"ދުވަސް ބާއްޖަވެރިވާނީ އެންމެ ނަމާދެއްވެސް ދޫކޮށްނުލާ ނަމާދު ވަގުތުން ކުރުމުންނެވެ. ކިތަންމެ އަވަދިނެތި އުޅެމުންވެސް ހެއްދެވި ފަރާތަށްޓަކާ ވަގުތު ދިނުމަށް އާދަކުރާށެވެ."

***

އެއީ ބޯކޮށް ވާރޭވެހުނު ތޫފާނީ ރެއެކެވެ. ޗެރީވުޑްގެ ގިނަ މެމްބަރުން ގެއިން ބޭރުގައި ވީ ރެއެކެވެ. މައިމޫންއާއި ޝުވޭކާރު ރިޒޯޓެއް ހުޅުވަން ދައުވަތު ލިބިގެން ދިޔައީ މާކްވެސް ގޮވައިގެންނެވެ. އަދާރާ ގެއަށް އައީ މަންމަ ބާރު އަޅާ އެތިވަރު ގޮވައިގަތުމުންނެވެ. ކޮންމެވެސް ވަރަކަށް ތެމިގެން ހުރުމުން ހީކަރުވައިގަތުމުން ހެދުން ބަދަލުކޮށްލުމަށްފަހު ހޫނު ކޮފީއެއް ތައްޔާރުކޮށްލުމުގެ ނިޔަތުގައި ކޮޓަރިން ނުކުތެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ފުޅާ ކޮރިޑޯއިން ލަސް ފިޔަވަޅުތަކެއްގައި ދަނިކޮށް ހުސާމްގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރިތަން ފެނިގެން ސިއްރުން އެތެރެއަށް ބަލައިލިއެވެ.

އަދާރާއަށް ފެނުނު މަންޒަރަކުން ލޯބޮޑުވެ އަނގަމަތީގައި އަތް އެޅުނެވެ.

ހުސާމްގެ ނުބައިކަމާއި ނުލަފާކަން އެނގުނަސް މިހާ ކުރީގައި އުޅޭކަމެއް އެނގިފައެއްނުވެއެވެ. މިފަދަ ކޮންމެ ބޮޑު ގަނޑުވަރެއްގެތެރޭގައި ކޮންމެ ޝާހީ ޚާންދާނެއްގެ ތެރޭގައި ކިތައް މުޑުދާރު އަނދިރި ސިއްރުތައް ފޮރުވިފައިވާނެހެއްޔެވެ؟ މިއީ ގަނޑުވަރެއް ނޫނެވެ. ރަނާއި ހުދުން ޖަރީކޮށް މާބްލްތަކުން ދަޅަ އެރިޔަސް ޝައިތާނީ ހާއްޔެކެވެ. އެންމެން މަގުފުރެދިފައިވަނީ އަހުލުވެރިންގެ ވިޔާނުދާ އަމަލުތަކުންނެވެ. އެގޭގައި ތާސް އަދި މިއުޒިކް ނުކުޅޭ އެންމެ ދުވަހެއްވެސް ނާދެއެވެ. އެންމެންހެން ތިބެނީ ކުޅިވަރުތަކުގައި ޣާފިލުވެގެންނެވެ. ނަމާދުނުކޮށް ޒިކުރުނުކުރާ ގެއެއްގައި ރަސްކަންކުރާނީ ޝައިތާނުންނެވެ. އިންސާނުންނަށް ފާފަކުރެވުނަސް ތައުބާވުމުން ފާފަ ފުއްސަވާދެއްވައެވެ. އެކަމަކު ބިރަކާއި ނުލާ ފާހިޝް އަމަލުތަކުގެ ތެރޭގައި ހަޔާތުގެ އަގުހުރި ވަގުތުތައް ދުއްވައިލެވުމުން ހިތާމަކުރަން ޖެހޭ ދުވަހެއް އަތުވެދާނެއެވެ.

