަހަށެވެ.
"އެންމެ ރަނގަޅު... ބޮސްއާ ވާހަކަ ދައްކާލާފަ ޖަވާބެއް ދޭނަން..." ސުދީރު ބުންޏެވެ.
ބިންޔާގެ ފޯނަށް މެސެޖެއް އައީ އެވަގުތުއެވެ. މެސެޖު ފެނުމުން، ރުޅިގަނޑު ހިންދައިލަން މަސައްކަތް ކުރި ނަމަވެސް ބިންޔާއަކަށް އެކަމެއް ނުވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނުކުންނަން އޭނާ ހިނގައިގަތެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން ހީވެ، ސުދީރުވެސް ބިންޔާގެ ފަހަތުން ދިޔައެވެ.
ރެސްޓޯރެންޓްގެ ބޭރުގައި ހަތަރު ފިރިހެނުން ތިއްބެވެ. އެމީހުން ތިބީ ދެއަތާއި ކަރުގައި އެކި ޒާތުގެ ގަހަނާ އަޅައިގެންނެވެ. ހަށިގަނޑުގެ މަސްތައް ވަރުގަދައިރު، އެމީހުންގެ ބޮލުގެ އިސްތަށިގަނޑުގައި އޮތީ އެކި ކުލަ ޖައްސާފައެވެ. ބިންޔާ ފެނުމުން، އެތަނުން އެކަކު ކުރިއަށް ޖެހިލިއެވެ. އޭނާގެ އަތުގައި އޮތް ލަކުޑިބުރިން ރެސްޓޯރެންޓްގެ ބޭރުގައި ހަރުކޮށްފައި ހުރި ބޯޑުގައި ޖެހި ޖެހީނުން ތަޅާލިއެވެ. ބިންޔާއަށް ހިންދިރުވައިލެވުނީ އުނދަގުލުންނެވެ.
"މިތާ ތިކަހަލަ ކަންތައް ކުރަން ނޫޅޭ... ތިއައީ އަހަރެން ހޯދާކަށްނު... އާދޭ އަހަންނާ އެކީ..." ކުރިއަށް ހިނގައިގަންނަމުން، ބިންޔާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.
ބިންޔާ ގޮސް ވަނީ ރެސްޓޯރެންޓްގެ ކުރިމަތިން ގޮސް ވަދެވެން ހުރި ހަނި ގޯޅިއަކަށެވެ. ހަތަރު ފިރިހެނުންވެސް ބިންޔާގެ ފަހަތުން ދިޔައެވެ. އެ މަންޒަރު ބަލަން ހުރި ސުދީރަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ތަޅާލާފައިވާ ރެސްޓޯރެންޓްގެ ބޯޑުގެ ފޮޓޯ ނެގިއެވެ. އެއަށްފަހު، އެމީހުންގެ ފަހަތުން ސިއްރުން އޭނާ ގޮސް ތަންކޮޅެއް ދުރުގައި ބަލަން ހުއްޓެވެ.
"ބުނެފީމެއްނު ކަންކަން ހަމައަކަށް އެޅުނީމައޭ ދެން ދެވޭނީ..." ބިންޔާ ރުޅި އައިސްފައި ބުންޏެވެ.
"އަހަރެމެން މަޑުން ތިބީމަ އޭގެ ފައިދާ ނަގަނީ ދޯ؟... ކަލޭގެ ބައްޕަ އަންނާނެތަ އެ ފައިސާ ދައްކަން... ނޫނީ ކަށްވަޅުގަ އޮތް މަންމަ..." އެތަނުން އެކަކު ހަޅޭއްލަވައިގަތެވެ.
ބިންޔާގެ ދެއަތް މުށްކެވުނެވެ. އެމީހުންގެ ބަސްތަކުން އޭނާގެ ލޭ ކައްކުވައިލިއެވެ. އެވަރުންވެސް އޭނާ ހުރީ ހިތްވަރުކޮށްގެންނެވެ.
"އަހަރެމެން މިރޭ މިއައީ ދޫކުރާ ގޮތަކަށް ނޫން... ކަލެއަށް ރަނގަޅު ފިލާވަޅެއް ދޭނަން..." ބިންޔާއާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އޭނާ ބުނެލިއެވެ. "ވިހި ހާހަކީ އަހަރެމެންނަށް މަދު އަދަދެއް ނޫނޭ... ކަލޭގެ މަންމަ އައިސް އަހަރެމެން އަތުން އެ ނެގިއިރު، ނޭނގޭތަ ނުދެއްކޭނެ ކަމެއް..."
