ތައި ސިލްކް ފެޝަން ވީކްގައި ޖާދުގެ ހިތްގައިމު ހެދުންތަކެއް ދައްކާލައިފި
ތައި ސިލްކް ފެޝަން ވީކްގައި ޖާދުގެ ހިތްގައިމު ހެދުންތަކެއް ދައްކާލައިފި

ރާއްޖޭގެ މަޝްހޫރު ފެޝަން ޑިޒައިނަރ، އެކްޓަރު އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާޢީލް (ޖާދު) ގެ ހިތްގައިމު ހެދުން ފަރުމާތަކެއް މިހާރު ކުރިއަށްދާ "ފެޝަން ޓީވީ ތިން ވަނަ ތައި ސިލްކް އިންޓަނޭޝަނަލް ފެޝަން ވީކް" ގައި ހުށަހަޅައިދީފިއެވެ.

ތައި ސިލްކް ފެޝަން ވީކްގައި ޖާދުގެ ހިތްގައިމު ހެދުންތަކެއް ދައްކާލައިފި
ތައި ސިލްކް ފެޝަން ވީކްގައި ޖާދުގެ ހިތްގައިމު ހެދުންތަކެއް ދައްކާލައިފި

ތައިލެންޑްގެ ބެންކޮކްގެ ރޯޔަލް ޕެރަގަން ހޯލްގައި ކުރިއަށްދާ މި އިވެންޓްގައި ޑިސެމްބަރު ހަތް ވަނަ ދުވަހު ހުށަހެޅި ފަރުމާތަކުގެ ތެރޭގައި ޖާދު ހުށަހެޅި ސިލްކް "ކަސަބު" ލިބާހަށް ގިނަބައެއްގެ ސަމާލުކަމާއި ތަރުޙީބު ލިބުނެވެ.

ރާއްޖޭގެ ސަގާފީ ހެދުމުގެ ފަރުމާތައް ވެސް އެކުލެވޭގޮތުން ޖާދު ތައްޔާރުކޮށްފައިވާ ތަފާތު ހަ ހެދުމެއް މި ޝޯގައި ފެނުނެވެ. އަޝްފާ ކިޔާފައިވާ "ކަސަބުން ބޯވަޅު" ލަވައިގެ ހަމަތަކަށް މޮޑެލުން ބޭނުންކޮށްގެން ދައްކައިލަދިން މި ހުށަހެޅުމުގައި ޖާދުގެ ހަތަރު އަންހެން ހެދުމުގެ ފަރުމާއަކާއި ފިރިހެން ދެ ފަރުމާއެއް ހިމެނުނެވެ. މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި އިވެންޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެޝަން ޑިޒައިނަރުންގެ ސިލްކް ފަރުމާތައް ދައްކައިލުން ކުރިއަށްދާނެއެވެ.

ތައިލެންޑްގެ ރަސްގެފާނުގެ މަންމާފުޅު، ރާނީ ސިރްކިތްގެ 90 ވަނަ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ، ބައިނަލްއަޤްވާމީ ތިންވަނަ ތައި ސިލްކް ފެޝަން ވީކް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޝޯގައި ހުށަހެޅި ޖާދުގެ ފަރުމާތައް މެޑަމް ފަޒްނާ ބައްލަވާލެއްވިއެވެ.