23 Dec 2022, 10:17
ކަލާއާއިމެދު ޚިޔާލު ކުރާ ކޮންމެ ފަހަރަކު ތަރިއެއް ވެއްޓިގެން ދާނަމަ އުޑުމަތިން ތަރިތައް ހުސްވެ ފަޅުތަނަކަށް ވީހެވެ."
***
ސައިރަސް ކާއިނާތު ގޮވައިގެން ދިޔައީ ސަފާރީއަކަށެވެ. ސަފާރީ ޑެކްމަތީގައި ހަނދާއި ތަރިތަކުގެ ދަރުބާރުގައި ދެމީހުންގެ ކެއުން ކުރިއަށް ދިޔައިރު ކާއިނާތުގެ ހިތް ސައިރަސްއަށްޓަކާ ގުރުބާންވާވަރުވިއެވެ. ސައިރަސް ލޯބީގެ އެއްވެސް ވާހަކައެއް ނުދެއްކިކަމުގައި ވިޔަސް އެކުއްޖާގެ ހިތް އޭނަ ދެނެގަތްފަދައެވެ. ފުރަތަމަ ރޭގެ ކެއުން ރަސްމީކޮށް ދިޔައިރު ގިނައިން ދެކެވުނީ ފަލަކުގެ ވާހަކަތަކެވެ. ސައިރަސްގެ ޒާތީ ދިރިއުޅުމަށްވުރެ ބޮޑަށް ކާއިނާތުގެ ވާހަކަތައް އޭނަ އެހިއެވެ. ލޯބިވެރިޔަކު ހުރިތޯ ސުވާލުކުރުމުން އެމޫނަށް އެތައް ހާސް ކުލައެއް އެރިއެވެ.
"ނުހުރޭ...."
"ތިހާ ރީތި އަންހެންކުއްޖަކު ހުހަށް ހުރެދާނެ ކަމަށް ހިޔެއްނުކުރަން...."
"ހުރިހާ އެންމެން އެހެން ހީކޮށް މުސްކުޅިވާންދެން އިންނާނެ މީހަކު ނުވެފައި ހުންނަން ޖެހިދާނެ...."ކާއިނާތު ފަރި ހިނިތުންވުމަކާއެކު ސައިރަސްގެ މޫނަށް ބަލަން އިންގޮތުން އެތައް ލޯބީގެ ތީރެއް ސައިރަސްގެ ހިތަށް ހަރާލައިފިއެވެ. އެހާ ލޯބިން ފުރިގެންވީ ބެލުމެކެވެ. ފިރިހެނުންގެ ހިތް މިލްކުކޮށްލާފަދަ ދަމާ ބާރެއް ކާއިނާތުގެ ލޮލުގައި ވެއެވެ. އެ ލޮލަށް ބަލަން އިން މީހަކު ސަލާމަތެއްނުވާނެއެވެ.
"ކުރިން ތިވާހަކަ ބުނިނަމަ....." ސައިރަސްގެ އެ ޖުމްލައިން ނަގަންވީ މާނައެއް ކާއިނާތުއަކަށް ނޭގުނެވެ.
"ތިބުނި އެއްޗެއް ނޭގުނު...."
"އިޓްސް އެ ލޯންގް ސްޓޯރީ......"ސައިރަސްގެ ހިނިތުންވުމުން މުޅި ހިސާބު އެއްކޮށް ދިއްލާލައިފިއެވެ. އެލޮލުންވެސް ކާއިނާތުއަށް ފެނުނީ ރަތް ހިތްތަކެވެ."އަސަލްއަކީ ދެން ކާކުތަ؟"
"ސީއީއޯ......"ކާއިނާތު ބުނެލީ ތެދެކެވެ. އަސަލް ލޯބިވާ ވާހަކަ އުނިކުރުމުން ހުރީ ކޮން ގެއްލުމެއްހެއްޔެވެ؟
"މިހެން އެހީ ހަޔާތެއްގެ ބިންގާ އަޅާއިރު ތެދާއި ވަފާތެރިކަމުގެ މައްޗަށް ނާޅައިފިއްޔާ ހިތާމަކުރަން ޖެހިދާނެ. ކާއިނާތުވެސް އެކަން ދަނެގެން ވިސްނާފައި ނޫނީ ހަޔާތުގެ ބައިވެރިއަކު ނުހޮވައްޗޭ. އަސަލްގެ ވާހަކަ އެއީ އޭނަ ކާއިނާތުގެ ލިޔުންތެރިކަމަށް ތައުރީފުކޮށް ވާހަކަދެއްކިގޮތުން ހިތުގައި ކާއިނާތުގެ މައްޗަށް ލޯބި އޮތްވަރު އެނގުނީމަ. ޑޯންޓް ގެޓް މ ރޯންގް، މި ބުނީ ކޮންމެހެން އިޝްގީ ލޯތްބެއްގެ ވާހަކައެއް ނޫން އިނގޭ. ރާއްޖެ އައުމުން ގިނަ ތަފާތު މިޒާޖުގެ މީހުންނާއި ބައްދަލުވެ ދީނާއި ސަގާފަތްވެސް މިހާ އަވަހަށް އޮޅުން ފިލައިފި......"
"އޯ......އަސަލް ވަރަށް ސްވީޓް....ހީޒް ލައިކް......އެންމެ ސްވީޓް ކައިންޑް ބޯއި. ދުވަހަކު ރުޅި އަންނާކަށް ނޭގޭނެ.." ކާއިނާތު ރަކި ހިނިގަނޑެއް ޖަހައިލަމުން އަތުގެ ހިމަ އިނގިލިތަކާއި ކުޅެންފެށިއެވެ.
