މީގެ 37 އަހަރު ކުރިން، 1985 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު، މަޑެއިރާގެ ފުންޗަލްގެ އާއިލާއަކަށް އުފަން ކްރިސްޓިއާނޯ ރޮނާލްޑޯ ޑޮސް ސަންޓޯސް އަވެއިރޯ ނުވަތަ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިއަދު އެ ނަން ނުދަންނަ މީހަކު ނެތް ޝަހްސިއްޔަތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ނިކަމެތި ދިރިއުޅުމެއް އުޅެމުންދިޔަ ދެމަފިރިއަކަށް ލިބުނު އެންމެ ހަގު ދަރިފުޅު، ރޮނާލްޑޯ އަކީ މިއަދު ދުނިޔޭގެ އެންމެ މަގްބޫލު، އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅިވަރު ޝަހްސިއްޔަތެވެ.

ޕާޓް ޓައިމް ކިޓް މޭން އެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ހޯސޭ ޑިނިސް އަވެއިރޯއާއި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މާރިއާ ޑޮލޮރެސްއަށް ލިބުނު ހަތަރު ވަނަ ދަރި، ރޮނާލްޑޯ އަކީ މިއަދު ކުޅިވަރުގެ ދާއިރާގައި އެންމެ މުއްސަނދިއެއް ޝަހްސިއްޔަތެވެ.

ފުޓުބޯޅައިގައި ގާއިމްކުރެވޭނެ އެންމެހާ ރެކޯޑެއް މިއަދު އޭނާ ގާއިމްކޮށްފައިވީ ނަމަވެސް، އެ ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ރޮނާލްޑޯ ދަތުރުކުރީ، ކަށިކުނބުރު ބިޔަ ޖަންގައްޔެއްހާ އުނދަގޫ ރާސްތާއަކުންނެވެ.

ރޮނާލްޑޯ ކުޑައިރު --

ރޮނާލްޑޯ

ރޮނާލްޑޯގެ ހަޔާތުގެ ފެށުމަކީވެސް ބޮޑު ހަނގުރާމައެކެވެ. ފަގީރުކަމާއި، ރޮނާލްޑޯގެ ބައްޕައަކީ ރަލުގެ ވަބާގައި ޖެހިފައިވާ މީހަކަށް ވުމުގެ އިތުރުން، އެ ދެމަފިރިންގެ އިތުރު ތިން ދަރިންވެސް ތިބުމާއެކު، ރޮނާލްޑޯގެ މަންމަ ބޭނުންވީ، ރޮނާލްޑޯއަށް ބަނޑުބޮޑުވެފައި އިންދާ އެބޯޓު ކުރުމަށެވެ.

ރޮނާލްޑޯގެ މަންމަ މާރިއާއަށް އެކަން ކާމިޔާބު ނުވީ، އެކަމަށް ޑޮކްޓަރު ދެކޮޅު ހެދުމުންނެވެ. ފަގީރު ކަމުގެ ސަބަބުން، މާގިނަ ޑޮކްޓަރުންތަކަކަށް ދެއްކޭނެފަދަ ނެތުމުންނެވެ. ބޭނުންނުވި ދަރިއެއްގެ ގޮތުގައި ރޮނާލްޑޯ ދުނިޔެއަށް އުފަންވި ނަމަވެސް، މިއަދު މާރިޔާ އެންމެ ލޯބިވާ، އެންމެ ފަހުރުވެރިވާ ދަރިއަކީ ރޮނާލްޑޯއެވެ.

ރޮނާލްޑޯއާއި އޭނާގެ މަންމަ ---

ރޮނާލްޑޯ ކުޅޭ އެންމެ މެޗެއްވެސް ދޫކޮށް ނުލާ، އެ ހުރިހާ މެޗެއް މާރިއާ މިއަދާ ހަމައަށް ވެސް ބެލުން އެއީ އެކަމުގެ ހެއްކެކެވެ.

