09 Dec 2022, 11:53
ކޮރަޕްޝަންގެ ޢަމަލުތަކަކީ ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫންކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށް މުޅި މުޖްތަމައާއި ވަކިވަކި ކޮންމެ ފަރުދެއް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ ދުނިޔޭގައި ކޮރަޕްޝަން ފެތުރިފައިވާ މިންވަރު ހާމަކުރައްވައި ގައުމެއްގައި ނުވަތަ މުޖްތަމައެއްގައި ކޮރަޕްޝަންގެ އަމަލުތައް ފެތުރިއްޖެ ނަމަ، އެކަމުގެ ގެއްލުން ނުފޯރާ އެންމެ ދާއިރާއެއްވެސް ނޯންނަކަމަށެވެ.
އެގޮތުން އިޖްތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން އެތައް ގެއްލުމެއް ތަޙައްމަލުކުރަން ޖެހޭނެ ކަމަށާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ގައުމީ ތަރައްގީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި މުޖްތަމައުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ޚިޠާބުގައި ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިޚްތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ އަމަލެއް ހިންގުމަށް ވެސް އެމަނިކުފާނު ރުހިވަޑައިނުގަންނަވާ ކަމަށާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށާއި، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެފަދަ މުޢާމަލާތްތައް ހިންގުމަށް އަބަދުވެސް އިރުޝާދު ދެމުންގެންދަވާކަން ފާހަގަކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި، ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ފަދަ އެއްވެސް ޢަމަލެއް ހިނގާނަމަ، އެ ކަމެއް ވީއެންމެ އަވަހަކަށް ރިޕޯޓްކުރުމަކީ ދިވެހި ރައްޔިތުންގެ ފަރާތުން ނުހަނު ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ހާސިލުކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންކަމަށާއި ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން އާއިލާއާއި މުޖްތަމައުގައި ވެސް ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ ކޮރަޕްޝަންގެ ވަބާއިން މުޖްތަމައު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.