"އެހެންވެ މިބުނީ އޭނަ ލިބޭނީ ނަސީބުވެރިއަކަށް..."ސައިރަސް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި ލެނގިލަމުން މާދުރަށް ބަލަންފެށީ ވިސްނުމެއްގައި އިން މީހެއް ހެންނެވެ.
"އޭނަދެކެ އަހަންނަށްވެސް ލައިކްވެވެނީ ހަމަ ފްރެންޑެއްގެ ގޮތުގައި. އެނޫން ނަޒަރަކުން ނުދެކެވޭ. އެކީގައި އުޅެ ބޮޑުވީމަ ކުލުނާއި ލޯބި އެދޭތެރޭގައި އޮންނާނެ. އެ ފީލިންގްސްތަކަށް ލޯތްބޭ ނުބުނެވޭނެ..ޕްލީޒް ޓެލް މީ އެބައުޓް ޔޫ...އާ ޔޫ ސިންގަލް؟ އިސްލާމްދީނާއި މެދު ދެކެނީ ކިހިނެއް؟ ރާއްޖޭ އަންހެންކުދިން ކިހިނެއް؟" ކާއިނާތު އެސްފިޔަތައް ލަސްލަހުން ޖަހައިލިއެވެ.މިރޭ ޔަގީނުންވެސް އޭނަގެ ރީތި ދެލޮލުގައި އަނދުން އަޅާފައިވާގޮތުން ތޫނުކަމާއިއެކު އެލޮލުގެ ޖާދޫގައި ނުޖެހޭނެ މީހަކު މަދުވާނެއެވެ. ސައިރަސްގެ ނަޒަރު އޭނަގެ މޫނަށް ހުއްޓިޔަނުދޭން މަސައްކަތްކުރާ ސަބަބަކީ ހިތް އަތުން ވީއްލިގެން ހިނގައިދާނެތީކަމުގައި ކާއިނާތު ޔަގީންކުރިއެވެ. ސައިރަސް އޭނަގެ ހަޔާތަށް މިއައީ އެންމެ ބޭނުން ޖެހުނު ދަނޑިވަޅުގައެވެ. އޭނައަށް އޮތީ ދެމަގުން އެއްމަގު ޚިޔާރުކުރުމެވެ. އަސަލްގެ އަތުގައި ހިފައިގެން ހަޔާތުގެ ރާސްތާއާއިގެން ކުރިއަށް ދިޔުމެވެ. ދެވަނަ ގޮތަކީ ސައިރަސްގެ ހިތުގެ ރާނީކަމުގައިވެ ގައުމުދޫކޮށް ހުވަފެނުގެ ދުނިޔެ އާބާދުކުރުމަށް ދަތުރު ފެށުމެވެ.
ސައިރަސް އަތުގައި ޖެހުމުން މުށުން ދޫވެގެން ދިޔަނުދޭން ކާއިނާތު އަޒުމް ކަނޑައެޅިއެވެ. އޭނަގެ ހިތް ސައިރަސްގެ ކުރިމަތީގައި ބަންޑުން ޖަހައިލަން ބޭނުންވި ކިތަންމެ އިރެއް އައެވެ. އެކަމަކު ސައިރަސްގެ ފަރާތުން އެފަދަ އިޝާރާތެއް ލިބެންދެން އިންތިޒާރުކުރަން އޭނަގެ ޟަމީރުއެންގިއެވެ. އެރޭ ބާކީ އޮތްބައިގާ އެކި ވާހަކަތައް ދެކެވުނަސް ލޯބީގެ މައުޟޫއަށް ދެވޭނެގޮތެއްނުވިއެވެ. އެފަދަ ފުރުސަތަކަށް ބަލަބަލާ ހުރި ކާއިނާތުއަށް ކުޑަ މާޔޫސްކަމެއް ލިބުނަސް އޭނަ އުއްމީދު ކަނޑާނުލައެވެ. ގެއަށް އައި ގޮތަށް އޭނަ އެރޭ ބާކީ އޮތްބައިގާ ވިސްނީ އަސަލް ހަޔާތުން ދުރުކޮށްލާ ސައިރަސް މިލްކުކުރާނެ ގޮތެކެވެ. އަސަލްގެ މަންމަގެ ހުށަހެޅުމަށް ހިތް ދެކޮޅު ހެދީ އެންމެ ސަބަބަކާހެދިއެވެ. އޭނަގެ ޚިޔާލީ ލޯގަނޑުގައި ފިޔަޖަހަމުން ދިޔައީ އެހެން މަންޒަރެކެވެ. ސައިރަސްއާއިއެކު ޖައްވުގައި އުފާވެރި ހަނދާންތަކެއް ބިނާކުރުމެވެ. ތަރިތަކުގެ ދުނިޔޭގައި އެހެން އިންސާނުންނާއި ވަކިންނެވެ.
