10 Dec 2022, 10:43
އާޖެންޓީނާއާއި ނެދަލޭންޑްސް ރޭ ބައްދަލުކުރި މެޗު ކަވަރު ކުރަން ހުއްޓައި ނޫސްވެރިއަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވީ، ފުޓުބޯޅައިގެ ޚަބަރުތައް ކަވަރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގްރާންޓް ވޯލް ކިޔާ ނޫސްވެރިއެކެވެ. އޭނާއަކީ ފޮކްސް ނޫހުގައި ކުޅިވަރު ކަވަރުކުރާ ނޫސްވެރިއެކެވެ.
އޭނާ މަރުވީ މެޗުގެ ޚަބަރު ކަވަރުކުރަން ހުއްޓައި ނޭވާލާން ދަތިވެގެންނެވެ. އެކަން އޭނާގެ އާއިލާއިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މުބާރާތް ކަވަރު ކުރަމުން ދިޔަ އިރުވެސް އޭނާގެ ފަރާތުން އޭނާގެ ހާލު ދަށްވަމުން އައި ކަމުގެ އެކި ކަހަލަ އަލާމާތްތައް ފެނިފައިވެއެވެ.
ވޯލްގެ ހާލަތު ދަށްވެ، އޭނާ މަރުވާން ދިމާވީ، މުބާރާތް ކަވަރު ކުރުމުގައި އޭނާ ގެންގުޅުނު ބިޒީ ޝެޑިއުލްގެ ސަބަބުންކަމަށް އޭނާގެ އެޖެންޓު ޓިމް ސްކޭލަން ބުނެއެވެ.
އުމުުރުން 48 އަހަރުގައި، ވޯލް މަރުވީ އޭނާގެ އަށް ވަނަ ވޯލްޑަކަޕް ކަވަރޭޖުގެ ތެރެއިންނެވެ.
އޭނާ، ނޫސްވެރިކަމުގެ ކެރިއަރު ފެށީ 1996 ވަނަ އަހަރު ސްޕޯޓްސް އިލުސްޓްރޭޓެޑްގައެވެ. އެ ކަމުގައި އޭނާ 24 އަހަރު މަސައްކަތް ކުރިއެވެ.
އޭގެ ފަހުން ގާތްގަނޑަކަށް ވިއްސަކަށް އަހަރު މެދުނުކެނޑި އޭނާ ވަނީ ފުޓުބޯޅަ ކަވަރުކުރުމުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން އައި ކޮންމެ ވޯލްޑްކަޕެއް ވެސް މުބާރާތް ބާއްވާ ގައުމަކަށް އޭނާ ގޮސް، ކަވަރު ކުރިއެވެ.
"ފުޓުބޯޅައަށް ގްރާންޓްގެ އޮތް ލޯތްބާއި، އޭނާގެ ޕްރޮފައިލް ކުޅިވަރު ދުނިޔޭގައި ކުރިއެރުމަކީ، މި ކުޅިވަރާ މެދު އާންމުންގެ ޝައުގާއި އިހްތިރާމް ލިބިގެން ދިޔަ ކަމެއް،" ޔޫއެސްގެ ސޮކާ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ވޯލް ވަނީ މި ފަހުން އޭނާގެ ސިއްހީ ހާލަތު ހުރި ގޮތާ ގުޅޭ ގޮތުން ވެސް ލިޔެފައެވެ. އެގޮތުން ޚަބަރުތަކާއި އިވެންޓުތައް ކަވަރުކުރުމަށްފަހު ރޭގަނޑު ނިދަން ލިބެނީ އެންމެ ގިނަވެގެން ވެސް ފަސް ގަޑިއިރުގެ ނިދިކަަމަށް އޭނާ ބުނެފައިވެއެވެ.
"އަހަރެންގެ ހަށިގަނޑު އެންމެ ފަހުން އެއްކޮށް ފުނޑުނީ. ހަމަ ނިދި ނުލިބި ތިން ހަފުތާ، ސްޓްރެސްކުރާ އެެތައް ކަމަކާއި، ހުއްޓުމެއް ނެތި މަސައްކަތް ކުރަން ޖެހުނީމާ ހަށިގަނޑަށް އެހެން ވާނެ،" މިދިޔަ ހޯމަ ދުވަހު ވޯލް އޭނާގެ ހާލަތާ ގުޅޭގޮތުން ލިޔެފައިވެއެވެ.