09 Dec 2022, 13:45
މުސްލިމުންގެ މުޅި ހަޔާތުގެ މޮޓޯއަކަށް ވާން ޖެހޭނީ ހެޔޮކަންކަން ކުރުމާއި ނުބައި ކަންކަމުން ދުރުހެލިވެ ރައްކާތެރިވުމުގެ މައްޗަށް ބާރުއެޅުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނަކީ އެއްބައިވަންތަކަމަށް ގޮވާލާ ދީން ކަމަށެވެ. އަދި އެ ދީނަކީ އެއްބަޔަކު އަނެއްބަޔަކަށް އޯގާވެރިވެ ރަހުމު ކުރުމަށް ގޮވާލާ ދީން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ދަތި އުނދަގޫ ކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެ ނަމަ އެކަކު އަނެކަކަސް އެހީތެރިވުމަށް ގޮވައިލާ ދީން ކަމަށާއި އެކަކު އަނެކެއްގެ މުދަލަށާއި އަބުރަށް ރައްކާތެރިވުމަށް އަމުރުކުރާ ދީނަކީ ވެސް އިސްލާމް ދީން ކަމަށް ޚުތުބާގައި ބުންޏެވެ.
އިސްލާމީ އަޚުއްވަންތަ ކަމަކީ ނުވަތަ އެކުވެރިކަމަކީ ވަރަށް މަތިވެރި ލަނޑުދަނޑިތަކެއް ހިމެނޭ ކަމެއް ކަމަށާއި އޭގައި ދީނީ މުހިއްމު މަގުސަދުތަކެއް ވެސް ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
"އެންމެ މުހިއްމު ކަމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ހެޔޮކަންކަމުގައި ވާގިވެރިވުން. މާތްﷲއަށް ތަގުވާވެރިވެ ހެޔޮ އަމަލުތައް ކުރުމުގެ މައްޗަށް ބާރުއެޅުން. ފާފަކުރުމާއި ނުބައި ކަންކަމުން އެއްކިބާވެ އިސްލާހުވުމަށް ބާރުއެޅުން،" ޚުތުބާގައި ބުންޏެވެ.
މުސްލިމުންގެ މުޅި ހަޔާތުގެ މޮޓޯއަކަށް ވާން ޖެހޭނީ ހެޔޮ ކަންކަން ކުރުމާއި ނުބައި ކަންކަމުން ދުރުހެލިވެ ރައްކާތެރިވުމުގެ މައްޗަށް ބާރު އެޅުން ކަމަށާއި އާޚިރަތުގެ ބާއްޖަވެރިކަން އޮތީ އެގޮތުގެ މަތީގައި ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނިގޮތުގައި އެ މަގުސަދު ނެތި އެކުވެރިކަމަކީ ހަމައެކަނި ދުނިޔަވީ ބޭނުންތަކެއް ނުވަތަ ނަފްސުގެ އެދުންތަކެއް ހާސިލުކުރުމަށް ބާރުއަޅާ ގުޅުމަކަށް ވެއްޖެނަމަ އެ އެކުވެރިކަން އާޚިރަތުގައި ވާނީ އަބާއްޖަވެރި ކަމަކަށެވެ.
އިސްލާމީ އުޚުއްވަތެރިކަމާއި އެކުވެރިކަމަކީ އޭގެ ސަބަބުން އަމިއްލަ ނަފްސު ބޭނުންޖެހިފައިވާ ހާލުގައި ވެސް ތިމާގެ އަޚުންނާއި އެކުވެރިންނަށް އިސްކަން ދޭން ދަސްކޮށްދޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން މީސްތަކުން ދުނިޔޭގެ ކަންކޮޅުތަކުގައި ލައްވާފައިވުމުގެ މަތިވެރި މަގުސަދެއް ވާ ކަމަށާއި އެއީ މާތްﷲއަށް އަޅުކަން ކުރުމާއެކު މި ދުނިޔެ އާރާސްތުކުރުމަށް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ދުނިޔެ އާރާސްތު ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކަށް ތައާރަފްވެ އެކުވެރިކަމާއެކު ގުޅިގެން އިޖުތިމާއީ ގޮތެއްގައި ދިރިއުޅެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.