09 Dec 2022, 21:45
އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ފުރިހަމަ މެމްބަރަކަށް ރާއްޖެ ވީތީ ފަޚުރުވެރިވާ ކަމަށާއި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކަށް ޝުކުރުއަދާކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެންގޯލާގެ ލުއާންޑާގައި ކުރިއަށްދާ އޯއޭސީޕީއެސް ގެ އެންމެ އިސްވެރިންގެ 10 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިން މިނިސްޓަރު ވިދާޅުވީ އެ ސަމިޓު ފުރިހަމަކަމާއެކު ބޭއްވީތީ އެގައުމުގެ ރައީސްއާއި ރައްޔިތުންނަށް ރާއްޖެއާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ނަމުގައި ތަހުނިޔާދަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ޖަމިއްޔާއިން ރާއްޖެ އުފަލާއެކު ބަލައިގެންފައިވާއިރު އެފްރިކާ ބައްރުގެ ގައުމުތަކާއި ރާއްޖޭގެ އާންމު އަޚުލާގާއި، ސުލްހަވެރި ދުނިޔެއަކަށް ކުރާ އުންމީދުތަކާއި، ހިއްސާ ކުރެވިފައިވާ ގޮންޖެހުންތަކުގެ ސަބަބުން، އެ ގައުމުތައް އެކަތިގަނޑަކަށް ވެގެން ހިނގައްޖެ ކަމަށެވެ.
ރާއްޖެއަކީ ނާޒުކު ގައުމެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ގައުމަށް އެހީވުމަށް ތައްޔާރަށް ތިބި އެހެން ގައުމުތަކުގެ އެހީ ރާއްޖެއިން ބަލައިގަންނާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވުމާއެކު، އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ގައުމަކަށް ވުމަށް ނިންމީ ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާ މެމްބަރަކަށް ވީ ހަމައެކަނި އޭގެ މަންފާ ހޯދަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖެއިން ވެސް ދިމާވި ގޮންޖެހުންތަކުގެ ތަޖުރިބާތައް ހިއްސާކުރަން ތައްޔާރަށް ތިބި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 1965 ވަނަ އަހަރު މިނިވަންކަން ލިބުނު އިރު ދުނިޔޭގެ ހަ ވަނަ ފަގީރު ގައުމުގެ ގޮތުގައި އޮތް ގައުމަކުން، 2011 ވަނަ އަހަރު މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމަކަށް ވެގެން ދިޔަ ގޮތުގެ ވާހަކަ ވެސް ހިއްސާ ކުރުމަށް ތައްޔާރަށް އޮތް ކަމަށެވެ.
އެ ޖަމިއްޔާއަށް ބިނާކުރަނިވި އަދި އިތުބާރު ކުރެވޭ ބައިވެރިއަކަށް ރާއްޖެ ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއިން އެ ޖަމްއިއްޔާގެ މެމްބަރު ގައުމަކަށްވުމުން ރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވުމާއި، ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
އޭގެ އިތުރުން އޯއޭސީޕީއެސް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.