ރޮނާލްޑޯގެ ފުޓުބޯޅަ ހަޔާތުގެ ފެށުން

ރަސްމީ ހައިސިއްޔަތެއް ލިބި ރޮނާލްޑޯ އެންމެ ފުރަތަމަ ކުލަބެއްގެ ޖާޒީގައި ކުޅުނީ އުމުރުން އެންމެ ހަތް އަހަރުގައެވެ. އެގޮތުން 1992 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރާއި ހަމައަށް، ރޮނާލްޑޯގެ ބައްޕަ ކިޓް މޭންއެއްގެ ވަޒީފާ އަދާކުރަމުންދިޔަ ކުލަބު، އެންޑޮރީނިއާއަށް ރޮނާލްޑޯ ކުޅެން ފެށިއެވެ. އޭގެފަހުން ދެ އަހަރު ދުވަހު ރޮނާލްޑޯ ވަނީ މަޑެއިރާގެ ނޭޝަނާލްއަށް ކުޅެފައެވެ.

އުމުރުން 12 އަހަރުގައި ރޮނާލްޑޯ ވަނީ ސްޕޯޓިންގް ލިސްބަންގެ ޓްރަޔަލް އެއްގައި ބައިވެރިވެފައެވެ. އެ ޓްރަޔަލްގައި ރޮނާލްޑޯ ދެއްކި ކުޅުމުގެ ސަބަބުން، 1500 ޔޫރޯގެ އަގަކަށް އެ ޓީމުން ރޮނާލްޑޯގެ ސޮއި ހޯދިއެވެ. އެއަށްފަހުގައި ރޮނާލްޑޯ ވަނީ ސްޕޯޓިންގެ ޔޫތު އެކަޑަމީގައި ދުވަސްތައް ހޭދަކޮށްފައެވެ.

ރޮނާލްޑޯ ސްޕޯޓިންގް ލިސްބަންގެ ޖާޒީގައި ---

ފުޓުބޯޅައަށް އިސްކަން ދިނުމުގެ ގޮތުން އުމުރުން 14 އަހަރުގައި ރޮނާލްޑޯ ވަނީ ކިޔެވުން ހުއްޓާލާފައެވެ. އެއީ އޭނާ ކިޔަވަމުންދިޔަ ސްކޫލުގައި މަސައްކަތް ކުރަމުންދިޔަ ޓީޗަރަކާ ދިމާލަށް، ގޮނޑިއެއް އެއްލުމުގެ ސަބަބުން އޭނާ ސްކޫލުން ކަނޑާލުމާއި ގުޅިގެން، މާރިއާގެ މަޝްވަރާގެ މަތީން ރޮނާލްޑޯ ނިންމި ނިންމުމެކެވެ. މި ނިންމުން ނިންމުމުގައި ރޮނާލްޑޯ ވިސްނީ، އޭނާއަށް ސެމީ-ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅަ ކުޅެވިދާނެ ކަމަށެވެ.

ފުޓުބޯޅަ ކުޅުން މުޅިން ހުއްޓާލަން ޖެހިދާނެ ކަމަށް ބެލެވުނު

ކާމިޔާބީގެ މަގަކީ ދަތުރުކުރަން އުނދަގޫ މަގެކެވެ. ގިނަ އަޑިގުޑަން ތަކާއި، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ މަގެކެވެ. ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގެ ފަހަތުގައި، މިފަދަ އެތައް އަޑިގުޑަންތަކެއް އެބަހުއްޓެވެ. އެގޮތަށް އެކަން ވާނެކަމަށް އޭނާ ކުރިންވެސް ގަބޫލުކުރިއެވެ. އެހެންނަމަވެސް އެހާ ޅަ އުމުރެއްގައި މިފަދަ ބޮޑު ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމަށް އޭނާ އުންމީދުވެސް ނުކުރެއެވެ.