***
ރޭ ލިބުނު އުފާވެރިކަމާއެކު ހެއްދެވި ފަރާތްމަތިން ހަނދާން ނައްތައިލެވި ނަމާދު ކުރަންވެސް ފަރުވާލެއް ނުބެހެއްޓުނެވެ. ފަތިސް ނަމާދަށް މަންމަ ގޮވުމުން ޗުސް ކަނޑާލާފައި އަނެއްކާ ރަޖާދަށުގައި ހުވަފެން ދެކެން އޮވެފައި ތައްޔާރުވެގެން އަވަސްވެގަތީ އޮފީހަށް ދިޔުމަށެވެ. ބައެއް މީހުން އުފާވެރިކަމާއި ނިއުމަތްތަކުގެ ވަގުތުގައި ހެއްދެވި ފަރާތް ހަނދާން ނައްތާލާފައި ހިތާމައާއި ބިރުވެރިކަމުގެ ވަގުތުގައި ﷲ ތައާލާއަށް ދުޢާކޮށް ރޮއި ކަރުނަ އަޅައެވެ. އިންސާނު ޝުކުރުވެރިވާން ނުދަންނަނީއެވެ. ނިއުމަތުގެ ވަގުތުގައި ޝުކުރުގެ ސަޖިދަ ޖަހަން ހަނދާން ކުރަނީ މަދު ބަޔެކެވެ.އަސަލްގެ ކެބިންއަށް ވަދެ ސަލާމް ގޮވައިލިއެވެ. އަތްދިގު ކަޅުކުލައިގެ ގަމީހަކާއި މުށިކުލައިގެ ފަޓުލޫނުގައި އަސަލް ފެންނަލެއް ވަރަށް ސްމާޓެވެ. ޖީލަން މޭޒުކައިރީގައި ފައިލެއް ހިފައިގެން ހުއްޓެވެ.
"ކާއީ އަދިވެސް ބޮލުގައި ރިއްސާތަ؟ މާ ބިޒީކޮށް އުޅޭތީ ވާހާ ކަންތައް. ކުޑަ ޗުއްޓީއެއް ހަދާލަންވީ ދޯ........." އަސަލްގެ ތުންފަތުގައި ދެގޮތެއްނުވާ ފަނޑު ހިނިތުންވުން އޭނަގެ މޫނު އަލިކޮށްލާފައިވިއެވެ.
"ބޮލުގައި ރިއްސައިގެންނޭ...." ކާއިނާތު ބުމަ ކައިރިކޮށްލުމާއެކު ރޭ އަސަލް ކައިރީ ބަހަނާދެއްކި ހަނދާންވިއެވެ."އޯ.............ޔެސް. ހެދުނު ތެދުވުނުއިރު ވަރަށް ފްރެޝް. އަނެއްހެން ޓެންޝަން ހެޑޭކް ވީމަ ޕެނެޑެއިން އެއް ކައިލުމާއެކު ފަސޭހަވި. މިހުރީނު. ލިލީއެއްހެން ތާޒާކޮށް.........."
"ހޫމް...." އަސަލް ބުމަ އަރުވައިލިއެވެ.
ސަފާރީގައި ހަނދުގެ ދަރުބާރުގައި، އުއްބައްތިތަކުގެ އަލީގައި އަދި އާޝޯޚުވާފަދަ އިޝްގީ މާހައުލެއްގައި ކެއުމެއް އޮތްކަން އަންގައިފިއްޔާ އޭނަގެ ހިތުގެ ހާލަތުވެސް އަސަލްއަށް އެނގޭކަށް ލަހެއްނުވާނެއެވެ.
އޮޅުމެއްގެ ތެރޭ އަސަލް ނުބަހައްޓާ ހިތުގައި ރަސްކަން ކުރަނީ އެހެން ފަރާތެއްކަން ބަޔާންކޮށްދިނުމުން އަސަލްގެ އިންތިޒާރު ނިމުމަކަށް އަންނާނެކަންވެސް ކާއިނާތު ދެނެހުއްޓެވެ. އެކަމަކު އަސަލްގެ ހިތް މަރައިލާކަށް އޭނައަށް ލާހިކެއް ނޫނެވެ.
"ކީކޭ ސައިރަސް ގުޅާފައިބުނީ؟ ތަފާތު އިންޓަވިއުއެއް އެއްޗެއް ލިބުނުތަ؟" އަސަލް ބޮޑު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ކަންނެތް ނަޒަރަކުން ކާއިނާތުގެ މޫނަށް ސިކުންތުކޮޅެއް ވާންދެން ބަލަން އިނެވެ. އެކަމަކު ކާއިނާތުގެ ލޯ ވަނީ އެހެން ދިމާލެއްގައެވެ. އެހެން ދުނިޔެއަކަށް ގެއްލިފައެވެ.
'އޭނަ ބުނީ އަހަރެން އެމެރިކާއަށް ގެންގޮސް ޓްރެއިނިން ދޭނަމޯ. އެސްޓްރޮނޯޓަކަށްވާން ޝައުގު ހުރިކަން އެނގުނީމަ ފުރުސަތުދޭން ހުރީ.. އެކަމަކު އަދި ދާ ޚިޔާލެއްނުކުރަން.. އެހެންވެ ބުނިން އަދި މަންމަވެސް ބަލިވެ އުޅެނިކޮށް އެކަނިކޮށްލާފައި ނުދެވޭނެޔޯ.." ކާއިނާތުގެ ވާހަކަތައް އަސަލް ގަބޫލުކުރިއެވެ.
ހަގީގަތުގައި އޭނައަށް ހަނި ފުރުސަތެއް ލިބުނަސް ދުނިޔޭގެ ހުރިހާ އެއްޗެއް ދޫކޮށްފައި ދިޔައީހެވެ. މިވަގުތު ފުރަން އެންގިޔަސް އުދުހިފައިވެސް ދާނެއެވެ. އެކަމަކު އޭނަގެ ހިތުގައިވާ އެއްޗެއް ދުލުކުރިއަށް އަންނަނީ އޭގެ ދިމާއިދިކޮޅަށެވެ.