ހުސާމްގެ އަމަލުން އޭނަ ވީ ފޫއްސެއްގެ ބޮޑުކަމުން އަނގަ ހަދާލައިގެން ހުރެފައި ސިއްރުން ފަހަތަށް ގޮސް ކޮޓަރިއަށް ވަންނާން ދަނިކޮށް އާރިސް އަންނަ ތަން ފެނުނެވެ. މިއޮތް ބޯ ވާރޭތެރޭގައި ބޭރުގައި އުޅެފައި ތެމި ފޯވެގެން މާބްލްމަތިން އައިއިރު ދިގު ސޯޓެއް ފިޔަވާ އެ ކަސްރަތީ ހަށިގަނޑުގައި އެހެން އަންނައުނެއްނެތެވެ. ތެމިފައިވާ އިސްތަށިގަނޑުން ފެންތިކިތައް ފައިބަމުން ދިޔައެވެ.

"ކޮންތާކުން ތެމި ފޯވެގެން؟"އަދާރާ އާރިސްގެ ލޮލާއި ހަތަރުކަޅި ހަމަވެ ދުރުބަލައިލަންވެސް ނުކެރުނެވެ. އެލޮލުންވެސް އަދާރާއަށް މޮޔަކަން ފިޔަވާ އެހެން އެއްޗެއް ނުފެނުނެވެ. ފެނުގެ ސަބަބުން ތެމިފައިވާ ލޮލުގެ ކުލަ އިތުރަށް ރީތިކޮށްދެނީ ބޮކިތަކުގެ އަލިންނެވެ.

"ވާރޭވެހިގަތީމަ އޭނަ ހަމަ ކިޔަނީ ސްވިމިންޕޫލަށް އެރޭށޭ......" އާރިސް ފާރާއި ދިމާލަށް އިޝާރާތްކޮށްލަމުން ދަތްކުނޑިވިކައިގަތެވެ.

"އަހަރެން ހީކުރީ އާރިސްވެސް ގޭގައި ނޫޅެނީކަމަށް..."

"ތިބުނީ....އަހަރެން ދެން ހުންނަންވީ މަގުމަތީގައި؟"އާރިސް ހީލީ މޮޔަގޮތަކަށެވެ."ކޮންކަހަލަ މޮޔަ ވާހަކައެއް ތިދައްކަނީ؟ލުސިފާރ އަމުރުކޮށްފައި އެންގީ ޕޫލަށް އެރޭށޭ. ބޭނުންނުވިޔަސް އޭނަ ކިޔާވަރުން އެރެން ޖެހުނީ. އެނގޭތަ؟ ލުސިފާރ ބުނާގޮތަށް ހަދަނީ ބޭނުންވެގެން ނޫން. އޭނަގެ އުދަގޫބޮޑުކަމުން. ކަންފަތަށް ނުކުޅަދާނަވާތީ. އަދާރާ. ތިއީ މަގޭ ވައިފް. ކީއްވެ އަހަންނާއެކު ކޮޓަރީގައި ނޫޅެނީ؟އޭރުން އެ ލުސިފާރއަށް އުދަގޫކުރަން ނޫޅެވޭނެއްނު. ހިނގާބަލަ ކޮޓަރިއަށް....."

ވިސްނާނުލާ ހުއްޓާ އާރިސް އަދާރާގެ އަތުގައި ހިފެހެއްޓިގޮތުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ފިނި ފިނިއަތުގެ ބީހިލުމުން ހީކަރުވައިގަތްގޮތަށް ކަނދުރާގެ ލޯލިތައްވެސް ކޮޅަށް ޖެހުމާއެކު އަތް ފޮޅުވައިލެވެން މަސައްކަތްކުރެވުނެވެ. ބިރުވެރިކަމާއެކު އެ މޮޔަކަމުން ފުރިގެންވާ މޫނަށް ބަލައިލެވުނެވެ.