ކިޔެވުން ހުއްޓާލައި ފުޓުބޯޅައިން ކުރިއަށްދާން ނިންމި ރޮނާލްޑޯގެ ކެރިއަރުގައި ކުރިމަތިވި ފުރަތަމަ ގޮންޖެހުންވީ، އޭނާއަށް ނުހަނު ބޮޑު މާޔޫސްކަމެއް ގެނުވި ކަމަކަށެވެ. އުމުރުން އެންމެ 14 އަހަރުގައި، ޓަކަކާޑިއާ ނަމަކަށް ކިޔާ ބައްޔެއް، ރޮނާލްޑޯގެ ކެރިއަރަށް ހިޔަނިއެޅިއެވެ.

މިއީ އާދަޔާ ހިލާފަށް، ނުވަތަ އަރާމުކުރަން ޖެހޭ މިންވަރަށްވުރެ ބާރަށް ނުވަތަ އިތުރަށް ހިތުގެ ހިނގުން ހުރުމަށް ކުރިމަތިކުރުވާ ބައްޔަކަށް ކިޔާ ނަމެކެވެ. އެހެންނަމަވެސް ދެންވެސް އުންމީދު ކަނޑާނުލައި، ސާޖަރީއެއް ހެދުމަށްފަހުގައި ރޮނާލްޑޯ ކެރިއަރެއް ބިނާކުރުމުގެ މަސައްކަތް ފެށިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ސާޖަރީ ހެދިތާ މާގިނައިރުތަކެއް ނުވެ ރޮނާލްޑޯ ހޮސްޕިޓަލުން ދޫކޮށްލި ކަމާއި މާގިނަ ދުވަސްތަކެއް ނުވެ އޭނާ އަލުން ޓީމުގެ ފަރިތަކުރުންތަކާ ގުޅުނު ކަމެވެ.

ޕްރޮފެޝަނަލް ކެރިއަރުގެ ފެށުން

ޔޫތު އެކަޑަމީގައި ރޮނާލްޑޯ ދައްކަމުންދިޔަ މޮޅު ކުޅުމުގެ ސަބަބުން، އުމުރުން 16 އަހަރުގައި ރޮނާލްޑޯ ސްޕޯޓިންގެ ސީނިއާ ޓީމަށް ޕްރޮމޯޓުވިއެވެ. މިއާއެކު ރޮނާލްޑޯ ވެގެންދިޔައީ، އެއް ސީޒަނެއްގައި އެ ކުލަބުގެ 16 އަހަރުން ދަށުގެ ޓީމާއި، 17 އަހަރުން ދަށުގެ ޓީމު އަދި 18 އަހަރުން ދަށުގެ ޓީމަށާއި އެކުލަބުގެ ބީ ޓީމަށް އަދި ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޕޯޗުގަލްގެ ފުރަތަމަ ޑިވިޝަނުގައި ރޮނާލްޑޯ އެންމެ ފުރަތަމަ މެޗެއް ކުޅުނީ އުމުރުން 17 އަހަރުގައެވެ. އެއީ 2002 ވަނަ އަހަރުއެވެ. ފުރަތަމަ ޑިވިޝަނުގައި ރޮނާލްޑޯ ސްޕޯޓިންއަށް ފުރަތަމަ މެޗު ކުޅެދިނީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ރޮނާލްޑޯ ސްޕޯޓިންގެ ޖާޒީގައި، އެ ލީގުގައި ފުރަތަމަ ލަނޑު ޖެހީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އެޓީމުން މޮރެއިރެންސްގެ މައްޗަށް 0-3 އިން ކުރި ހޯދި މެޗުގައެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ރޮނާލްޑޯ ސްޕޯޓިންގް ލިސްބަންއަށް ކުޅުނު މެޗެއްގެ ތެރެއިން--

ރޮނާލްޑޯގެ ހުނަރު ފެނި އެތައް ބަޔަކު އާޝޯހުވިއިރު، އޭނާގެ އޭޖެންޓުން ވަނީ ޕްރިމިއާ ލީގާއި ލަލީގާގެ ބައެއް ކުލަބުތަކަށް ރޮނާލްޑޯ ހުށަހަޅާފައެވެ. އެގޮތުން ބާސެލޯނާއާއި ލިވަޕޫލްގެ ވެރިންނާއެކު ރޮނާލްޑޯގެ މަޝްވަރާތައް ކޮށްފައިވެއެވެ.

