12 Dec 2022, 09:48
"އަތްމަތި ތަނަވަސްވެ، ދަތިތަކުން ސަލާމަތްވެ ފާފަ ފުހެވޭނެހެން ގިނަގިނައިން އަސްތަޣުފާރުކޮށް ޒިކުރުކުރާށެވެ.
***
މާކް ގޮސް ލޯމަތިން ގެއްލެންދެން ބަލަން ހުރެފައި އަދާރާ އެނބުރުނުއިރު އާރިސްގެ ނަޒަރު ހުއްޓިފައިވަނީ އެހެން ދިމާލަކަށެވެ. އަދާރާގެ ލޮލަށް ނުފެންނަ ޝަޚުސަކާއި ރުޅިވެރިކަމާއެކު ޖަދަލުކުރަމުން ދިޔައިރު އެހެން މީހަކު އެތާ ހުރިކަމެއްވެސް އެނގޭހެނެއް ހިޔެއްނުވެއެވެ. އެމީހަކާއި ދިމާލަށް ހުތުރު ބަހުން ވާހަކަދައްކާ ބައެއްފަހަރު ޖަވާބުވެސް ދެއެވެ. އަދާރާ ބިރުގަންނަގޮތްވިއެވެ. އާރިސްއާއި ޖިންނިއެއް އަވަލާފައި ހުރީބާވައެވެ. އެއުޅެނީ އެގޮތަށް އަވަލާފައި ހުރިމީހެއް އުޅޭހެންނެވެ. އެހެންނޫންނަމަ އަތް އެއްލާފައި އެގޮތަށް ފާރާއި ވާހަކަދައްކަން ނުހުރީސްކަން ޔަގީނެވެ.
އަދާރާ ފަހަތަށް ޖެހެމުންގޮސް އޭނަ ދިރިއުޅޭ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާފައި ތަންޑު އެޅުވިއެވެ. ދާނިޔާއަށް ގުޅާފައި އެހީއަކަށް އެދުނެވެ.
"ޖިންނި އަޅައިގެނެއްނޫން. ނަފްސާނީ މައްސަލައެއްގައި ބޮޑުވަރުވެގެން ހާލަތު ގޯސްވާކުދިން ތިކަހަލަ ކަންތައް ކޮށް އުޅެއެއްނު..."
"މޮޔަބޮޑުވެގެންގޮސް އަހަރެންގެ ގައިގާ ތަޅައިގެންފިއްޔާ...."އަދާރާ ކުޑަދޮރުގެ ފަރުދާތައް ކުޑަކޮށް ކަހާލާފައި ބޭރަށް ބަލައިލިއިރު އާރިސް އެކަނިމާ އެކަނި ހުރެ ބާރަށް ހެނީއެވެ.
"ހީޒް އިންސޭން. ސީރިޔަސްކޮށް..." އަދާރާ މަޑުމަޑުން ބުނެލިއެވެ." އެހާވަރުން މަންމަ ބޮލަށް ވަދެގެން ޑިޕްރެޝަންއޭ ކިޔާފައި އޮޅުވައިލީކަން ނޭގެއެއްނު. ޑިޕްރެޝަންގައި މިގޮތަށް ވާކަމެއް ނުދަންނަން. ސަބަބަކީ އަހަންނަކީވެސް އެގޮތަށް ދިމާވެ ބޭސްވެސް ކައިފާ ހުރި މީހަކަށްވީމަ..........."
އޭނަ ސިއްރުން ބަލަން ހުއްޓާ ހުސާމް އައިގޮތަށް ގާތްގޮތަކަށް އާރިސްގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ އެކީގޮސް ލޯމަތިން ގެއްލުނެވެ.
އަދާރާ އެކިގޮތްގޮތަށް ވިސްނިޔަސް ހުސާމް ހާސިލުކުރަން ހަދަންވީގޮތެއްވެސް ނޭގުނެވެ. ހުސާމްއާއި ޖުއާނާގެ ކައިވެނި ހުއްޓުވުމަށްވުރެ ހިތްއެދޭ އިތުރުކަމެއްނެތެވެ. ސިކުނޑި ހިސާރުކޮށްފައިވަނީ އެ ޚިޔާލުތަކުންނެވެ.
***
"ހުސާމް. އަހަރެންދެކެ ތިހާ ރުޅި އަންނަ ސަބަބެއްބުނެބަލަ. އަހަރެން ކީއްކުރީތަ؟" އަދާރާ ހުސާމް ސިޓިންރޫމްގައި ޓީވީބަލަން އިންދާ ކުރިމަތީގައި ހުރި ކައުޗްގައި އިށީނެވެ.
