09 Apr 2012, 16:13
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރާ ޖީއެމްއާރުކުންފުނީގެ އިސް އޮފިޝަލުން ތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއި ރޭ ބައްދަލުކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް އޮފިޝަލަކު ސަން އޮންލައިނަށް މިއަދު ވިދާޅުވީ އެއާޕޯޓް ހިންގާ ޖީއެމްއާރާއި އެ ކޮންސޯޓިއަމްގައި ހިއްސާވާ މެލޭޝިއަން އެއާޕޯޓްސްގެ އިސްބޭފުޅުންތަކަކާ އެކު ރައީސް ވަހީދު ބައްދަލުކުރެއްވީ އެމަނިކުފާނު ދިރިއުޅުއްވާ ހިލާލީގޭގައި ކަމަށެވެ. އެ އޮފިޝަލު ވިދާޅުވީ ބައްދަލުވުމުގައި ވަކި ހާއްސަ ކަމަކާމެދު މަޝްވަރާ ނުކުރާ ކަމަށާއި އެއީ އިހުތިރާމްގެ ޒިޔާރަތެއް ކަމަށެވެ.
މިހާރު ސަރުކާރުގައި ތިބި އިއްތިހާދުވެފައިވާ ޕާޓީތަކަކީ ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ދެކޮޅަށް އަޑުއުފުލާ އެކަމާ ވަރަށް ބޮޑަށް އިހުތިޖާޖް ކުރި ޕާޓީތަކެވެ. ސަރުކާރުން ބުނެފައިވަނީ ޖީއެމްއާރާ އެކު ކޮށްފައިވާ އެގްރިމަންޓް ދިރާސާކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ އެގްރިމަންޓަށް ބަދަލެއް ގެނައުމުގެ ވާހަކަތަކެއް ސަރުކާރުން ނުދައްކަ އެވެ.
ޖީއެމްއާރުގެ އެގްރިމެންޓުގައި ތަފާތު މައްސަލަތަށް ހުރި ކަމަށް އެއާޕޯޓްސް ކޮމްޕެނީން ވެސް އަދި ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.