"ކާއީ..ވަރަށް ވަރަށް އުފާވެއްޖެ ތިި ނިންމުން އެނގުނީމަ.."އަސަލް ހީލިއެވެ."މަންމަ ކާއީގެ މަންމައަށް ދިން ހަދިޔާތަކެއްވެސް އެބަހުރި.."
"އާވް. ސޯ ސްވީޓް.."ކާއިނާތުގެ ހިތް ބިރުގަތެވެ.
މިވަރަށް ހަދިޔާ އެއްޗެހި ބަދަލުކުރުމުން އޭނަ ސައިރަސް ހާސިލުކުރަން ކުރާ މަސައްކަތަށް ބުރޫ އަރާނެއެވެ. އޭނަގެވެސް ހިތަކީ އެކަތައިން ވާ އެއްޗެއް ނޫނެވެ. ރަހުމާއި ކުލުނު އަދި އިންސާނިއްޔަތުކަން އެހިތުގައިވެއެވެ. އަސަލްގެ މަންމަ ފޮނުވިި ހަދިޔާ ޕާރުސަލް ހަވީރު ގެނެސްދޭނެކަމަށް އަސަލް ބުނުމުން ކާއިނާތު ހިނިތުންވެލީ ގަދަކަމުންނެވެ. ހަވީރު ސައިރަސްއާއިއެކު ބީޗަށް ދާން ދައުވަތު ލިބިފައި އޮތުމުން ދައްކާނެ ބަހަނާއަކާއިމެދު އޭނަ ވިސްނިއެވެ. ކުޑަކުޑަ ރަށެއްގައި އުޅެނިކޮށް ބޭޒާރުވުމަކީ ވުން ކައިރިކަމެކެވެ. އެންމެ ރަގަޅެވެ. ޕްލޭން އޭ ނާކާމިޔާބުވެއްޖެއްޔާ ޕްލޭން ބީއެއްވެސް އޮންނާނެއެވެ. ބީޗުން ފެނިއްޖެއްޔާ އޭނަ ބުނާނީ އެކުވެރިކުދިން މަޖުބޫރުކޮށްގެން އޭނަ ގެންދިޔައީ ކަމަށާއި އެތަނުން ސައިރަސްއާއި ދިމާވީކަމުގައެވެ.
ކާއިނާތު އައިސިންކޭކު ގަނޑެއް ތަށްޓަކަށް ލައިގެން ގެނެސް ކާން ފެށިތަނާ ޖީލަން އެތަނަށް ވަނެވެ. ކާއިނާތުއަށް ފާރަލައިގެން އެކަނިއިން ވަގުތަކަށް ބަލަބަލާ ހުރިފަދައެވެ.
"ކާއިނާތު އަސަލްއަށް ތިވަރަށް އޮޅުވާނުލާ..."ޖީލަން ކޮފީތަށި ހިފައިގެން އައިސް އިށީނީ ކާއިނާތުއާއި ޖެހިގެން ހުރި ގޮނޑީގައެވެ.
"ކީކޭ ތިކިޔަނީ؟" ކާއިނާތުގެ ހުދު ދަތްތަކުގައި ނޫކުލައިގެ އައިސިން އުނގުޅިފައިހުރި އިރުވެސް ނިކަން ލޯތްބެވެ.
"ބޮލުގައި ރިއްސަނީއޭ ކިޔާފައި އަސަލްގެ ދައުވަތު ބޮލާލާ ޖަހާފައި ގޮސް ޔަހޫދީއަކު މުނިފޫހިފިލުވަން ސަފާރީއެއްގައި އިނީ..ކިހާ ރީތި. ކާއިނާތުފަދަ އަބުރުވެރި ތެދުވެރި އަންހެންކުއްޖަކު މި އުޑުހިޔާދަށަކު ނެތް..މަތިމައްޗަށް ދޮގު ހަދާއިރު އެއްވެސް އެއްޗެއް ހަމަ ހިތަކަށް ނާރަނީތަ؟" ޖީލަންގެ އަޑު ވިހައިން ފުރިފައިވިއެވެ.
"ކޮންއިރަކު؟ ޖީލަން ތިއުޅެނީ ދޮގުހަދައިގެން ފިތުނަ ފަސާދަ އުފައްދަން....ތިހާ ޖެލަސް ޓައިޕްކަމެއް ނުދަންނަން.." ކާއިނާތު މޫނު ހެދިއެވެ.
"މިހިރީ ފޮޓޯ....." ޖީލަން ފޯނުު ދެއްކުމުން ކާއިނާތު ސިހިފައި ބަލަން އިނެވެ.
"ފޮޓޯތައް އެޑިޓްކުރަން ތީނަ މޮޅުވަރު މިއުޑު ހިޔާދަށުގައި ވާ އިންސާނުން ކީއްކުރަން ކުކުޅު ހާލަށް ދާންދެން ދަނޭ. ތިއީ އެޑިޓްކޮށްފައި ހުރި ފޮޓޯއެއް. ދެން ތިބުނަނީ އަހަންނާއި ސައިރަސް ސަފާރީއެއްގައި ރޮމެންޓިކް ޑިނަރއަކަށް ދިޔައީއޭ ދޯ. ތިފަދަ ނަސީބެއް ކާއިނާތުކަހަލަ އާދައިގެ ފަގީރު އަންހެންކުއްޖަކަށް ލިބޭނެހެން ހީވޭތަ؟ ޖެލަސްވިޔަސް ބޮޑުވަރު އިނގޭ ޖީލަން....އަސަލްއަށް ފޮޓޯތައް ދެއްކީމަ ޖީލަންއަށް އަހަރެން ލިބެނީތަ؟" ކާއިނާތުގެ ހިތަށް ފިނިވެގެން ދިޔައެވެ. އޭނަ ބިރުގަންނަނީ ސައިރަސްއަށްވެސް ހަގީގަތް އެނގިދާނެތީއެވެ.