"ސަބަބަކީ އަހަރެންގެ ފަހަތުން ނުފިލީމަ. ކިހާބޮޑުކަމެއްހޭ؟ ލަދުގެ ކަންފުޅެއް ހުރިނަމަ ނިގާބު އަޅައިގެން ހުރެ ތިމާގެ ފިރިމީހާގެ ބޭބެއާއި އަޅައިގަނެގެން ނޫޅޭނެ..މަގޭ އަތުން ފައިން ގޯހެއް ނެހެދެނީސް މިގެއިން ދިޔައްޔާ އެންމެ ރަގަޅުވާނީ....." ހުސާމް އަތުގައި އޮތް ރިމޯޓް ދުރަށް އެއްލާލާފައި ބުމަކައިރިކޮށްލައިފިއެވެ. އެއަޅި ލޮލުން އަލިފާން ކަނިބުރަނީއެވެ. އަދާރާގެ ހިތް ކަތިލައިލި އެ ރީތި ލޮލުން އެވަރުގެ ރުޅިވެރިކަމެއް ފެންނަނީ ހަމަ އޭނަގެ މޫނުގައި އެ ލަފު ހުރީމަހެއްޔެވެ؟ އޭނަގެ ކުށަކީ އެއީއެވެ. ލޮލުގައި ކަރުނަ ގިނަވާންފެށުމުން ތުންފަތުގައި ބާރަށް ދަތް އަޅައިލެވުނެވެ.
"އެންމެ ސުވާލެއްގެ ޖަވާބު އެނގެން ބޭނުމީ...."
ހުސާމް ފުންނޭވާއެއް ދޫކޮށްލީ ރުޅިމަތަކުރަން ކަން ނޭގެއެވެ.
"އެރޭ ކައިވެނީގެ މަޖިލީހަށް ނައީ އަހަރެންގެ މޫނުގައި އެލަފު ހުރީމަތަ؟"
"އާނ. ތިބުނީ ތެދެއް އެހެންވީމަ ދުރަށް ދިޔައީ. ބޭނުން ކޮންމެ އަންހެންކުއްޖަކު ލިބެންއޮތްވާ މޫނުގައި ލައްގަނޑެއްޖެހިފައި ހުރި މަންޖެއަކާއި ހަމަޖެހޭ މީހެއް ކައިވެނި ނުކުރާނެ. އަހަރެން ކަލެއާއި ރައްޓެހިވީ މަޖަލަކަށްކަން މިހާރު ތި ޕީނަޓް ބްރެއިންއަށް އަދިވެސް ނަގައިނުގަނެވޭ ދޯ. ކަލޭ ކަހަލަ ޖާހިލަކާއި ކައިވެނިކުރާނީ މޮޔައެއް. އާރިސްވާހަކަ މިބުނީ. މަގޭ ކޮއްކޮވެސް ބޯ ހަމަޖެހޭނަމަ ކަލެއަކާއި ނީންނާނެ. ސޯ މަގޭ ފަހަތުން ދެން ނާންނާތި......" ހުސާމް ތެދުވެގެން ހިނގައިގަތުމުން އަދާރާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. ދުވަހަކު އެހާ ހިތްދަތިވާފަދަ ގޮތަކަށް މީހަކު އޭނައާއި ދިމާލަށް ބަސްބުނި ހަނދާނެއްނުވެއެވެ. ހިތަށް އެތައް ހާސް ކަށިތަކެއް ހަރައިލެވުނުހެން ހީވިއެވެ. އޭނަ ދަށްކޮށް ނިކަމެތިކޮށްލީ ހާދަ ވަރަކަށެވެ. އަމިއްލަ ކޮއްކޮއަށް މަލާމާތްކުރަންވެސް ހުސާމް ފަހެއް ނުޖެހުނެވެ.
އެވަރުންވެސް އޭނަގެ ހިތުގައިވި ލޯބި ފޮހެލުމުގައި ހުސާމްއަށް ނުކުޅެދުނެވެ.
***
ޝުވޭކާރު ރާއްޖެ އައުމާއެކު ބްރައިޑަލް ޝަވާއެއް ބޭއްވިއެވެ. އެ އުފާވެރި ހަފްލާ ފެނިފައިވެސް އަދާރާގެ ހިތް ކުދިކުދިވިއެވެ. އަމިއްލަ ދަރިއެއް ނޫނަސް ހުސާމްދެކެ އެންމެންވެސް އެވަނީ އާދަޔާ ޚިލާފު ލޯތްބެކެވެ. ބައެއް އިންސާނުން އުފެއްދެވުމުގައިވެސް އެންމެންގެ ލޯބި މިންވަރުކުރައްވާފައިވަނީކަން ނޭގެއެވެ. ހުސާމްގެ ރީތިކަން ފެނިފައި ހިލޭމީހުންވެސް ފިދާވާނެއެވެ. އެހާ ފޮނި ބޮޑާ އިރުގައިވެސް އެވަރަށް މީހުން ގަޔާވާ އިންސާނެކެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ހިތްތަކާއި ކުޅެލާފަދަ އަޑުގެ ޖާދޫގައި ޖެހި މުސްކުޅިންނާއި ކުޑަކުދިންވެސް މޮޔަކުރުވާނެއެވެ. އަދާރާ ހިމޭންކަމާއެކު އެގޭތެރޭގައި ކުޅިބަލަން ހުންނައިރު ހިތުގައި އުފެދެމުން ދިޔައީ ބަދަލުހިފުމުގެ ރޫހެވެ. އޭނަގެ ހިތް ހަލާކުކޮށްލާފައި ޖުއާނާއަށް އުފަލެއް ލިބިގެންނުވާނެއެވެ. އެމަގާމުގެ ހައްގުވެރިއަކީ އޭނައެވެ.