އެމީހާ ލޮލުން އިޝާރާތްކޮށްލުމާއިއެކު، އެތަނުން އެކަކު ދުވެފައި ގޮސް ބިންޔާގެ މޫނުމަތީގައި ޖެހިއެވެ. ބިންޔާގެ އަނގަ ކައިރި ފަޅައިގެން ގޮސް ލޭ ހިލުނެވެ. ސުދީރަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހަދާނެ ގޮތެއް ނޭނގިގެން، އޭނާ މިޒްޔަލްއަށް ގުޅަން ފެށިއެވެ. ބިންޔާ ގެނައި އަވަސް ހަރަކާތާއިއެކު، ކުރިމަތީގައި ހުރި މީހާ ބިންމައްޗަށް ވައްޓައިލީ ހިނދުކޮޅެއްގެ ތެރޭގައެވެ. ދެން ދުވެފައި އައި މީހާވެސް ތިރިކޮށްލީ ދާދި ފަސޭހައިންނެވެ. އެއީ އާދައިގެ އަންހެން ކުއްޖަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ފެނުނު މަންޒަރުން ސުދީރުގެ ދެލޯ ބޮޑުވިއެވެ. ބިންޔާއަކީ އަންހެން ކުއްޖެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ.
********
މިޒްޔަލްއާއި ސަރަފިއްޔާ ތިބީ ސޯފާގައެވެ. ފޯނު ޖީބުގައި އޮތުމުން ސުދީރު ގުޅާކަމެއް އޭނާއަކަށް ނޭނގުނެވެ. ސަރަފިއްޔާ ދައްކަމުންދިޔަ އަންހެން ކުއްޖާގެ ވާހަކައިން މިޒްޔަލް އިނީ ނިދިއަންނަގޮތް ވެފައެވެ. އެއީ ސަރަފިއްޔާގެ އެކުވެރި މަމްދޫހާގެ މާމަ ދަރިފުޅުގެ ސަރާގެ ވާހަކައެވެ. ސަރާއާއި މިޒްޔަލް އުމުރުގެ ގޮތުން އެއްވަރެވެ. ދެމީހުންގެ ބައްދަލުވުން ހަމަޖައްސަން ރަނގަޅު ވަގުތަކާއި ބެހޭގޮތުން ސަރަފިއްޔާ މިޒްޔަލްއާއި ސުވާލު ކުރަމުން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި މިޒްޔަލް އިނީ ސިކުނޑި ސުމަކަށް ގޮސްފައެވެ. މާމަގެ ކައިރިން ސަލާމަތްވާނީ މީހަކާއި އިން ދުވަހަކުން ކަން އޭނާއަށް އެނގުނެވެ.
"މާމާ ދުވަސްކޮޅެއް ދީބަލަ... އަޅުގަނޑު ރެސްޓޯރެންޓްގަ ވަރަށް ބިޒީ..." މިޒްޔަލް ބަހަނާއެއް ދައްކަން އުޅުނެވެ.
"އެހެންވިއްޔާ މާމަ ބުނެފާނަން ސަރާ ކައިރީ ރެސްޓޯރެންޓަށް ދާށޭ... އޭރުން މާ ރަނގަޅުވާނެ... ދެ ކުދިން އެއްކޮށް މަސައްކަތް ކުރާނީ..." ސަރަފިއްޔާ ހަދިޔާކޮށްލީ ފުޅާ ހިނިތުންވުމެކެވެ.
މާމަގެ ސަބަބުން މިޒްޔަލްގެ ސިކުނޑި ސުމަކަށް ދިޔައެވެ. ދެކޮލުގައި އަތް ވިއްދައިލި ގޮތަށް އޭނާ އިނީ ހަދާނެގޮތް ހުސްވެފައެވެ. ބުނާނެ އެއްޗެއް ދުލަށް ނައި ތަނުގައި މާމަގެ ހިތުގައި ޖެހޭފަދަ އެއްޗެއް ބުނާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ.
ޒަޔާން ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ތިރިއަށް ފައިބައިގެން އައެވެ. މިޒްޔަލްއާއި ސަރަފިއްޔާ ފެނި، އެމީހުންގެ ހަރަކާތްތަކަށް ބަލަން އޭނާ އިރުކޮޅަކު މަޑުކޮށްލިއެވެ. މިޒްޔަލްގެ މޫނުން ފެންނަމުންދިޔަ ނުތަނަވަސްކަން ޒަޔާނަކަށް ސިއްރެއް ނުވިއެވެ. ޒަޔާން ފެނުމާއިއެކު އެމީހުން ދައްކަމުން އައި ވާހަކަ ހުއްޓައިލިއެވެ. ސަރަފިއްޔާ ދެއްކީ މިޒްޔަލްގެ ކައިވެނީގެ ވާހަކަހެން ހީވުމުން، ޒަޔާން ނިންމީ މިޒްޔަލްއަށް އެހީވާށެވެ. ޔަގީނުންވެސް މިޒްޔަލް އެގޮތް ބޭނުން ނުވާކަށް އެ މޫނުގެ އަސަރުތަކުން އެނގޭތީއެވެ. ޒަޔާން ގޮސް ސޯފާގައި އިށީނެވެ. ސަރަފިއްޔާ ބަލައިލީ ހިތްހަމަނުޖެހިފައެވެ. ޒަޔާން އައުމުން އެހާ އުފާވި ދުވަހެއް މިޒްޔަލްގެ ހަނދާނުގައިވެސް ނެތެވެ. މާމަ ދައްކަމުންދިޔަ ވާހަކަ އެނޫން ގޮތަކަށް ނޫނީ ނުހުއްޓުވޭނެ ކަން އޭނާއަށް އެނގުނެވެ.
