އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބު ރައީސް ކަމުގެ މަގާމަށް ޑރ. އާސިމް އަޙްމަދު އިބްތިޚާބު ކޮށްފިއެވެ.

އެ ކައުންސިލުގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ބޭފުޅެކެވެ. އަންނަ އަހަރަށް އެކައުންސިލުން އިންތިޚާބުކުރި ހަތަރު ނައިބް ރައީސުންގެ ތެރޭގައި ޑރ. އާސިމް ހިމެނިވަޑައިންފައިވާއިރު ދެން އިންތިޚާބުވީ ގަމްބިއާ، ބޮލީވިއާ އަދި ލަކްސަމްބަގްގެ ބޭފުޅުންނެވެ.

އެކަމާ ގުޅިގެން ޑރ. އާސިމަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދު ފެންނަމުން ދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވަރުގަދަ ފޮރިން ޕޮލިސީގެ ނަތީޖާ ކަމަށެވެ.

ކިންގްޑަމް އޮފް މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަން ވެސް ކުރައްވާ ޑރ. އާސިމްއަކީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބެވެ.

ރާއްޖޭގެ ޚާރިޖިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ ޑރ. އާސިމް ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ވެސް އަދާކުރައްވާފައެވެ.