ބްރައިޑަލް ޝަވާގެ ފޮޓޯތަކުން ޖުއާނާގެ ސޯޝަލް މީޑިއާ ފަޅުފިލިއެވެ. އެތަނުގެ ހިތްގައިމުކަމާއި ރީތިކަން ބަޔާންކޮށް ނުދެވޭހާ ޗާލެވެ. ވާރޭފަދައިން ވަށައިގެން އޮހެމުން ދިޔައީ ތާޒާ ފިނިފެންމާތަކެވެ. ޖުއާނާ ލައިގެން ހުރި ހުދު މެކްސީއިން ދޮން ހަށިގަނޑުގެ އޮމާންކަން ފައުޅުވާއިރު އަންހެންވެރިންގެ ތައުރީފުގެ ނިމުމެއްނެތެވެ. އަރާފައި ހުރި ހީލްގެ ސަބަބުން ވަކިން އިސްކޮޅުން ދިގުކަމަށް ދައްކައެވެ. ސަމަންފަދަ އަގުބޮޑު ކާއެއްޗެހީގެ އިތުރުން ތަބައްތަކަށް އަޅާފައިވަނީ ކުލަކުލައިގެ މަކަރޫންސްތަކެވެ. ކޮންމެ މެހުމާނަކު ގެއަށް ގެންދާންވެސް ކަސްޓަމް މަކަރޫންއަށ އޯޑަރުކުރެވިފައިވިއެވެ. އެންމެންގެ ތައުރީފާއި ލޯބި ބަންޑުންކޮށްލާފައި ހުރި ކޮމެންޓްތައް ކިޔަމުން ދިޔަވަރަކަށް އަދާރާގެ ހިތުގެ ހާލަތުބޮޑުވިއެވެ. ކެތްނުވެގެން އެންމެފަހުން ދާނިޔާގެ އެހީތެރިކަމަށް ބޭނުންވިއެވެ. ދާނިޔާ ފެނުމާއެކު އާދައިގެ މަތިން އަދާރާއަށް ރޮވިއްޖެއެވެ. އަދާރާ ހުސާމް އޭނައާއި ދިމާލަށް ބުނެލި އެއްޗެހިތައް ކިޔާދިނުމުން ދާނިޔާ ބޯ ހޫރައިލިއެވެ.
"އެވަރު މީހަކާއި ހެދި އަދިވެސް އަދާ އުޅޭތީ ހައިރާންވެއްޖެ.."
"ކުރިންވެސް ބުނީމެއްނު ދާނީއަށް ހަގީގީ ލޯބި ނުވެވެނީއޭ..."
"ނޫން ތިހީކުރާގޮތަކަށް ނޫން ހަގީގަތް އޮތީ. އަހަންނަށް އައްޔާޝް ވަރަށް ކަމުދިޔަ ދުވަހެއް އައި. ތެދަށް ބުނަންޏާ އަދާއަށް ކުރެވުނުހާ އިހުސާސްތަކެއް އައްޔާޝް ފެނުމުން ކުރުވި. ނުނިދިގެން އުޅުނު ރޭތަކެއްވެސް އައި. އެކަމަކު އެއަށްވުރެ ބޮޑަށް އިސްކުރީ ﷲގެ ލޯބިފުޅު. އެލޯބިފުޅު މުހިއްމު ވި ސަބަބު އެނގޭތަ؟ އައްޔާޝްމެންގެ އާއިލާ ކިތަންމެ މުއްސަދިވެފައި ގަދަރުވެރިވިޔަސް އެމީހުން ދީނަށް ގަދަރެއްނުކުރޭ. އެމީހުންގެ ހިތުގައި ﷲއާއި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ މައްޗަށް ލޯތްބެއް ހުރިނަމަ އެގޮތަކަށް ނޫން އުޅޭނީ. އެމީހުން ފެނުނަސް ދުނިޔެއަށް ގޮސް ހުސްވެފައިވާކަން އެނގޭ. އެހެންވެ ގަދަކަމުން އައްޔާޝްގެ މަތިން ހަދާން ނައްތާލީ...