30 Jul 2010, 09:49
14:30
ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ތުހުމަތުގައި އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ކުރީގެ އޮޑިޓަރ ޖެނެރަލްގެ އިބްރާހިމް ނައީމް ރާއްޖެއިން ފުރާވަޑައިގަތުމަށް ބޭނުންކުރެއްވި ޑިޕްލޮމެޓިކް ޕާސްޕޯޓް އިމިގްރޭޝަން ޑިޕާޓްމަންޓުން ކެންސަލްކޮށް އިންޓަޕޯލަށާއި ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގައިފި އެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޝެއިޚް އިލްޔާސް ހުސެން އިބްރާހިމް ވިދާޅުވީ، ޑިޕްލޮމެޓިކް ޕާސްޕޯޓެއްގައި އިބްރާހިމް ނައީމް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް މާޗު 29 ގައި ރައްޔިތުންގެ މަޖިލިހުން ފާސްނުކުރަނީސް ކަމަށެވެ. ނަމަވެސް، ޑީޕީއެލް ޕާސްޕޯޓް ދޫކުރާ ފަރާތުގެ ހައިސިއްޔަތު ގެއްލުމުން، އެ ޕާސްޕޯޓް ބޭނުންނުކުރެވޭ ގޮތަށް ސިސްޓަމުން ކެންސަލްކުރާކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ، ނައީމްގެ ޑީޕީއެލް ޕާސްޕޯޓު ވެސް މިހާރު ވަނީ ބޭނުންނުކުރެވޭ ގޮތަށް ކެންސަލްކޮށްފައި ކަމަށެވެ. އަދި މިކަން ބޭރު ގައުމުތަކަށާއި އިންޓަޕޯލް ފަދަ އަންގަންޖެހޭ ތަންތަނަށް މިހާރު އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޕާސްޕޯޓް ނައީމު ބޭނުންކުރައްވައިފިނަމަ ފަޅާއަރާނެ ކަމަށާއި އަދި ރާއްޖޭގެ ކައުންޓަރަކަށް އެ ޕާސްޕޯޓް ދައްކައިފިނަމަ، ޕާސްޕޯޓު ވަގުތުން އަތުލާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ، ނައީމްގެ ޑީޕީއެލް ޕާސްޕޯޓް މިހާރު ކެންސަލްކޮށްފައިވާތީ، އެ ޕާސްޕޯޓް ޑިޕާޓްމަންޓާ ހަވާލުކުރުމަށް އަންގަވައި އޭނާ ދިރިއުޅުއްވާ ގެއަށް ސިޓީއެއް ވެސް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް، ނައީމް މިވަގުތު ރަށުގައި ނޫޅުއްވާތީ، އެކަން އޭނާއަށް އެންގިފައިނުވާ ކަމަށް ބުނެ ނައީމްގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
ނައީމްގެ ޑީޕީއެލް ޕާސްޕޯޓް ކެންސަލުކުރި ނަމަވެސް، އާދައިގެ ޕާސްޕޯޓުން ބޭނުންކޮށްގެން އޭނާއަށް ދަތުރުކުރެއްވޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން އިސްކޮށް ތިއްބަވައިގެން ނެންގެވި އިތުބާރު ނެތް ކަމުގެ ވޯޓަކުން އިބްރާހިމް ނައީމް މަގާމުން ވަކިކުރައްވައިފައި ވަނީ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބަލަމުން ދަނިކޮށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނައީމު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ނިއުޒިލެންޑުގަ އެވެ.