މީގެއިތުރުން އާސެނަލްގެ އޭރުގެ ކޯޗު، އާސެން ވެންގާ ވަނީ، ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކޮށް އޭނާއާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

އެލެކްސް ފާގަސަންއާއި މެންޗަސްޓާ ޔުނައިޓެޑް

ސާ އެލެކްސް ފާގަސަން އަކީ ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގައި ބިންގާ އަޅައިދިން މޭސްތިރިއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އޭނާއަކީ ރޮނާލްޑޯ ކުޅިވަރު ބައްޕައެއްގެ ގޮތުގައި ދެކުނު ޝަހްސިއްޔަތެވެ.

ޔޫރަޕުގެ ކުލަބުތަކުން ރޮނާލްޑޯއަށް ޝައުގުވެރިކަން ފާޅުކުރަމުންދަނިކޮށް، މެންޗަސްޓާ ޔުނައިޓެޑުގެ ކޯޗު، އެލެކްސް ފާގަސަން ވަނީ ރޮނާލްޑޯގެ ސޮއި ހޯދާފައެވެ. ފުރަތަމަ ވިސްނުން ގެންގުޅުނީ ރޮނާލްޑޯއާއެކު ޔުނައިޓެޑުން އެއްބަސްވުމެއް ހަދައި، އެއް އަހަރުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕޯޓިންއަށް އޭނާ ކުޅުމުގެ ފުރުސަތު ދޭށެވެ. އެހެންނަމަވެސް ފަހުން ފާގަސަން ނިންމީ ރޮނާލްޑޯ ދޫނުކުރުމަށެވެ.

ރޮނާލްޑޯއާއި އެލެކްސް ފާގަސަން..

ރޮނާލްޑޯ ގެނައުމަށް މެންޗަސްޓާ ޔުނައިޓެޑުން 12.24 މިލިއަން ޕައުންޑު ހަރަދުކުރިއެވެ.

ދެހާސް ތިން ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު ރޮނާލްޑޯ ޔުނައިޓެޑުގެ އެއްބަސްވުމުގައި ސޮއި ކުރިއިރު އޭނާ ބޭނުންވީ އެ ކުލަބުގެ 28 ނަމްބަރު ޖާޒީއެވެ. އެހެންނަމަވެސް ފާގަސަން އޭނާއަށް ހުށަހެޅީ، ޑޭވިޑް ބެކަމްއާއި އެރިކް ކެންޓޯނާ ފަދަ ކުޅުންތެރިން ކުޅެފައިވާ ޔުނައިޓެޑުގެ ހައިބަތު ބޮޑު ހަތް ނަމްބަރު ޖާޒީއެވެ.

ޔުނައިޓެޑުގެ ޖާޒީގައި ރޮނާލްޑޯ އެންމެފުރަތަމަ މެޗެއް ކުޅުނީ 2003 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާ އެކުލަބަށް އެންމެ ފުރަތަމަ ލަނޑެއް ޖަހައިދިނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ޕޯޓްސްމައުތާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެއީ ފްރީކިކް އަކުން ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑެކެވެ.

ކެރިއަރުގެ ކާމިޔާބީތައް ފެށުމާއި ބައްޕަ މަރުވުން

ދެހާސް ފަސް ވަނަ އަހަރަކީ އަނެއްކާ ވެސް ރޮނާލްޑޯގެ ހަޔާތުގައި ހިތާމަވެރި ދުވަހެއް އައި އަހަރެކެވެ. އޭނާގެ އުމުރުން އެންމެ 20 އަހަރުގައި އޭނާގެ ބައްޕަ މަރުވުމާ ގުޅިގެންނެވެ. ރަލުގެ މަސްތުގައި ޖެހި، އެކަމުން އަރައި ނުގަނެވި ލިވާ ފެއިލްވެގެން ރޮނާލްޑޯގެ ބައްޕަ މަރުވިއިރު، އެއީ ޔުނައިޓެޑާއެކު އޭނާ ހޭދަކުރި ދެވަނަ އަހަރެވެ.

ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގައި ރޮވިފައި ހުރެ ވާހަކަދައްކަމުން ރޮނާލްޑޯ ވަނީ އޭނާގެ ޖަޒުބާތުތައް ބޭރުކޮށްލާފައެވެ. ބައްޕައާ ކިތަންމެ ގާތް ގުޅުމެއް ބާއްވަން ބޭނުންވި ނަމަވެސް، އެކަމުގެ ނަސީބު ނުލިބުން ވާހަކައެވެ. ބައްޕަގެ ސަބަބުން ފުޓުބޯޅަ ކެރިއަރެއް ފެށި، އެކަމުގެ އުފާ ލިބުނު ދުވަހު އެކަން ތަޖުރިބާކުރުމަށް އޭނާގެ ގާތުގައި ބައްޕަ ނެތުމުން ކުރެވޭ ހިތްދަތި އިހުސާސްތައް ރޮނާލްޑޯ އެ އިންޓަވިއުގައި ކިޔައިދިނެވެ.

ރޮނާޅްޑޯއާއި އޭނާގެ ބައްޕަ --

ބައްޕަ ނެތްނަމަވެސް، ބައްޕަ ފަހުރުވެރި ކޮށްދިނުމުގެ ވަރުގަދަ އަޒުމުގައި ކުޅެމުންދިޔަ ރޮނާލްޑޯ، މެންޗަސްޓާ ޔުނައިޓެޑް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވީ 2009 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

އެ މުއްދަތުގެ ތެރޭގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ޓީމު، އަދި އިންޑިވިޖުއަލް އެތައް ކާމިޔާބީއެކެވެ.

މަޑެއިރާގެ ލިސްބަންއިން މެންޗަސްޓާ ޔުނައިޓެޑަށް، އެއަށްފަހު ރެއާލް މެޑްރިޑުން އިޓަލީގެ ޔުވެންޓަސްއަށް އަދި އަލުން އެނބުރި މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވި ރޮނާލްޑޯގެ ކެރިއަރުގައި މިއަދާއި ހަމައަށް އައިއިރު، އެހެން އެއްވެސް ކުޅުންތެރިއަކަށް ހޯދިފައި ނުވާ އެތައް ޝަރަފަކާއި ފަހުރެއް އޭނާ ވަނީ ހޯދާފައެވެ.

ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ދައްކާލުން --

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު، ބެލަންޑޯ އެވޯޑު ފަސް ފަހަރަށް ރޮނާލްޑޯ ވަނީ ހޯދާފައެވެ. ފީފާއިން ހޮވާ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑުވެސް އެތައް ފަހަރެއްގެ މަތިން ހޯދާފައިވެއެވެ.

ގޯލް މެޝިނެއްގެ ގޮތުގައި ސިފަކުރާ ރޮނާލްޑޯގެ ލަނޑުގެ ރެކޯޑުތަކަކީ، އެ ރެކޯޑުތަކަކާއި އެހެން ކުޅުންތެރިއަކަށް ކައިރި މުސްތަގްބަލެއްގައި ވެސް ގާތް ނުވެވޭހާ ފުރިހަމަ ރެކޯޑު ތަކެކެވެ.

މީޑިއާގެ ފުރައްސާރައާއި، ވާދަވެރި ޓީމުތަކާއި ވާދަވެރި ކުޅުންތެރިންގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިކުރުވި ފުރައްސާރައަށް ރޮނާލްޑޯ ދިނީ ބީރު ކަންފަތެކެވެ. އޭނާގެ އޮތީ އެންމެ އަމާޒެކެވެ. ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމެވެ.