އެވެސް ﷲއަށްޓަކާ. ދީނީ ލޯބި ހިތުގައި އަށަގަންނަވަންވެގެން އަޅުކަންތަކާއި ކައިރިވެ ނަމާދުތަކާއި ޒިކުރުން ހިތްހަމަޖައްސަން ދަސްކުރީ. މިހާރު އައްޔާޝްއަށް ނޫނެކޭ ބުނެފިން. އެންމެ މަޖާވީ އައްޔާޝް ބުނީ ހަގީގަތުގައި އޭނަވެސް ފުރަތަމަ އަހަންނާއި ގުޅެން އުޅުނީ ހަމައެކަނި މަޖަލަކަށް ހަދައިގެން ކަމާއި ބައްޕައަށް ލަނޑެއްދޭންކަން. އަދި އެކަމަށް މާފަށްވެސް އެދުނު. އެހިސާބުން އެގުޅުން ނިންމާލައިފިން. އެކަނިވެރިވާ ހިނދު ތިމާގެ ހިޔަނިވެސް ތިމާ ދޫކޮށްފައި ދޭ އެހެންވީމަ އަދާވެސް ހިތަށް ވިސްނައިދީ. ދުނިޔޭގެ ހަޔާތަކީ އިނގިލިން ގުނައިލެވޭހާ މަދުދުވަސްކޮޅެއް. ކޮންމެ މީހަކަށްވެސް ތިމާގެ ސިކުނޑީގެ މައްޗަށް ބާރުގަދަކޮށްލެވޭނެ. އުދަގޫ ކަމަކަށް ވިޔަސް އެކަން އަހަންނަށްވެސް ކުރެވިއްޖެ..."
ދާނިޔާގެ ދަރުސް އަޑުއަހަން އަދާރާ ސޯފާއަށް ދެފައި ލައިގެން އިނެވެ.
"ތިބުނީ ތެދެއް. ދާނީ ހިތަށް އަރާނީ އަހަރެން ފައިސާއާއި މުދަލާއި ރީތި ގެއަކާއިހެދި މޮޔަވަނީއޭތަ؟ "
"ނޫން އެހެން ހިތަކަށް ނާރާ..."
"މުދާތަކާއި ބިންތައް ވާރުތަކުރަން ބޭނުންވާނަމަ އާރިސް މޮޔައަކަށްވިޔަސް އޭނައާއިއެކު އުޅެން ބޭނުންވާނީ. އެކަމަކު ހުސާމްއަކީ ނާއިބުރައީސްގެ ހަގީގީ ދަރިއެއްނޫންކަން އެނގުމާއެކުވެސް ހިތުގައި އެވާ ލޯތްބަށް ބަދަލެއްނައި..."އަދާރާގެ ލޮލުގައި ކަރުނަ ތިއްކެއް ވިދައިލިއެވެ."މި ހުސްވާކަށްވެސް ނޫޅޭ.."
"ކަރުނައިން ސްޓްރެސް ފިލާ.......ހިތްފުރެންދެން ރޮވުނީމަ ހިތަށް ފަސޭހަވާނެ.ހިނގާ ނަމާދުކޮށްލައިގެން ގުރުއާން ކިޔަވަން..."
"މިއިން ދުވަހަކު ގުރުއާނުން އަކުރެއް ނުކިޔޭ..." އަދާރާ އިސްތަށިގަނޑުގައި ހުޅިއެއް ޖެހުމަށްފަހު ލޯގަނޑު ކައިރި ހުއްޓި އޭނަގެ މޫނުގައި ހުރި ލަފަށް ބަލާލާފައި ދޫ ނެރެލިއެވެ."އަހަރެންވެސް މޮޔަވެދާނެ..."
"ނެގެޓިވް ތިންކިން ދޫކޮށްލެވޭނީ ހިތަށް ހަގީގީ ހަމަޖެހުން ލިބޭކަންތައް ކޮށްގެން ކަން އަދާއަށް އެނގެއެއްނު. އެންމެ ފަރާތަކަށް ބަރޯސާވެ ދުޢާކުރަން ފެށީމަ ލައިފްއަށް ހީނުކުރާ ޗޭންޖްތައް އަންނާނެ އިންޝާﷲ..."ދާނިޔާ ހެދުންތައް ކޮނޑުގައި އަޅުވާފައި މޭޒުމަތި ތަރުތީބުކުރަންފެށިއެވެ. ގަޔަށް ދޫ ހެދުމަކާއި ހަރުވާޅެއް ލައިގެން ކިތަންމެ ސާދާކޮށް ހުއްޓަސް މޫނު އަލިވެފައި ހިނިތުންވުން އެކުލެވޭގޮތުން އުފާވެރި ކުއްޖެއްކަމަށް ދައްކައެވެ.