"ކާއިނާތު. އަހަރެންމި ފޮޓޯއިން ކުރާނެ ކަމެއް ބުނާކަށް ނެތިން. އެކަމަކު ކާއިނާތުއަށް ހެޔޮއެދޭތީ ވާހަކައެއް ބުނެފާނަން. އަސަލްހާ ރަގަޅު ބައިވެރިޔެއް ނުލިބޭނެ. ފަހުން ހިތާމަކުރަން ނަހަދާ އަސަލްއާއިއެކު ހަޔާތެއް ފަށާ..އެހެން މީހަކަށް ކާއިނާތުގެ ތި ސިފަތަކާއިއެކު ދިރިއުޅެން ނުވެސް އެނގޭނެ...." ޖީލަން ތެދުވުނެވެ.
"އިޑިއަޓް...." އޭނަގެ ބެލުމުން ޖީލަން ފިއްސާލަފާނެކަހަލައެވެ." އަދި ހެޔޮއެދޭތީއޯ.....ފޫހި ފިރިހެނެއް ހުވާ.."
ހިތާހިތުން އެތިވަރު ގޮވަން އިނދެ ކޭކުކަމުން ގޮސް އެކޭކު ހުރިގޮތަށް ކައިލުމުން ކަރުތެރެ އިން ފޮނި ރަހަ އަރަންފެށިގޮތަށް މޭބޮޑުވިއެވެ.
***
ކާއިނާތު ޚިޔާލަކަށް ގެއްލިފައި އިންދާ ނޯވާ ނޫހުން އޭނަގެ ރަހުމަތްތެރިޔާ ގުޅިއެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު ކާއިނާތުގެ ތަބީއަތު ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. އަންހެންކުއްޖަކަށް ވެގެން ވާހަކަދެއްކިޔަސް އެއީ ފިރިހެނެއްކަމަށް ޝައްކުވަނީއެވެ. ވަރަށް އެކުވެރިކަމާއިއެކު ދެމީހުން ވާހަކަދައްކަމުންގޮސް އަދްރިއަން އެދުނީ އޭނަ ބުނާ އާޓިކަލްއެއް ނޫހުގައި ޖަހާލަދިނުމަށެވެ. ނޯވާ ނޫހުގައި އެ އާޓިކަލް ޖެހެން ނެތީ އޭނަގެ ކޮއްކޮގެ ހިތްހަމަނުޖެހޭނެކަން އެނގޭތީއެވެ. ހަރުކަށި ފިކުރުގެ މީހުންނާއި ބެހޭގޮތުން އެމީހުން ހޯދުމަށްފަހު ލިޔެފައިވާ އާޓިކަލްއެއްކަން އެނގުމާއެކު ކާއިނާތުގެ ޝައުގުވެރިކަން އިތުރުވިއެވެ. އޭނަ އަދްރިއަން ގާތު ވައުދުވީ ކައުނު ނޫހުގައި އެ އާޓިކަލް ޝާއިއު ކުރާނެ ކަމަށެވެ.
***
"އެންޖެލްސް ޕެރެޑައިސް" ބިއުޓީ ސެލޫން ގެ ޚިދުމަތް އަގުބޮޑުވިޔަސް ފައިސާއާއި އެކަށީގެންވާހާ ފުރިހަމައެވެ. ކާއިނާތުއާއި އާޔާ އަދި ލައިކާ ޑައިމަންޑް ފޭޝަލް ހަދާާ ނިމުނުއިރު އެކުދިންގެ މޫނު ގެ އޮމާންކަމުން ވެލްވެޓްފަދައެވެ. އިސްތަށިގަނޑުގައި ކުލަ ޖެއްސިއިރު އާޔާ ހޮވީ މުށިކުލައެވެ. ކާއިނާތުއަށް ރީތިވީ ރަންކުލައެވެ. ލައިކާގެ އިސްތަށިގަނޑުގައި ރަތްކުލައެކެވެ. އެކުދިންގެ މޫނާއި ގުޅޭގޮތަށް ކުލަ ޖައްސައި އިސްތަށިގަނޑު ސްޓައިލް ކުރެވުމުން ހިތް ހަމަޖެހުނެވެ. މަޖައްލާއެއްގެ ބޭރުގަނޑުން ފައިބައިގެން އައި ބުރުގާ މޮޑެލްއިންފަދައެވެ. ތިންކުދިންގެ މަންޒިލަކަށް ދެން ވީ އާޔާގެ އައިސްކްރީމް ޕާލާއެވެ. މޭޒުމަތީގައި ފްރޮސްޓީ އާއި އައިސްކްރީމް ތަށިތައް އަތުރާލާފައިވިއެވެ. ދެންމެ އަވަނުން ނަގައގެން ގެނައި ތަންދޫރީި ޕިއްޒާގެ ތެރެއަށް ވިރިފައިވާ މޮޒަރެއްލާ ޗީޒު ފެނިފައިވެސް ކުޅުދިޔާވާވަރުވެއެވެ. ކައި ނިމިގެން ލައިކާ ކޮލެޖް ގަޑިޖެހޭތީ އޭނަ އަވަސް އަރުވާލާފައި ނުކުތުމާއެކު ކާއިނާތު އަވަހަށް ބޭނުންވާ މައުޟޫއަށް ވާހަކަފެށިއެވެ.