"ލުސިފާރ ރުޅިއައިސްގެން ތަޅައިގަންނާނެ. ދޫކުރޭ.."އަދާރާ ލޯބޮޑުކޮށްލިއެވެ.

އާރިސް ސިހިފައި އަތުން ދޫކޮށް ވަށައިގެން ބަލައިލެވުނު ވަގުތު ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަނެވުނެވެ. އަނގަވަތަށް ނުވެއްޓުނީ އޭނަގެ ނަސީބު އެހީވުމުންނެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރެވުމާއެކު ތަންޑު އަޅުވާލެވުނުއިރު ހިތް ތެޅޭވަރުން ރޭހެއް ޖަހާފައިވާހެން ހީވިއެވެ. އޭސީ ނިވާލާފައި ރަޖާގެ ދަށަށް ވަންގޮތަށް ބާލީސް ބޯމަތީގައި އަޅައިގެން އޮތްއިރުވެސް ކަންފަތުގައި ވާރޭގެ އަޑު ހަރުލާފައިވިއެވެ. އެ އަޑުގެ ތެރެއިންވެސް އާރިސް ދޮރުގައި ތަޅާފައި ގޮވާ އަޑުއިވުމުން ބިރުވެރިކަން އިތުރުވިއެވެ. އެމޮޔަމީހާ ރަގަޅަށްވެސް އޭނަގެ ފަހަތުން އަޅުވައިލީހެއްޔެވެ؟ ފަސްވަރަކަށް މިނިޓްފަހުން އާރިސްގެ ޚަބަރެއްނުވުމުން ހިތަށް ލިބުނު ހަމަޖެހުން ދެމިގެން ދިޔައީ އިރުކޮޅަކަށެވެ. ލޮލަށް ފެންނާންފެށީ އެހެން މަންޒަރެކެވެ.

"އައި ހޭޓް ޔޫ ހުސާމް. މިރެއަށްފަހު އަހަރެން ހުސާމްގެ މަތިން ގަދަކަމުންވެސް ހަނދާން ނައްތާލާނަން. ލޯބިވެވުނުކަމަށްޓަކާ ހިތާމަކޮށްފިން. ގްރްރްރް...ހާދަ ނުލަފާ މީހެކޭ. ވަދެ މޫނުމަތި ނޮޅައިލެވުނުނަމަ. އަންހެނުންނާއިހެދި މޮޔަވެގެން އުޅުނަސް ތި ދަރަޖައަށް ވެއްޓިގަންނާނެކަމަށް ހިޔެއްނުކުރަން....ޗީ....ލަދެއްވެސް ނުގަނޭ...ފިރިހެނުންނަށްވެސް ހުރި ހުތުރެއް......"

އެރިއިރާއެކު އަދާރާ ތެދުވެ މޫނުދޮވެލާ ހަދައިގެން ދޮރު ހުޅުވާލިއިރު ގޭތެރެއަށް ވެރިވެފައިވަނީ ފުން ހިމޭންކަމެކެވެ. ވާރޭވެސް ހުއްޓާލައިފިއެވެ. ވައިގެ ޒޫމް އަޑުވެސް މަޑުވެ ތޫފާން މައިތިރިވެލައިފިއެވެ. ކޮންމެވެސް ދިމާލަކުން ފިޔަވަޅުގެ އަޑު އިވުމާއެކު ސިހޭގޮތްވެފައި އަވަހަށް ދޮރު ލައްޕާލައިފިއެވެ. ރޭ ކަންތައް ކުރިގޮތުން އާރިސް އޭނަދެކެ ރުޅިއައިސްގެން ފަހައިގެންފިއްޔާ ވާނެގޮތެއްވެސް ނޭގެއެވެ.