"މި ލަކުނު އެހާ ހަޑީތަ ހުސާމް؟" އަދާރާ މަޑުމަޑުން ކޯތާފަތުގައި އަތް ޖައްސާލައިފިއެވެ.
"އަދާ. ވައިސް ޕްރެޒިޑެންޓްގެ ފެމިލީއާއިއެކު ދިރިއުޅުނީމަ ކިހިނެއް ފީލްވަނީ؟" ދާނިޔާ މަޑުމަޑުން ވާހަކައިގެ މިސްރާބު ބަދަލުކުރަން މަސައްކަތްކުރިއެވެ.
"ކޮންމެ ޚިދުމަތަކަށް ތައްޔާރުވެގެން ނޯކަރުންގެ ފައުޖެއް އޮވޭ. ޝެފެއްވެސް ކައްކާގަޑީގައި އުޅޭ. އެންމެން ކާން ދާންއިރު މޭޒުމަތީގައި ނަން ހުސްކޮށް އެއްޗެހި ހުރޭ. ކާއެއްޗެހީގެ ވަސް ޖެހުނަސް ބަނޑު ފުރިގެން ދޭ. އެގެއެކޭ ދުނިޔެމަތީގެ ސުވަރުގެއެކޭ ތަފާތެއްނެތް. އެކަމަކު ހިތަށް ހަމަޖެހުމެއް އުފަލެއް ނުލިބޭ...."އަދާރާ ބޮލުގައި އަތް އަޅައިލިއެވެ.
" ބެލްކަނީގައި ހުންނައިރު ވައިސްޕްރެޒިޑެންޓްމެންނާއިއެކު ހަށިފާރަވެރިން ފެނުނީމަ ހައިބަތާއި އިއްޒަތް ފެނޭ.އެކަމަކު ބައެއްމީހުން ގަދަރާއި އިހުތިރާމް ކުރަންވެސް ނުދަނޭ. އެހާ ހަޑިކޮށް ބަވާލާ. ބަޓް ވަރަށް ލޯބި ފެމިލީއެއް. މުއްސަދިވެފައި ހުރިހާ ނިއުމަތްތައް ލިބުނީމަ ހެއްދެވި ފަރާތްމަތިން ގިނަމީހުން ހަނދާން ނައްތާލާ. އަބަދަށް ދުނިޔޭގައި އުޅެވިދާނެކަަމަށް ހީކުރިޔަސް މީހާގެ އަޖަލު ޖެހި ކަށްވަޅުގައި އެކަނިވީމަ ހުވަފެނުން ހޭލެވިދާނެ. އޭރުން ލަސްވެފައި އޮންނާނީ....."
އަދާރާ ހުސާމްގެ ޔޫޓިއުބް ޗެނެލް ހުޅުވައިގެން ލަވަ އަޑުއަހަން ފެށިއެވެ.
"ޕްލީޒް ހެޑްސެޓް އަޅައިގެން...." ދާނިޔާ އަވަހަށް އަދާރާގެ ކަންފަތުގައި ހެޑްސެޓް އަޅުވާދިނެވެ.
***
މައިމޫންއާއި އޭނަގެ ބޭބެގެ ދީނާއި ދުރު ސިޔާސަތުގެ ސަބަބުން އިދިކޮޅު ޕާޓީތަކުގެ ފިއްތުންތައް ކުރިމަތިވަމުންދާއިރު ސެކިއުލާ ސަރުކާރެއްގެ ކުލަ މަޑުމަޑުން ހުރިހާކަމެއްގައި ޖެހި ގައުމު ދިޔައީ ހުޅަގުން ބޭނުންވާ ގޮތަށް ބައްޓަންވަމުންނެވެ. ފާހިޝް އަމަލުތައް އާއްމު އަދި "ނޯމަލް"ކަމަށްވާން ފެށިއެވެ. ޑްރަގްގެ ވަބާގައި ޒުވާން ޖީލު ޣަރަގުވަމުންދާއިރު ހުއްޓުވަން ކުރާ މަސައްކަތުން ލިބޭ ކުރިއެރުމެއްނެތެވެ. އެންމެފަހުން ޕާޓީ ޑްރަގްވެސް ތައާރަފުވީއެވެ. ޒުވާނުން ޑްރަގްގެ މަސްތުގައި ހަޔާތުގެ އަގުހުރި ވަގުތުތައް ކުރުކޮށްލަމުން ދާއިރު މަސާޖް ޕާލާތައް ގިނަވިއެވެ. މިއުޒިކް ޝޯތަކާއި ޔޯގާފަދަ ކަންތައް ކުރުން ވަކި އިމެއްގެ މަތިން ރަގަޅުކަމަށް އެންމެންހެން ގަބޫލުކުރިއެވެ. އަޅުކަންތައްކޮށްގެން ކޮންމެވެސް ވަރަކަށް މުނިފޫހިފިލުވަން ޖެހޭނެއެވެ. ދީނީ ޝޭޚުންތައްވެސް އެކަންތައް ހުއްދަކުރަނީ ސިޔާސީ ބޭނުންތަކާއި ދުނިޔަވީ ފައިދާތަކަށްޓަކައެވެ. ޒަމާނަށް އައި ބަދަލުތަކާއެކީގައި ދިރިއުޅުމުގެ އެފަދަ އާދަކާދަތަކަށް ބަދަލު އަންނަން ޖެހޭ ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.
