ބަމާކޯ (އޭޕްރީލް 9): މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު މާލީއަށް ގެނައި އަސްކަރީ އިންޤިލާބުގައި މަޤާމުން ދުރުކޮށްފައިވާ އެ ޤައުމުގެ ރައީސް އަމާދޫތޮރޭ، ރަސްމީކޮށް އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ޢަސްކަރީ އިންޤިލާބެއްގައި މަޤާމުން ދުރުކުރެވުމަށް ފަހު ފުރަތަމަ ފަހަރަށް ތޮރޭ ފެނިފައި ވަނީ އިއްޔެ ފަރަންސޭސިވިލާތުގެ 24 ޓީވީ ޗެނެލްއެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނި ކޮށެވެ. އެ ޗެނެލްގައި ވާހަކަ ދައްކަވަމުން ތޮރޭ ވިދާޅުވީ ޤައުމަށް މިވަގުތު އެންމެ ރަނގަނޅު ގޮތަކީ އޭނާ މަޤާމުން އިސްތިއުފާ ދެއްވުން ކަމަށް ވާތީ މަޤާމުން އިސްތިއުފާދެއްވީ ކަމުގަ އެވެ.

އިސްތިއުފާގެ ސިޓީ ރަސްމީކޮށް ޕާލަމެންޓަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި ޤާނޫނާ ޚިލާފަށް ސިފައިން ގެނައި ޢަސްކަރީ އިންޤިލާބަކުން އޭނާ ވެރިކަން ވައްޓާލާފައިވީ ނަމަވެސް އަލުން އަނބުރައި ވެރިކަން ހޯއްދެވުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ތޮރޭ ވިދާޅުވި އެވެ.

ތޮރޭ ވިދާޅުވީ ހުޅަނގު އެފްރިކާގެ އިޤްތިސާދީ ޖަމާއަތް (އިކާވޮސް)ގެ ޤައުމުތަކުން މާލީގެ އިންޤިލާބީ ސިފައިންނަށް ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެން، ވެރިކަމުންފާބައި ޕާލަމެންޓްގެ ރައީސް އާ ވެރިކަން ޙަވާލުކުރުމަށް ޢަސްކަރީ ވެރިން ނިންމި ނިންމުމަކީ ޤައުމަށް މަސްލަޙަތު ހުރި ނިންމުމެއް ކަމަށާއި އެކަމަށް މަރްޙަބާ ވިދާޅުވާ ކަމުގަ އެވެ.

މިއެއްބަސްވުމުގެ ދަށުން އިންޤިލާބީ ސިފައިން، ޕާލަމެންޓްގެ ރައީސް އާ ވެރިކަން ޙަވާލުކުރީ ތޮރޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމުގެ ކުށުގައި އެމީހުންގެ މައްޗަށް ޝަރީޢަތް ނުހިންގާނެ ކަމުގެ ގެރެންޓީއާއެކުގަ އެވެ. މި އެއްބަސްވުމުގައި މާލީއާ ދެކޮޅަށް އިކޯވޮސް ޖަމާއަތުން އެޅި ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލާނެކަމާއި ޢަސްކަރީ އިންޤިލާބުގެނައި ސިފައިންގެ އޮފްސަރުންނާއި އެކަމުގައި ބައިވެރިވި ސިފައިންގެ މައްޗަށް ޝަރީއަތް ނުހިންގާނެ ކަމުގެ ޖާމިނުވުން "އިކޯވޮސް" ޖަމާއަތުން ދީފައިވެ އެވެ.

އިކޯވޮސް ޖަމާއަތާއި މާލީގެ އިންޤިލާބީ ލީޑަރުންނާ ދެމެދު ސޮއިކުރި އެއްބަސްވުމަށް މަރުޙަބާ ވިދާޅުވާ ކަމަށާއި މިއީ ވެސް މިވަގުތު ޤައުމަށް އެންމެ ރަނގަނޅު ގޮތް ކަމަށް ވެސް ތޮރޭ ވިދާޅުވި އެވެ. މިއެއްބަސްވުމުގެ ދަށުން މާލީގެ ވަގުތީ ރައީސްކަމާ ޕާލަމެންޓްގެ ރައީސް ތްރާވްރީ ވަނީ ޙަވާލުވެ ވަޑައިގެންފަ އެވެ. މާލީގެ ދަސްތޫރާ އެއްގޮތްވާ ގޮތުގެ މަތިން 40 ދުވަހުގެ ތެރޭގައި އެޤައުމުގައި އިންތިޚާބެއް ބާއްވައިގެން ރައްޔިތުން އިންތިޚާބުކުރާ ފަރާތަކާ ވެރިކަން ޙަވާލުކުރުމަށް ވެސް މިއެއްބަސްވުން ބުނެ އެވެ.

މާލީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ތަވާރިޤް ހަނގުރާމަވެރިންއެޤައުމުގެ އުތުރުގެ ސަރަޙައްދުތައް އެމީހުންގެ ބާރުގެދަށަށް ގެނަސް އެ ސަރަޙައްދުތަކުގައި މިނިވަން މުސްތަޤިއްލު ދައުލަތެއްއިޢްލާންކުރުމާ ގުޅިގެން އެޤައުމު ބައިބައިވެދާނެކަމުގެ ބިރުވަނީ ހީވެފަ އެވެ. (އަލްޖަޒީރާ)