12 އަހަރަށްފަހު ޔުނައިޓެޑަށް އެނބުރިއައުން

ބޮޑު އުންމީދަކާއިއެކު ރޮނާލްޑޯ އެނބުރި މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައެވެ. ގިނަބަޔަކު އުންމީދުކުރީ މިއީ "ހެޕީ އެންޑިންގް" އެއް އަންނާނެ "ލަވް ސްޓޯރީއެއް" ކަމަށެވެ.

އެހެންނަމަވެސް އޭނާގެ ހަޔާތުގައި އައި މި ސަފްޙާ ވީ، ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަށެވެ.

ޔުނައިޓެޑުގައި ހޭދަކުރި ފުރަތަމަ ސީޒަނަކީ އެ ޓީމަށް ކާމިޔާބު ސީޒަނެއް ނޫނަސް، ރޮނާލްޑޯގެ އިންޑިވިޖުއަލް ހުނަރާއި ލަނޑު ޖެހުމުގެ ގާބިލްކަން ފެނުނު ސީޒަނެކެވެ. އެހެން ނަމަވެސް އެކުލަބާއިއެކު ދެވަނަ ސީޒަންވީ، ރޮނާލްޑޯއަށް ގޮންޖެހުންތައް ގިނަވި ސީޒަނަކަށެވެ.

ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިޔާއަށް ލިބެން އުޅުނު އެއްމާބަނޑު ދެދަރިންގެ ތެރެއިން އެއް ދަރިފުޅު މަރުވުމާ ގުޅިގެން، އޭނާއަށް ޔުނައިޓެޑުގެ ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެވުނެވެ.

ކަންދިމާކުރި ގޮތުން އެ ދުވަސްވަރުވީ ޔުނައިޓެޑުން އެރިކް ޓެންހާގް ކުލަބުގެ ކޯޗު ކަމަށް އައްޔަންކުރި ދުވަސް ވަރަށެވެ. ތާއަބަދު ރޮނާލްޑޯ އަކީ އެފަދަ ދެވަނައެއް ނެތް ކުޅުންތެރިއެއް ކަމަށް ބުނި ޓެން ހާގު، މިހާރު ކުރިއަށް މިދާ ސީޒަންގައި ރޮނާލްޑޯއަށް އެކަށީގެންވާ ފުރުސަތު ވެސް ނުދިނެވެ. ޕްރީ ސީޒަން ފަރިތަކުރުންތަކުގައި ބައިވެރި ނުވެއްޖެނަމަ ކުޅުންތެރިންނަށް މެޗުތަކުގައި ފުރުސަތު ދޭން ފަސް ޖެހޭ ކަމަށް ޓެންހާގް ބުނަމުން ދިޔައެވެ.

ރޮނާލްޑޯއާއި ޔުނައިޓެޑުގެ ކޯޗު އެރިކް ޓެންހާގް --

ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ޓެންހާގާއި ރޮނާލްޑޯއާ ދެމެދު އުފެދެމުންދިޔަ މައްސަލަތައް ބޮޑުވެ، މިއަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ޔުނައިޓެޑުން ވަނީ ރޮނާލްޑޯއާ މަޝްވަރާކޮށް، އެ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ.

ސަބަބެއްގެ ގޮތުގައި ދެއްކީ، ޕިއާސް މޯގަންގެ ޕްރޮގްރާމަކަށް ހުސްވި ނޮވެމްބަރު މަހުގެ ކުރީކޮޅު ދިން އިންޓަވިއުއެއްގައި، ޓީމަށާއި ކުލަބުގެ ކޯޗާ ގުޅޭގޮތުން ދެއްކި ވާހަކަތަކެވެ.

މިއާއެކު ރޮނާލްޑޯއަށް ފާޑުކިޔަން ދަނޑިވަޅެއް ނުފެނިފައި ތިބި މީހުންނަށް ލިބުނީ ރަނުގެ ފުރުސަތެކެވެ. ރޮނާލްޑޯ އަކީ ގޮތްދޫނުކުރާ، އެއްވެސް އަހްލާގެއް ނެތް މީހެއް ކަމަށާއި، އޭނާ މިހާރު މުސްކުޅި ވެފައިވާ ކަމަށް ބުނަމުންދިޔައެވެ.