މައިމޫންއާއި ޝުވޭކާރު އަދި ހުރިހާ ދަރިންތައް ހުކުރު ނަމާދަށް ފަހު ކައިގެން ސިޓިންރޫމްގައި ވަގުތުހޭދަކޮށްލަން ތިއްބެވެ. އައްޔާޝް ލައިގެން ހުރީ އަތްދިގު ހުދުކުލައިގެ ކުރުތާއަކާއި ޖިންސެކެވެ. ފައިކުރި އޮޅާލާފައެވެ. ތުނބުޅިއާއި އިސްތަށިގަނޑު ކުރިއަށްވުރެ ދިގުވެ ފިރިހެންވަންތަކަން އިތުރުވެފައިވިއެވެ. ސެންޓްގެ މީރުވަހުން ކޮޓަރިތެރެ އެއްވަސްވެފައިވާއިރު ސިކުނޑިއަށް ދިރުން ގެނެސްދޭނެއެވެ.
"ދަރިފުޅު ތިހެން ހުރީމަ ޑީސެންޓް ގޮތްގަނޑެއްނެތް..." ޝުވޭކާރު އައްޔާޝްގެ ތުނބުޅީގައި މަޑުމަޑުން ހިފަައްޓައިލިއެވެ. މިނަލް ހުސާމްގެ ކުރިމަތީގައި ހުރި ސޯފާއަށް އަރާ އިންއިރު ސިއްރު ނަޒަރު އިރުއިރުކޮޅާ ހުސާމްގެ މޫނަށް ހުއްޓެއެވެ. އާރިސް އާއި މާކް ފޯނުން ކޮންމެވެސް ގޭމެއް ކުޅެން ތިބިއިރު އެހެން މީހުން ދައްކާ ވާހަކައަށް ސަމާލުކަމެއް ނެތެވެ.
"އެކްސްޓްރީމިސްޓަކާއި ވައްތަރީ.."މިނަލް އަނގަޔަށް ގޮތެއްހެދިއެވެ.
"މަންމާ. އަޅުގަނޑަށް މިވާހަކަ ބުނަން ފަސޭހައެއްނޫން. އެކަމަކު މަންމައާއި މިނަލް ބުރުގާ އަޅަންވީނު. ގުރުއާނުގެ ނޫރު ސޫރަތުގެ ތިރީސް އެއްވަނަ އާޔަތުގެ މާނައާއި ތަފްސީރު ގްރޫޕަށް ލާނަން." އައްޔާޝް ފޯނު ނަގާފައި އެ އާޔަތް ކިޔަވާދިނެވެ. އެންމެން ހިމޭންކަމާއެކު އަޑުއަހަންތިއްބެވެ."ސީރިޔަސްކޮށް މަންމަ ބޭރަށް ދަންޏާ ބުރުގާ އަޅައިގެން ދިޔުމަށް ވަރަށް ބޮޑަށް އެދެން..."
"ދުވަސްކޮޅަކުން އާއިލާ އެންމެން ކާފަރުވެސް ކުރާނެ ދޮންބެ.."ހުސާމްހިނިގަނޑެއް ޖެހިއެވެ."އެނީވޭސް މިއުޅެނީ މިއުޒިކް ޝޯއެއް ބާއްވަން. ރާއްޖޭގައި މިއުޒިކް ފެސްޓިވަލް ތައްވެސް ބާއްވަން ޖެހޭ. ސަބަބަކީ ސައުދީ ތަންތާވެސް މިކަންތައް ފެށީމަ. އެމީހުންނަށް އަޅުގަނޑުމެންނަށްވުރެ ބޮޑަށް ދީން އެނގޭނީ..."
"ހުރިހާ އިލްމުވެރިންނެއް ޖަލަށް ލައިގެން އެމެރިކާއަށް ދީން ވިއްކައިގެން އުޅޭ ބަޔެއްގެ ވާހަކަ ތިބުނީ؟ހުސާމްއަށް ނޭގޭ ވާހަކަ ނުދެއްކިއްޔާ ރަގަޅީ. ތި މިއުޒިކް ޝޯއާއި ފެސްޓިވަލްއާއި ކުޅިވަރުތައް އެހެން ގައުމެއްގައި ބާއްވާ...."
