09 Apr 2012, 16:36
ދިމިޝްގް (އެޕްރީލް 9): އިދިކޮޅު ހަނގުރާމަވެރިންގެ ޙަރަކާތްތައް ހުއްޓާނެ ކަމުގެ ގެރެންޓީ ލިޔުމަކުން އދ. އިން ނުދެނީސް ހަނގުރާމަވެރިންގެ ޙަރަކާތްތައް ގިނަ ސަރަޙައްދުތަކުން ސިފައިންނާއި ހަތިޔާރު ނުބާލާނެ ކަމަށް ސޫރިޔާ ބުނެފި އެވެ.
ސޫރިޔާގެ ޚާރިޖިއްޔާގެ ތަރްޖަމާން ޖިހާދުލްމަޤްދިސީ ވިދާޅުވީ އިދިކޮޅު ހަނގުރާމަވެރިންގެ ޙަރަކާތްތައް ހުއްޓާލުމުން ނޫނީ ހަނގުރާމަ ހިނގާ ސަރަޙައްދުތަކުން ސިފައިންނާއި ބަރުހަތިޔާރު ބޭލެން ނޯންނާނެ ކަމުގައެވެ. ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނައުމަށްޓަކައި އދ.ގެ މަންދޫބު ކޯފީ އަނާން އެކަށައެޅުއްވި ޕްލޭން ތަންފީޒުކުރާނެކަން އެޤައުމުގެ ސަރުކާރުން ހާމަކޮށްފައިވީ ނަމަވެސް ސަރުކާރު ވައްޓާލުމަށް ޓަކައި އިދިކޮޅު ފަރާތްތަކުން ހިންގާ ޢަމަލުތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އަދިވެސް ގެންދަނީ އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރަމުންނެވެ. އިދިކޮޅު ހަނގުރާމަވެރިން ބުނެފައި ވަނީ އެމީހުން ޙަމަލާތައް މާދަމާ ހުއްޓާލާނެ ކަމުގަ އެވެ.
އިދިކޮޅު ހަނގުރާމަވެރިންނާއި ސަރުކާރު ސިފައިންނާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި ވެސް 130 އަށްވުރެ ގިނަމީހުން މަރުވެ އެތަށް ސަތޭކަބަޔަކު ޒަޚަމްވެފައިވެ އެވެ. މަރުވި މީހުންގެ ތެރޭގައި ސަރުކާރު ސިފައިންގެ 27 މީހަކާއި ޢާންމުންގެ 80 އަށްވުރެ ގިނަމީހުންނާއި އިދިކޮޅު ހަނގުރާމަވެރިންގެ ތެރެއިން ވެސް 22 ހަކަށް މީހުން ހިމެނެ އެވެ.
ސޫރިޔާގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ހިނގަމުންދާ ލޭއޮހޮރުވުންތަކުގައި މަރުވި މީހުންގެ ޢަދަދުވަނީ 10 ހާހަށްވުރެ މައްޗަށް ގޮސްފަ އެވެ. ޒަޚަމްވި މީހުންގެ ޢަދަދު 30 ހާހަށް އަރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސޫރިޔާ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެރިރަށް ދިމިޝްޤުގައި މިދިޔަ އާދިއްތަ ދުވަހު ރައީސް ބައްޝާރުލްއަސަދަށް ތާއީދުކޮށް މުޒާހަރާކޮށްފައިވާ އިރު މިއީ މިފަހަކަށް އައިސް ސަރުކާރުގެ ސަޕޯޓަރުން ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށް މުރާސިލުން ބުނެ އެވެ.
ސޫރިޔާ ސަރުކާރުން ބުނަނީ އިދިކޮޅު ހަނގުރާމަވެރިން ޙަމަލާތައް ހުއްޓާލުމަށް ފަހު ސުލްޙަ ޚިޔާރުކޮށްފި ނަމަ ޤައުމަށް ސުލްޙަ ގެނެވޭނެކަމުގަ އެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިން މަސައްކަތް ކުރަނީ ސުލްޙަވެރިކަމާ އެކު ޤައުމަށް އިސްލާޙްތައް ގެންނަންނޫން ކަމަށާއި އެމީހުން މަސައްކަތްކުރަނީ ބޭރުގެ އެޖެންޑާއެއްގެ ދަށުން ޤައުމު ހަލާކުކޮށްލުމަށް ކަމަށް ސޫރިޔާ ސަރުކާރުން ބުނެ އެވެ. ސޫރިޔާގެ މައްސަލަ ގޯސްވީ ސުލްޙަވެރިކަމާ އެކު ސަރުކާރާ ދެކޮޅަށް މުޒާހަރަކުރި މީހުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރުމާ އެކު އިދިކޮޅު ފަރާތްތަކުން ވެސް ހަތިޔާރުގައި ހިފުމުންނެވެ.
ސޫރިޔާގެ ޙާލަތާއި އެޤައުމުގެ ސިޔާސީ މަސްރަޙް އޮތްގޮތުން ބާރުގެ ބޭނުންކޮށްގެން ރައީސް ބައްޝަރުލްއަސަދްގެ ސަރުކާރު ވައްޓާލުމަކީ ގާތްގަނޑަކަށް މުސްތަޙީލް ކަމެއް ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ސޫރިޔާގެ ގިނަ ބަޔަކު ބައްޝާރުލްއަސަދްގެ ވެރިކަމާދެކޮޅަށް ނުނުކުންނަނީ ނުވަތަ ބައްޝާރުގެ ވެރިކަން ބާރުގެ ބޭނުންކޮށްގެންނާއި ބޭރުގެ ފަރާތްތަކާގުޅިގެން ވައްޓާލަން ބޭނުންނުވަނީ ޢިރާޤަށާއި ލީބިޔާ އަށް ވެގެންދިޔަ ނިކަމެތިގޮތްތަކުގެ ތަޖްރިބާއަށް ބަލާފައި ކަމަށް މުޙައްލިލުން ބުނެ އެވެ. (އަލްޖަޒީރާ)