"އާޔާ. އަހަންނަށް ބޮޑުކަމެއް ކޮށްދީފާނަންތަ؟"
"ބުނޭ...."
"ޕްލީޒް ނޫނެކޭ ނުބުނައްޗޭ..." ކާއިނާތު އާޔާގެ އަތުގައި ހިފެހެއްޓިއެވެ.
"ވެވޭވަރު ކަމެއް ވަންޏާ ކޮށްދޭނަން އިންޝާﷲ...."
"އަސަލްއާއި މެރީކުރޭ......"ކާއިނާތު އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ. ބައެއްފަހަރު ކާއިނާތުގެ މޫނު ޝުއޫރުތަކުން ހުސްވެ ރޮބޮޓަކަށް ބަދަލުވާފަދައެވެ.
"ސުބުހާނަﷲ. ތިކަހަލަ ސަމާސާނުކޮށްބަލަ...އަހަރެން ކާއީއާއި ވާހަކައެއްވެސް ނުދައްކާނަން...."އާޔާގެ މޫނަށް ރަތްކުލަވެރިވެގެން ދިޔައީ ބްލަޝްކޮޅެއް ޖައްސައިލުމުން ކުލަ ފޭދިގެންދާހެންނެވެ.
"އަހަރެން ހުރީ މިވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނަން. އަސަލް ކައިވެނިކުރަން އެހިޔަސް ލޯބިވަނީ އޭނަދެކެއެއް ނޫން. އެހެން މީހެއްދެކެ. އެކައިވެނި ހުއްޓުވޭނީ އަސަލް އެހެން ކައިވެންޏެއްކޮށްގެން ކަމަށް ގަބޫލުކުރެވެނީ. އާޔާފަދަ އަޅުވެރި ކުއްޖަކާއި އަސަލް ގުޅެނީ. އެނގޭތަ؟ އޭނައަކީ ރުޅިއަންނަން އެނގޭ ކުއްޖެއްނޫން. ކިހާ ފަސޭހަވާނެ. ކޮންމެ ގޮތެއް ހެދިޔަސް އަސަލްއަށް ވަރިހަމަވާނެ. އެހާވެސް ކޫލް..ޕްލީޒް ޕްލީޒް ފޯ ދަ ލަވް އޮފް ﷲ އަދި ރަސޫލާ އެއްބަސްވޭ...."ކާއިނާތު އާޔާގެ އަތަށް ބާރުކޮށްލިއެވެ.
"އެކަމަކު.....އެއީ ކާއީގެ ލޯބިވެރިޔާ..."
"ހަމަ ނަމެއްގައި. މިބުނީނު އަހަރެންގެ އެހެން ލޯބިވެރިޔެއް ހުރެއޭ....."
"އޭނަ އެއްބަސްވާނެތަ؟"އާޔާެ ހިތުގައި އުފާވެރިކަމުގެ ވިންދެއްޖަހައިލިއެވެ. އޭނަގެ ދުޢާ އިޖާބަކުރެއްވުމުގެ ކޮޅުމަތި ފެންނަންފެށީއެވެ. އޭނަގެ ބައިވެރިޔަކަށް އަސަލްވުމަށް އެދި ދުޢާކުރީ ކާއިނާތުއާއި އެކުވެރިވުމުގެ ކުރިންނެވެ.
"އެއްބަސްކުރުވަން ހަދާނީ ކިހިނެއްބާ.."ކާއިނާތު ފްރޮސްޓީއިން ސަމުސަލެއް އަނގަޔަށްލިއެވެ. "އައިސްކްރީމް ކެއީމަ ސިކުނޑީގެ ޕޯޝަނެއް ކަމަށްވާ އޯއެފްސީ އެކްޓިވޭޓްވޭ. ހެޕީ ކެމިކަލްސް އިތުރުވޭ..އެންމެ ސަމުސަލަކުންވެސް އެއުފާވެރިކަމުގެ ޒޯން ދިއްލިއްޖެ. ޔެސް.......އައިޑިއާއެއް ލިބިއްޖެ. އާޔާ ކެންސަރު ޖެހިފައި ހުރީ. ސްޓޭޖް ހަތަރެއް އެހެންވީމަ ހަޔާތުގައި ބާކީ އޮތް ދުވަސްކޮޅު އާޔާ އުފާކޮށްލަދޭން އެހީތެރިވާން އަސަލް ގާތު ބުނާނީ. އޭޒް އެ ފްރެންޑް އަހަންނަށް ކޮށްދެވޭނީ އެވަރުކަމެއްތާ. އާޔާ ފެމިލީ މީހުން ކައިރީގައިވެސް ނުބުނެ ހުންނަނީޔޯ.....އާ ޔޫ އިން އާޔާ؟"
ކާއިނާތު އާޔާގެ ކޯތާފަތުގައި މަޑުމަޑުން ހިފައިލިއެވެ.
"ދޮގު ހަދާކަށް ނުވާނެ. އަސަލް ކައިރީ ހަގީގަތް ބުނަންވީނު."