"ދަރިފުޅުމެން ކޮން އަރައިރުމެއްތިވަނީ. އަޔާ އަޅުވެރިވުމަކީ ރަގަޅުކަމެއް އެކަމަކު ހުރިހާ ކުދިންގެ ވިސްނުމާއި ފިކުރު އެއްގޮތެއްނުވާނެ. އެކުއްޖަކު އުޅެން ބޭނުންގޮތަކަށް އުޅުމުގެ މިނިވަންކަން އޮންނަންވާނެ. ދީނުގައި މަޖުބޫރުކުރުމެއްނެތް އަޔާ....."މައިމޫންގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުނެވެ.
"ބައްޕާ. ބައްޕަ އެހާ އަންޑަސްޓޭންޑިން ވީމަ ވަރަށް އުފާވެއްޖެ. އަޅުގަނޑުވެސް ދީނަށް ޚިދުމަތްކުރަން ބޭނުން. އެންމެ ކުރިން މިއުޅެނީ އެންޓި އެލްޖީބީޓީ ކެމްޕޭނެއް ފަށަން..............."
އައްޔާޝް ހިނިތުންވެލިއެވެ.
"ދޮންބެ އަނެއްކާ އިމާމް މަހުދީކަމަށް ދައުވާނުކޮށްފިއްޔާ ރަގަޅު. އަޅުގަނޑުގެ ފްރެންޑެއް ޔަމަންގައި އުޅޭ. އޭނަގެ ނަމަކީ މުހައްމަދު މަހުދީ. ފަހުން އެނގުނީ ހޫތީއެއްކަން. އޭނަ އޭރުވެސް ސައުދީ ހިފާނަމޭ ކިޔައިގެން އުޅޭ. މިހާރު މިއެނގެނީ އެމީހުންގެ ހަގީގަތް..އޭނަވެސް ހިތުން މަހުދީކަމަށް ހެދުނީ............"ހުސާމްގެ ތަޖުރިބާ ހިއްސާކުރިއެވެ.
***
އަދާރާ ގެއަށް ވަންއިރު މަންމަ ޓީވީ ހުޅުވާލައިގެން ސިޔާސީ ޕްރޮގްރާމެއް ބަލަން ނިކަން ގަޔާވެފައި އިނެވެ. އަދާރާ ފެނުމުން އަރޫޝާ ހުރިހާދަތްތައް ފެންނަ ވަރަށް ހީލާފައި އޭނަގެ ގާތުގައި ބައިންދައިގެން ޚަބަރު އޮޅުން ފިލުވަންފެށިއެވެ. އާރިސް ނުގެނައީ ކީއްވެތޯ އެހިއެވެ. މަންމަގެ އެކުވެރިންނާއި ދަންނަ އެންމެންވެސް ހަސަދަލައިގެން އުޅޭ ކަމަށާއި މަންމަ ދަނބިދަރިފުޅާއިމެދު ފަޚުރުވެރިވާކަމުގައި ބުނެލިއެވެ.
"މަންމާ ކޮން ފަޚުރެއް؟ މޮޔައެއް ލިބުނީމަ ކާކު އުފާވާނީ؟" އަދާރާ މޫނުހެދިއެވެ.
"ތިބުނީ ކީކޭ؟"
"މަންމަ އަހަންނަށް ސިއްރުކުރީކަން ޔަގީނޭ. އެ އާރިސް މޮޔަބަލިޖެހިފައި ހުރީ. ލުސިފާރ ކިޔަނީ އިބުލީހަށްކަން ނޭގޭ. އެހެން ޝައިތާނެއްވެސް ނޫން އަދި އާރިސް ގާތަށް އަންނަނީ. އިބުލީސް. އިބުލީސްއާއި ވާހަކަދައްކަން އެތައް އިރެއްވާންދެން ފާރުކައިރި ހުރޭ. ސަބަބަކީ އެ ޚިޔާލީ މީހާއަށް ލުސިފާރ ކިޔައިގެން އޭނަ ވާހަކަދައްކާތީ. މަންމަގެ އެކުވެރިންނަށް އެ ވާހަކަ އިވޭ ދުވަހަކުން ހުރިހާ ލަދެއް ގަންނާނީ މަންމަަ.." އަދާރާގެ އަޑު ބާރުވަމުން އައެވެ.
"އާރިސްގެ ޑިޕްރެޝަން ހުރީ.."
"ހެވޭ. ދެން އެގެއަކަށް ނުދާނަން......"
"އަދާރާ..." އަރޫޝާ ރުޅިއަންނަގޮތްވިއެވެ.