"މޮޔައިންދެކެ އަބަދު ބިރުގަންނަ މީހަކަށް މިޖެހުނީ ކޮންފަދަ ބޮޑުބިރެއްތަ؟ ރަގަޅަށްވެސް އާރިސް މޮޔަކަން ރޭ ވިސްނިއްޖެ...."އަދާރާގެ ސިކުނޑީގައި މާޒީގެ ހަނދާނެއް ފިޔަޖަހައިލިއެވެ. މޮޔައެއްގެ ގޮތުގައި މަޝްހޫރު އީސަ އޭނަ ފަހައިގަތްގޮތަށް ގެއަށްވަދެ ދޮރާށި ލައްޕައިލެވުނުއިރު އޭނަ ޚަބަރުހުސްނުވީ ހަމަކިރިޔާއެވެ. އެފަހުން އެކަނިމާއެކަނި މަގަށް ނިނުކުމެ އެތައް އަހަރެއްވާންދެން އޭނަ އުޅުނެވެ. އޭނަގެ ކުޑައިރު ގެ ހަނދާންތަކުން އެންމެ ބިރުވެރި ހަދާނަކީވެސް މޮޔައެއްގެ ތަޖުރިބާއެވެ. އާރިސް ގެ އަމަލު ގިނަފަހަރު ހުންނަނީ"ނޯމަލް" މީހެއް ފަދައިންނެވެ. ހަރަކާތްތަކުން އެހާ ތަފާތުކަމެއް ނުފެނެއެވެ. ކާގަޑީގައި އަމިއްލައަށް ނޫޑުލްސްކަހަލަ އެއްޗެއް ގެނެސް އަމިއްލައަށް ކައްކައިގެން ކެއުންފަދަ ކަމެއް ނޫނީ ހުރިހާ ކަމެއް ރަގަޅެވެ. ބައެއްފަހަރު ނުފެންނަ ފަރާތްތަކާއި ވާހަކަދެއްކިޔަސް އަނިޔާވެރި ނުރައްކާތެރި އަމަލެއް ދުވަހަކު އަދި ނުދެކެއެވެ. އެކަމަކު ހިތަށް ބުނަން ނޭގޭފަދަ ބިރުވެރިކަމެއް މިރޭ ވަދެއްޖެއެވެ.

***

ރައީސްއަކާއި ނާއިބުރައީސްއަކަށް އެއްބަނޑު އެއްބަފާ ދެބެން ތިބުމުގެ ރިކޯޑް އޮތްއިރު ދެމީހުންގެ ޚިޔާލު ދާދި އެއްގޮތެވެ. ސެކިއުލާ ވިސްނުމެއް ހުރުމުގެ ސަބަބުން ދެމީހުންވެސް ބޭނުންވަނީ ސިޔާސަތާއި ދީން ވަކިކުރުމެވެ. އެފަދަ ނިޒާމެއް އޮތުމުން ފިތުނަ ފަސާދަތައް މައިތިރިވެ އަމާން މުޖުތަމައެއް ބިނާކުރެވިދާނެއެވެ. ދީނެއް ޚިޔާރުކުރުމަކީ އެމީހެއްގެ އަމިއްލަ ކަމެެވެ. ސަތޭކަ ޕަސެންޓް މުސްލިމެއްގެ ނަމުގައި އޮތުމަކީ މުހިއްމުކަމެއް ކަމަށް އެމީހުން ނުދެކެއެވެ. އެމީހުން ދެކުނުގޮތުން ކާމިޔާބަކީ ހުޅަނގުގައި އޮތް ނިޒާމެވެ. މަޑުމަޑުން ބައްޓަންކުރަމުންގޮސް އެންމެން ދީނާއި ދުރުކުރުމުގެ ސިޔާސަތެއްގެ ތެރޭ މީހުންގެ ވިސްނުން ބަދަލުވަމުން ދިޔައީ އަޖައިބެއްފަދަ ގޮތަކަށެވެ. ދީނީ ލޯބި ހިތްތަކުން ކެނޑި ފައިސާއާއި ދުނިޔޭގެ ލޯބި ހިތްތަކުގައި ގަދަވިއެވެ. ކުޑަދުވަސްކޮޅެއްގެ މަންޒިލުގައިވެސް މަޖަލާއި އުފަލުގައި ދުވަސްކޮޅު ހޭދަކުރުމަށް އިސްކަން ދެވުނެވެ.