"އަސަލްގެ ހިތް ހަލާކުވެދާނެ. އެވަރަށް ދެރަކުރާކަށް ލާހިކެއްނޫން. އަސަލްގެ ހިތް ވަރަށް ބޮޑު އެހާ މަޑުމަޑު އޯގާތެރި ހިތެއް އޭނައަށް ﷲދެއްވީ. އަންހެންކުއްޖަކަށް އެވަރުގެ ރަގަޅު ފިރިޔަކު ލިބޭނެކަމާއިމެދު ޝައްކު. ނަސީބު ރަގަޅު އަންހެންކުއްޖަކަށް އަސަލް ލިބޭނީ އެކަމަކު އަހަރެންގެ އުމުރުން ބާރަ އަހަރުން ފެށިގެން އެހެން ކުއްޖަކު ދެކެ ލޯބިވަމުން އައީ. އަހަރެންގެ ނަސީބުގައި ލިޔުއްވާފައިވަނީ އަދި އެހެން މީހެއް. އާޔާ. ބުނެބަލަ.ކިހިނެއް ހަދާނީ؟ އެއްބަސްވާނަންތަ؟" ކާއިނާތު ސުވާލުކުރުމުން އާޔާއަށް ބޯ ޖަހައިލެވުނީ ބޭއިޚުތިޔާރުގައެވެ.
ނަމަވެސް އޮޅުވާލައިގެން ދިރިއުޅުމެއް ފެށުމާއިމެދު އޭނަގެ ހިތް އެއްބަސްވާގޮތެއްނުވިއެވެ.
***
އަސަލްއަށް ލިބުނު ޝޮކާއެކު އިރުގަނޑެއްވާންދެން ބުނާނެ އެއްޗެއް ނޭގި ބަލަން އިނދެވުނެވެ. "އަހަރެންނޫން އެހެން މީހަކުވެސް ކާއީއަށް ހޯދިދާނެއްނު..."
"އޭނަ ލޯބިވަނީ އަސަލްދެކެ..އެހެންވެ އެނޫން މީހަކަށް އާޔާގެ ހިތްހަމަޖައްސައެއްނުދެވޭނެ. އަސަލް. ޕްލީޒް ހެލްޕް ހާރ. ކުޑަދުވަސްކޮޅެއްގެ މެހުމާނެކޭ. އާޔާ ދުނިޔެ ދޫކޮށް ދަންދެން އިންތިޒާރުގައި ހުންނާނަން..." ކާއިނާތުއަށް އަސަލްގެ ތެމިފައިވާ އެސްފިޔަތަކަށް ބަލައިލެވުނެވެ. އަސަލް ހަމަ ރޮނީހެއްޔެވެ؟
"އެންމެ ރަގަޅު..." އަސަލް ތެދުވެގެން ދާން ހިނގައިގަތެވެ.
"އަސަލް....."
"ޑޯންޓް ވޮރީ. ކާއީއަށްޓަކާ ފުރާނަވެސް ދީފާނަން. ކާއި ބުނީތީ ތިކަންވެސް ކޮށްދީފާނަން..........." އަސަލްގެ އަޑު ކުރެހިގެން ދިޔައެވެ. ކާއިނާތުގެ ކުރިމަތީގައި ކަރުނަ އޮއްސާ ރޯން ޖެހިދާނެތީ އަސަލް އަވަހަށް އެތަނުން ދާން ހިނގައިގަތީއެވެ. ކާއިނާތުގެ ހިތް ހަމްދަރުދީއިން ފުރުނެވެ." ހާދަ ދެރައޭ އަސަލް ކިހާ ލޯބި. ރުޅިއެއްވެސް ނައި..."
އަސަލް އާއި އާޔާވެސް ލޯބިކަމުން ދެކުދިންގެ ރީތިކަމާއި މިޒާޒުވެސް މާބޮޑަށް ގުޅޭނޫންހެއްޔެވެ؟ އަސަލްގެ ހިތުގައި އަދި އާޔާއަށްޓަކާ ލޯބި އުފެދި ހަޔާތް އުފާވެރިވާނެކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ.
***
ކާއިނާތު އެހަފްތާގެ ކޮންމެ ރެއަކު ސައިރަސްއާއި ބައްދަލުކުރިއެވެ. ސަފާރީއާއި ރިޒޯޓްގައެވެ. ރެސްޓޯރެންޓްތަކުގައެވެ. ދެވަނަ ބައްދަލުވުމުން އެކުވެރިކަން ލޯބީގެ ގުޅުމަށް ބަދަލުވީ ކުއްލިއަކަށް ހީނުކުރާފަދަ ގޮތަކަށް ލޯބި ހުށަހެޅުމުންނެވެ. އެއީ އޭނަގެ ހަޔާތުގެ އެންމެ ޚާއްސަ ވަގުތުކޮޅެވެ. އަސަލްއާއި އެކު އުމުރު ހޭދަކުރެވުމުން ނުލިބުނު އުފަލެއް އޭނައަށް ލިބުނެވެ. ކާއިނާތު ދުނިޔޭގެ އެހެން ހުރިހާ ކަމެއް ހަނދާން ނައްތާފައި ސައިރަސްއާއެކު އުފާވެރި ވަގުތުތައް ހޭދަކުރަމުން ދަނިކޮށް ސައިރަސްގެ ބައްޕައަށް ހާޓްއެޓޭކެއް ޖެހިގެން ކުއްލިއަކަށް ފުރަން ޖެހުނެވެ. ސައިރަސްގެ ލޮލުންވެސް ކަރުނަ އައެވެ. ބޮޑު ފިރިހެނެއްގެ ލޮލުގައި ކަރުނަ ގިނަވެގަތްތަން ފެނުމުން ކާއިނާތުގެ ހިތަށް އެތައް އަސަރުތަކެއް ކުރުވިއެވެ. ސައިރަސް ކާއިނާތުއަށް ވައުދުވީ އެމެރިކާއަށް ގެންދާނެކަމަށެވެ. ކައިވެނިކުރުމުގެކުރިން އިސްލާމްދީނަށް ވަންނާނެކަމުގައި ބުނުމުން ކާއިނާތުގެ ހުރިހާ ހުވަފެންތައް ހަގީގަތަކަށްވިހެން ހީވިއެވެ. ލޯބީގެ ބާރުގަދަ ޖަޒުބާތު އެހެން ހުރިހާ އިހުސާސްތަކެއްގެ މައްޗަށް ގަދަވެގަތެވެ.