ޕްރޮފެޝަނަލް ފެންވަރުގައި ގާތްގަނޑަކަށް 20 އަހަރު ހޭދަކުރި ރޮނާލްޑޯގެ ކެރިއަރުގައި ހޯދާފައިވާ ކާމިޔާބީތައް، މީޑިއާތަކުންނާއި ފާޑުކިޔުންތެރިން ކުއްލިއަކަށް ހަނދާން ނައްތާލީއެވެ.

އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ރޮނާލްޑޯއާ ގުޅުވައިގެން ދައްކަން ފެށީއެވެ.

ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް، ރޮނާލްޑޯ އަކީ މިއަދު، ގައުމެއްގެ ނަން ފުޓުބޯޅައިގައި ވިދުވާލި ޝަހްސިއްޔަތެކެވެ. ފުޓުބޯޅައިގައި އާދައިގެ ގައުމެއްގެ ގޮތުގައި އޮތް ޕޯޗުގަލް، އެންމެ މަތީ ފަންތިއަށް ގެންގޮސްދީ، ރަން ކާމިޔާބީ ހޯދައިދިން ލީޑަރަކީވެސް ރޮނާލްޑޯއެވެ. ދެހާސް ސޯޅަ ވަނަ އަހަރުގެ ޔޫރޯ މުބާރާތް ޕޯޗުގަލްއިން ކާމިޔާބު ކުރިއިރު، އެންމެ އިސް ދައުރެއް އަދާކުރީ ރޮނާލްޑޯއެވެ.

ޔޫރޯ 2016 މުބާރާތުގެ ތަށްޓާއެކު ޕޯޗުގަލްގެ ކުޅުންތެރިންނާއި ރޮނާލްޑޯ --

ފުޓުބޯޅައިގެ ތާރީޚުގައި ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. ނުވިތާކަށް 118 ލަނޑު ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން ރޮނާލްޑޯ އަކީ، ގައުމީ ޓީމަކަށް ފުޓުބޯޅައިގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައިވާ ކުޅުންތެރިޔާއެވެ.

"ސުމަކުން" ފެށި ރޮނާލްޑޯގެ ނަމުގައި މިއަދު ސްޓޭޑިއަމެއް އެބަހުއްޓެވެ. އޭނާގެ ނަމުން ނަންދީފައިވާ އެއާޕޯޓެއް މިއަދު އެބަހުއްޓެވެ. އޭނާގެ ހަނދާންތައް ދެމިހުންނާނެ ގޮތެއް ހެދުމަށް، މިއުޒިމްއެއް އެބަހުއްޓެވެ. މަޑެއިރާގެ ކުޑަކުޑަ އަވަށަކުން ފުޓްބޯޅައަށް ނުކުތް ކުޑަކުޑަ ރޮނާލްޑޯ އަކީ މިއަދު އެތައް ބައެއްގެ ހިތުގައި ހާއްސަ މަގާމެއްދީފައިވާ "ސީއާރް ސެވަން" އެވެ.

މިރޭ ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލްއިން މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 އިންވެސް އަދި މުޅި މެޗުގައި ވެސް ރޮނާލްޑޯ ނުފެނުނަސް، އަދި މި މުބާރާތުގެ ބާކީ މެޗުތަކުން ރޮނާލްޑޯ ނުފެނުނަސް، އޭނާ ފުޓުބޯޅައިގައި ގާއިމްކޮށްފައިވާ "ލެގަސީ" އަކީ ފަނޑުނުވާނެ، ނުފޮހެވޭނެ ލެގަސީއެކެވެ.

މޮރޮކޯއާއި ޕޯޗުގަލް ބައްދަލުކުރާ ކުއާޓާ ފައިނަލް މެޗު ކުޅޭނީ މިރޭ އަށެއް ޖަހާއިރުއެވެ.