އެ ތޫފާނީ ރޭގައިވެސް ރައީސްއާއި ނާއިބުރައީސް އަދި އަންހެނުން ރާފޮދުހިއްޕަވައިގެން މިއުޒިކްއަށް ނެށުމުގައި ތިބީ ދުނިޔޭގެ ހުރިހާކަމެއް ހަނދާން ނައްތާލާފައެވެ. ވަށައިގެން ތިބީ އިތުބާރު ހިފެވޭ ގާތް މީހުންނެވެ. ޒާތީ ދިރިއުޅުމާއި އެހެން މީހުން ނުބެހެވޭނެކަމަށް ދެކުނަސް ވެރިންގެ ފަސްބައި ކިލަބުވެގެން ދާން ނުޖެހޭނެކަމުގައި ގިނަ ރައްޔިތުން ދެކެއެވެ.

މައިމޫންއާއި ޝުވޭކާރުއަށް ވުރެ ކުރިން މާކް ކާރުން ފައިބައިގެންގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ޝުވޭކާރު ހިނގައިގަތީ ކާބަޔާއި ދިމާލަށެވެ. އަދާރާ ހޫނު ޗޮކްލެޓްތަށްޓެއް ހިފައިގެން އެ ދިމާލުން ބޭރަށް ނިކުމެ ތެމިފައިވާ ފެހިކަން ގަދަ ގަސްތަކާއި ކުލަކުލައިގެ މާތަކަށް ބަލަން ހުރީ ސަމާލުވެގެންނެވެ. އާރިސް ފެނުނަސް ފިލަން ވަންނާނެފަދަ ބިޔަގަހެއް އެތާ ހުރުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކުއްލިއަކަށް ކާކޮޓަރިން އައްޔާޝްއާއި އޭނަގެ މަންމައާއި ވާހަކަދައްކާ އަޑު އިވި އޭނަ ކަންފަތް އިތުރަށް ހުޅުވިއެވެ.

އައްޔާޝްގެ އަޑު މަޑެވެ. އެމީހުން ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

"އަޅުގަނޑު ކައިރީ މާކް ބުނީ.."

"މުސްލިމުންގެ ތެރޭ ކިތައް މީހުން ރިޒޯޓަށްގޮސް ބޮއި ނަށަނީ؟އަޔާ ކަންތައް ބޮޑުކޮށްލައިގެން ތިއުޅެނީ މިއީ އަލަށް މަންމަ ކުރިކަމެއްނޫން. ޕާޓީތަކަށްގޮސްފައިވެސް ޑްރިންކުރާކަން އެންމެނަށް އެނގޭ..މަންމަމެން އުޅެ ބޮޑުވީ މި މާހައުލުގައެއްނޫން. ކުޑައިރުއްސުރެ މިނިވަންކަމާއެކު ހުރިހާ ދީނެއްގެ ބަޔަކާއި ގުޅިގެން އުޅުނީ. އަޔާ ހާދަ މައްސަލަ ބޮޑޭ...ތިކަން ހުއްޓާލާ އަޔާ....... "

"މަންމަމެންގެ ވާހަކަ ނޫސްތަކަށް އެރީމަ މީހުން ކިހާ އެއްޗިއްސެއްކިޔާނެ." އަޔާޝް ވިސްނައިދޭ ރާގަކަށް ވާހަކަދެއްކިއެވެ.

"އާއިލީ މީހުންނާއެކު ޑްރިންކްކުރީ.."

"އެއްވެސް މީހަކަށް އިތުބާރުނުކުރާށޭ މަންމަ އަބަދުވެސް ބުނުއްވާ. އެންމެ ގާތްމީހާވެސް ފޮޓޯ ނޫނީ ވީޑިއޯ ލީކްކޮށްފާނެ..."