"ހަގީގަތް ބުނެފާނަން. އަހަންނަށް އަދިވެސް ހުސާމްގެ މަތިން ހަނދާން ނައްތައެއްނުލެވޭ. ހުސާމް އަހަންނަށް ދައްކަން ޖުއާނާއާއި ކައިވެނި ކޮށްގެން ކުރިމަތީގައި އުޅޭތަން ބަލަން ކެތްކުރެވޭނެ ގޮތެއްނެތް. އެއީ ފަސޭހަކަމަކަށްނުވާނެ. އަލުން ޑިޕްރެޝަންގެ ޝިކާރައަކަށްވެއްޖެ. އެގެއަކު ނުހުރެވޭނެ......" އަދާރާ ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. އަރޫޝާ ދޮރު ތަޅަ ތަޅާފައި އަދާރާއަށް ވިސްނައިދޭން މަސައްކަތްކުރަމުން ދިޔައިރު އަދާރާ ތަޅުންމަތީގައި ދޮރަށް ލެނގިލައިގެން ރޯންއިނެވެ.
***
މިނަލްގެ އުމުރުން ފަނަރަ އަހަރު ނަމަވެސް އެ އުމުރުގައިވެސް ބޭނުންވަރަކަށް މިނިވަންކަން އޮތުމާއެކު ކުޑަކުއްޖެއްގެ އުޅުމަށްވުރެ ހަރުގޮތެއް ހުރެއެވެ. ކިޔާ އުޅެނީ ބޮޑެތި މީހުންގެ ވާހަކަަތަކެވެ. ނެޓްފްލިކްސް ސީރީޒްތަކަށް ފާޑަކަށް ދެވިހިފާފައެވެ. ފިލްމު ނުބަލާގަޑިއެއް ވިއްުޔާ އެންމެ ކުރާ ހިތްވާކަމަކީ ހުސާމްގެ ލަވަތައް އަޑުއެހުމެވެ. ކިޔެވުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތައް ގިނަވުމުން ނަމާދުފަދަ އެއްވެސް އަޅުކަމަކަށް ފަރުވާލެއް ނުބެހެއްޓެއެވެ. ޝުވޭކާރުއަށް މަންމައެއްގެ ވާޖިބުވެސް ރަގަޅަށް އަދާކުރެވެނީއެއްނޫނެވެ. ކުރިންވެސް ކްލިނިކްގައި ގިނަ ވަގުތުތައް ހޭދަކުރަމުން އައިސް ސިޔާސީ މައިދާނަށް ނުކުތުމުން މައިމޫނާއެކު ސިޔާސީ ކަންތައްތަކުގައި ބޭރުގައި އުޅުން ކުރިއަށްވުރެ ގިނަވިއެވެ. އެކި ކެމްޕެއިންތަކުގައި ރާއްޖެތެރެއަށް ދިޔުމާއި ބައްދަލުވުންތަކަށް ދިޔުމާއި އެކި ހަރަކާތްތަކުގައި އުޅޭވަގުތު ގިނަވުމުން މިނަލްގެ އެއްވެސް ކަމަކަށް ފަރުވާލެއް ނުބެހެއްޓެއެވެ.
މިނަލް ހުސާމްގެ ހިޔަނިހެން ފަހަތުން އުޅޭއިރުވެސް އެންމެނަށް ހީވެފައި އޮންނަނީ އެދޭތެރޭގައި އޮތީ ބޭބެއަކާއި ކޮއްކޮއެއްގެ ގުޅުންކަމުގައެވެ. މިނަލް ހުސާމްއާއި ހެދި މޮޔަވާކަން އެނގެނީ ހުސާމްއަށް އެކަންޏެވެ.
***
އެއީ ބޯކޮށް ވާރޭވެހުނު ތޫފާނީ ރެއެކެވެ. ޗެރީވުޑްގެ ގިނަ މެމްބަރުން ގެއިން ބޭރުގައި ވީ ރެއެކެވެ. މައިމޫންއާއި ޝުވޭކާރު ރިޒޯޓެއް ހުޅުވަން ދައުވަތު ލިބިގެން ދިޔައީ މާކްވެސް ގޮވައިގެންނެވެ. އަދާރާ ގެއަށް އައީ މަންމަ ބާރު އަޅާ އެތިވަރު ގޮވައިގަތުމުންނެވެ. ކޮންމެވެސް ވަރަކަށް ތެމިގެން ހުރުމުން ހީކަރުވައިގަތުމުން ހެދުން ބަދަލުކޮށްލުމަށްފަހު ހޫނު ކޮފީއެއް ތައްޔާރުކޮށްލުމުގެ ނިޔަތުގައި ކޮޓަރިން ނުކުތެވެ. ފަނޑު އަލިކަމެއް ވެރިވެފައިވާ ފުޅާ ކޮރިޑޯއިން ލަސް ފިޔަވަޅުތަކެއްގައި ދަނިކޮށް ހުސާމްގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރިތަން ފެނިގެން ސިއްރުން އެތެރެއަށް ބަލައިލިއެވެ.
އަދާރާއަށް ފެނުނު މަންޒަރަކުން ލޯބޮޑުވެ އަނގަމަތީގައި އަތް އެޅުނެވެ.
ނުނިމޭ