"ކާއީ. ބައްޕަ ރަގަޅުވީހާ އަވަހަށް އެނބުރި އަންނާނަން. އިންތިޒާރުކުރައްޗޭ......"
"ޔަގީން. ބުނީމެއްނު މިލިއަން އަހަރުވިޔަސް ސައިރަސްއަށްޓަކާ ހުންނާނަމޭ......." ކާއިނާތު ހެމުން ސައިރަސްގެ މޭގައި ބޯ އަޅައިލިއެވެ.
"އެހެންވިއްޔާ ކޮންމެހެންވެސް އެހެން ގެލެކްސީއެއް ހޯދަން އެބަޖެހޭ. އޭރުން ފަހަރެއްގަ މިލިއަން އަހަރަށް އަހަރެމެންނަށް އެކީ އުޅެވިދާނެ........."ސައިރަސް ކަރުނައިގެ ތެރެއިން ހިނިތުންވެލިއިރު އެރީތި ލޮލުން އަޖައިބެއްފަދަ ލޯތްބަކާއި ވަރުގަދަ އިހުސާސްތަކެއް ކާއިނާތުއަށް ފެނުނެވެ. ކާއިނާތުގެ ހިތް ފުރުނެވެ.
ސައިރަސް އޭނަގެ އަތުގައި އަޅުވާދިން އަނގޮޓިއާއި ޖަވާހިރު ސެޓް އަދި ގަޑިއަކީ ކާއިނާތުގެ ހަޔާތުގައި ލިބުނު އެންމެ އަގުހުރި ހަދިޔާއެވެ. ސައިރަސްގެ ލޯބީގެ ހަނދާންތަކެވެ. އޭނަ ވައުދުމަތީގައި ދެމި ހުންނާނެއެވެ.
***
އަސަލް އާޔާގެ މައިންބަފައިންނާއި ބައްދަލުކޮށް ކައިވެންޏަށް އެހުމުން އެދެމަފިރިން ވަރަށް އުފާވެ ރުހުން ދިނެވެ. ތާރީޚު ކަނޑައަޅާ ކައިވެނީގެ ތައްޔާރީތައް ވާންފެށިއިރު އާޔާއާއި އެންމެ ގާތުގައި ހުރީ ކާއިނާތުއެވެ. ފޯމު ފުރާދިނީވެސް ކައިނާތުއެވެ. ރަން ކިޔަންވާ އަދަދުވެސް ބުނެދިނީ އޭނައެވެ. އެރޭ ތިންމީހުން އެކީގައި އާޔާގެ އައިސްކްރީމް ޕާލާއަށް ގޮސް ރޭގަނޑު ކެއުމެއްގައި ތިބިއިރު ކާއިނާތުގެ ކުރިމަތީގައި ހުރީ ފިޝް އެންޑް ޗިޕްސް ތަށްޓެކެވެ.
"އާޔާއަށް ކޮންކަހަލަ ކެންސަރެއްޖެހުނީ؟"ކުއްލިއަކަށް އަސަލް ސުވާލުކުރިއެވެ.
ކާއިނާތު ކަރުކެހިލިއެވެ."މްމްމް....ކޮންތަނެއްގައި ޖެހުނީ؟ ޔެސް........ހާޓްގައި ޓިއުމަރެއް އިނީ....."
"ހިތުގައޭ؟" އަސަލް ލޯބޮޑުކޮށްލިއެވެ.
"އޭތި އިނީ ހިތުގައި. ފަހުން އޭތި ބޮޑުވަމުން އައިގޮތަށް ޗެސްޓާއި ދިމާލުންގޮސް މިހާރު ބުރަކަށީގައި މޫގަނޑުލާފައި ހުރީ..ޔޫ ނޯ. ލައިކް އެ މޮންސްޓާ. އީވިލް މޮންސްޓަރ. ކެންސަރަކީ އެގޮތަށް ފެތުރޭ އެއްޗެއްނު....." ކާއިނާތު ވާހަކަދައްކަން އިންދާ ސައިރަސް ގުޅަން ފެށުމާއެކު އަވަހަށް ތެދުވެެން ދުރަށް ދާން ހިނގައިގަތެވެ.
"ކާކު؟" އަސަލް އެހިއެވެ.
"މަންމަ......." ކާއިނާތު ހީލާފައި އަޑު ނީވޭ ހިސާބަށް ގޮސް މަޑުމަޑުން ސައިރަސްއާއި ވާހަކަދައްކަންފެށިއެވެ. ކާއިނާތު އަސަލްމެން ގާތަށްގޮސް ބުނީ އޭނަގެ މަންމަ ބޮލުގައި ރިއްސާތީ ޚަބަރު ބަލައިލަން ގެއަށް ދަނީ ކަމަށެވެ. ކާއިނާތު ލޮލުގެ ކުރިމަތިން ގެއްލުމާއެކު އާޔާ އަސަލްއާއި ދިމާލަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އަސަލްގެ މޫނަށް މަޑު އޮރެންޖްކުލައިގެ އައްޔެއް އެޅިފައިވާއިރު ފެންނަލެއް ނިކަން ހިތްގައިމެވެ.
"އަސަލް. ވާހަކައެއް ބުނަން ބޭނުން...."
ނުނިމޭ