"ހަސަދަލާ މީހުން ފޮޓޯތަކާއި ވީޑިއޯތައް ލީކްކޮށްފާނެ އެކަމުން މަންމަމެންގެ އިއްޒަތަށް ހިރަފުސް ބުރާނެކަމަށް ހީކުރަންޏާ އެއީ ކުށްހީއެއް. އެފަދަ މީހެއް ނޫނީ ނޫހަކާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުއްވޭނެ ފެންވަރާއި ނުފޫޒް ބައްޕަމެންގެ ގައިގާ އެބަހުރި. އަޔާ ކަންބޮޑުނުވޭ. ޑްރިންކުރުމަކީ މާ ބޮޑުކަމެއްނޫން...." ޝުވޭކާރުގެ ވާހަކަ ހުރިގޮތުން އަދާރާއަށްވެސް އަނގަމަތީގައި އަތް އަޅައިލެވުނެވެ. މިއީ އިސްލާމީވެރިންގެ ހާލު ހުރިގޮތްވިއްޔާ އާއްމުންގެ ހާލަކީ ކޮބާހެއްޔެވެ؟ ނޫނީ މުއްސަދިވި ވަރަކަށް ދީނަށް ހުރުމަތްތެރިކަން ބަހައްޓާ މިންވަރު ކުޑައީހެއްޔެވެ؟ އަބަދަށް ވެރިކަމުގެ އާރާއި ބާރާއި ނިއުމަތްތައް ދެމި އޮންނާނެކަމުގައި ގަބޫލުކުރަނީހެއްޔެވެ؟

މައިމޫން ކާކޮޓަރިއަށް ވެންނެވިކަން އެނގުނީ އައްޔާޝްއަށް ގޮވައިލުމުންނެވެ."ހެލޯ ދަރިފުޅު. ހާދަ ސީރިޔަސް ވެފައި........."

"އެއްވެސް ކުއްޖަކު އާރި ދެކުނިން؟"ހުސާމްވެސް އޭނަގެ ބައްޕަގެ ފަހަތުން ކަހަލަގޮތަކަށް ވަނެވެ."ކޮޓަރިއަކުވެސް ނެތް.ފޯނު ނިއްވާލާފައި............"

އަދާރާގެ ހިތަށް ހޫނު ފެން އެއްޗެއް އޮއްސައިލިފަދައެވެ. ރޭ ލުސިފާރ ބުނުމުން އަނެއްކާ ފެންގަނޑަށް ފުންމައިލީހެއްޔެވެ؟ އާރިސްއަށް ކަމެއް ދިމާވެއްޖެއްޔާ އޭނައަށް ތުހުމަތު ނުކުރެވޭނެހެއްޔެވެ؟ ރަގަޅަށްވިއްޔާ އާރިސްގެ މައިންބަފައިން އެމޮޔަ ކުއްޖާ ބަލަން ހަވާލުކުރާނީ ހުސާމްއާއެވެ. ހުސާމްއަށް އޭނަގެ ވާޖިބު އަދާނުކުރެވުނީއެވެ.

އަދާރާ އަވަހަށް ގަސްތަކުގެ ތެރެއަށް ވަދެގެން ހިނގައިގަތީ އެމީހުން އާރިސް ހޯދަން އެދިމާލުން ނިކުންނާނެކަން ޔަގީންވާތީއެވެ.

ގިނައިރުތަކެއްނުވެ ގޭގެ އެންމެންވެގެން ގޭގެ ހުރިހާތަނެއް ހޯދަންފެށިއެވެ. ފުލުހަށް ގުޅަން ޝުވޭކާރު ދެކޮޅުހެދީ ދަރިފުޅުގެ ބަލި އެހެން މީހުންނަށް ފަޅާ އަރާފާނެތީއެވެ.

ނުނިމޭ