"ދޮންބޭ، ރެސްޓޯރެންޓްގެ ކަންތައް ކިހިނެއް؟... މާދަމާ އެބައޮތް ދޯ ޓޭސްޓް ކުރުން..." ޒަޔާން ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ. ސަރަފިއްޔާގެ މޫނުގެ ކުލަވަރު ހުރިގޮތުން ވާހަކަ ދެއްކުންވެސް ޒަޔާނަށް ފަސޭހަ ކަމަކަށް ނުވިއެވެ.
"ރަނގަޅު... އޭރަށް ވާއިރަށް ވަރަށް ތައްޔާރީތައްވެސް އެބައޮތް..." މިޒްޔަލް ޖަވާބު ދިނެވެ.
"އާނ... މިހާރު ދާންވީނު... އޭރުން އަވަހަށް ނިމޭނީ... ދެ މީހުން އުޅުނީމަ ވަރަށް އަވަސްވާނެ..." ޒަޔާން ބުނެލިއެވެ.
ޒަޔާން ތެދުވި ބާރުމިނުގައި މިޒްޔަލްވެސް ތެދުވިއެވެ. ސަރަފިއްޔާގެ މޫނު މިލައިގެން ދިޔައެވެ. ދައްކަން އުޅުނު ވާހަކަ ފުރިހަމަ ނުވުމުން، އޭނާގެ ހިތަށް އުނދަގޫވިއެވެ. ޒަޔާން ފާޑަކަށް ހިނިއައިސްފައި ހުރެ، ގޭތެރެއިން ނުކުތެވެ.
"ތޭންކްސް..." ގޭތެރެއިން ނުކުންނަމުން ނޭނގޭ ކަމަށް ހަދާފައި މިޒްޔަލް ބުނެލިއެވެ.
ޒަޔާން އެތައް އިރަކު ހުއްޓުން އަރާފައި ހުއްޓެވެ. އޭނާއަށް އަޑު އިވުނީ ރަނގަޅަށް ހެއްޔެވެ؟ މިޒްޔަލް ވާހަކަ ދެއްކުމުން އުފަލުން ޒަޔާންގެ ލޮލުން ކަރުނަ ހިލުވައިލިއެވެ.
********
ރެސްޓޯރެންޓް ބަންދުކުރި އިރުވެސް ބިންޔާ ބަދިގެތެރޭގައި އުޅުނެވެ. ހަވާލުކުރި މަސައްކަތުން ރަނގަޅު ނަތީޖާއެއް ހޯދުމަކީ ބިންޔާގެ އަޒުމެވެ. ކަބަޑުތައް އުސްކަމުން ބިންޔާއަށް އެއްޗެހި ނަގަން ޖެހުނީ ގޮނޑިއަށް އަރައިގެންނެވެ. ސޯޔާ ސޯސްފުޅި ނެގުމަށް ބިންޔާ ހުރީ ގޮނޑިއަށް އަރައެވެ. މަސައްކަތަށް ގޮސް ގެއްލިފައި ހުރުމުން، ބަދިގެއަށް މީހަކު ވަންކަމެއް އޭނާއަކަށް ނޭނގެއެވެ. ބިންޔާ ސިހުނީ އޭނާއާއި ދާދި ގާތުގައި ހުއްޓުނު މީހަކު، ސޯޔާ ސޯސްފުޅި ނެގުމުންނެވެ. ލިބުނު ސިހުމުގައި އަރިއަކަށް ޖެހިލި ވަގުތު، އެމީހަކު ބިންޔާގެ ގައިގައި ހިފަހައްޓައިލިއެވެ.
"ޔޫ؟..." މިޒްޔަލް ފެނުމުން، ބިންޔާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
މިޒްޔަލް ފާޑަކަށް ހީލާފައި ބިންޔާގެ ގައިން ދޫކޮށްލިއެވެ.
"ތިއުޅެނީ ކުޑަ އެންޓެއް އުޅޭހެން... ވެއްޓިއްޖެއްޔާ ރޫޅޭނެ..." މިޒްޔަލް ޖަހައިލީ ލުއި ހިނިގަނޑެކެވެ.
ބިންޔާ އަވަހަށް ގޮނޑިން ފުންމައިލިއެވެ. އެވަގުތު ބިންޔާގެ މޫނަށް ލިބިފައިވި ޒަހަމް ފެނި، މިޒްޔަލް ހާސްވިއެވެ. ބިންޔާ މޫނު އަނބުރައިލުމުން، މިޒްޔަލްގެ ދެއަތުން އެ އަންހެން ކުއްޖާގެ ކުޑަކުޑަ މޫނުން ހިފަހައްޓައިލިއެވެ. މަޑުމަޑުން މިޒްޔަލްއާއި ވީ ފަރާތަށް އަނބުރުވައިލިއެވެ.
(ނުނިމޭ)