10 Dec 2022, 10:37
ވަރަށް ފޯރީގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގެ ޓްރޮފީ ދައްކާލުމުގެ ޝަރަފް ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯންއަށް ލިބިފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ވޯލްޑް ކަޕް މުބާރާތުގެ ފައިނަލް މެޗް ކުޅޭ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބަތަލާ ވަރަށް އަވަހަށް ޤަތަރަށް ފުރާނެކަމަށް އެންޑީޓީވީ އާއި ޙަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފައިނަލް މެޗް ކުޅުމުގެ ކުރިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވޯލްޑް ކަޕް ޓްރޮފީ ޢާއްމުންނަށް ދައްކާލާނެއެވެ.

ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކޮށްފައިވާ 38 އަހަރުގެ ބަތަލާއަކީ، މިވަގުތު ހިންދީ ސިނަމާގައި ހުރި އެންމެ ކާމިޔާބު އެއް ބަތަލާއެވެ. ދާދި ފަހުން ޔޫރަޕްގެ އެންމެ މަޤުބޫލު ބްރޭންޑް ލުއިވިޓަންގެ އެމްބެސެޑަރަކަށް ހޮވިފައިވާ ބަތަލާ ވެގެންދާނީ ވޯލްޑް ކަޕް މުބާރާތެއްގައި މިފަދަ ޝަރަފެއް ލިބޭނެ އިންޑިއާއަށް ނިސްބަތްވާ ފުރަތަމަ މީހާއަށެވެ.
ދިޕިކާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފަންނާނުންގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ ބަޔަކު މި ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ނިމުނު ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕް މުބާރާތް ފެށި ރަސްމިއްޔާތުގައި ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތްޙީވަނީ އިންޑިއާ ތަމްސީލުކޮށްދީފައެވެ. މީގެ އިތުރުން މި އަހަރުގެ ވޯލްޑް ކަޕް މުބާރާތަށް ތައްޔާރުކުރި ލަވައިގައި ވެސް ނޯރާ ފަތްހީ ވަނީ ބައިވެރިވެފައެވެ.
ވޯލްޑް ކަޕްގެ މުބާރާތުގެ އެންމެ މުހިއްމު ރަސްމިއްޔާތުގައި ބަތަލާ ދިޕިކާ ޕަދުކޯން ބައިވެރިވުމަށް ތައްޔާރުވަމުން އަންނައިރު ބަތަލާގެ ކުރިއަށް ހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ. ދިޕިކާ އެންމެ އަވަހަށް ފެންނާނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ޕަތާން"އިންނެވެ.
މިފިލްމުގައި ބަތަލާ ފެނިގެންދާނީ އެކްޓަރު ޝާހްރުކް ޚާން އަދި ޖޯން އަބްރަހަމްއާއެކުއެވެ. މީގެ އިތުރުން މިމަހުގެ 23 ވަނަ ދުވަހު ރިލީޒްކުރެވޭ ފިލްމު "ސާކަސް"ގެ ލަވައަކުން ބެލުންތެރިންނަށް ދިޕިކާ ފެނިގެންދާނެއެވެ.