އެމެރިކާގެ ދެ އަންހެނަކަށް ފާރަލާން، އެ ދެ މީހުންގެ ކުރީގެ ލޯބިވެރިން އެޕަލްގެ އެއާޓެގް ޑިވައިސް ބޭނުން ކުރާ ކަމަށް ބުނެ، އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެމެރިކާގެ ޓެކްސަސްގެ އަންހެނަކާއި ނިއުޔޯކްގެ އަންހެނެއްގެ ފަރާތުން މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ހުށަހަޅާފައި ވަނީ ސެން ފްރެންސިސްކޯގެ ފެޑެރަލް ކޯޓަށް، ކްލާސް އެކްޝަން މައްސަލައެއްގެ ގޮތުގައެވެ. އެމީހުން އެދެނީ އެކަމުގެ ސަބަބުން އެމީހުންނަށް ލިބިފައިވާ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލަށް ނަގައިދޭންވީ ވަކި އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

އޭގެ ތެރެއިން އެކަކު ބުނި ގޮތުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ އެއާޓެގެއް ހަރުކޮށްފައިހުރީ އެ އަންހެންމީހާ ދުއްވާ ކާރުގެ ފުރޮޅުގައެވެ. ފުރޮޅުގައި އެ ޑިވައިސް ހަރުކޮށްފައި ހުރިއިރުވެސް އޭގެ މަތީގައި ޕްލާސްޓިކް ކޮތަޅެއް ކަހަލަ އެއްޗެއް އަޅައި ނިވާކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ނަން ހާމަނުކޮށް އެ މައްސަލަ ހުށަހެޅުމުގައި ދެން ބައިވެރިވި އަންހެން މީހާ ބުނި ގޮތުގައި އޭނާގެ ކުރީގެ ފިރިމީހާ އޭނާއަށް އުނދަގޫކޮށް، އޭނާއަށް ފާރަލަމުން ދިޔައީ ދަރިފުޅުގެ ދަބަހަށް އަޅާފައި އޮތް އެއާޓެގެއް ބޭނުންކޮށްގެންނެވެ. އެކަން އެނގިގެން އެ ޑިވައިސް ޑިސޭބަލް ކޮށްލުމުންވެސް އަލުން އެހެން ޑިވައިސްއެއް ބޭނުކޮށްގެން ފާރަލަމުންދާ ކަމަށް އެ މީހާ ވަނީ ބުނެފައެވެ.

އެ މައްސަލަ ހުށަހެޅި ދެ މީހުން ވެސް ބުނެފައިވަނީ އެކަމުގެ ސަބަބުން މިހާރު ނަފްސާނީ ގޮތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައިވާ ކަމަށާއި، ޖިސްމާނީ ގޮތުން ވެސް ގެއްލުމެއް ނުދޭނެކަމުގެ ޔަގީންކަމެއް ނެތްކަމަށެވެ.

މި މައްސަލައާ ގުޅިގެން އެޕަލްއިން އަދި ރަސްމީކޮށް ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

އެޕަލްއިން މިދިޔަ އަހަރު ތައާރަފުކުރި އެއާޓެގްއަކީ ބްލޫޓޫތު ލޮކޭޓަރެކެވެ. އެ ޑިވައިސްގެ މައިގަނޑު ބޭނުމަކީ، ބޭއްވުނު ތަނެއް ނޭނގިގެން ނުވަތަ ގެއްލިގެން ހޯދާ ތަޅުދަނޑިއާއި ވޮލެޓާއި ލެޕްޓޮޕް ފަދަ ތަކެތި ހޯދުމަށް ފަސޭހަކޮށްދިނުމާއި ކާރު ފަދަ އުޅަނދުތަކުގައި ހަރުކޮށް، މެޕަކުން ފެންނާނެ އިންތިޒާމް ހަމަޖެއްސުމެވެ.

ނަމަވެސް އެ ޑިވައިސްތައް ތައާރަފު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ބައެއް ތަޖުރިބާކާރުން ވަނީ އެ ޑިވައިސްތައް ބޭނުންކޮށްގެން، މީހުންގެ ރުހުމަކާ ނުލައި އެމީހުންނަށް ފާރަލައި މީހުންދާ ތަންތަން ބަލަން ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު ދީފައެވެ.

މިއީ އެއާޓެގް ބޭނުންކޮށްގެން ސިއްރުން މީހުންނަށް ފާރަލީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާގެ އިންޑިއާނާގެ އަންހެނަކު އޭނާގެ ލޯބިވެރިޔާއަށް ފާރަލުމަށް ފަހު އޭނާ މަރާލާފައިވާ އިރު، އެ ފިރިހެން މީހާ ހޯދަން އަންހެން މީހާ ބޭނުން ކުރީ އެއާޓެގެކެވެ.

މީގެ އިތުރުން، ކާރު ފަދަ އުޅަނދު ވަގަށް ނަގަން ވެސް އެއާޓެގް ބޭނުން ކުރާ މައްސަލަތައް ފެންމަތިވެފައިވެއެވެ.

އެއާޓެގް މެދުވެރިކޮށް މީހުން ހުއްދައާ ނުލައި އެ މީހުންނަށް ފާރަލުން ހުއްޓުވުމަށް ޓަކައި މިއަހަރުގެ ކުރީކޮޅުން އެޕަލްއިން ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

އޭރު އެޕަލްއިން އާންމުކުރި ބްލޮގް ޕޯސްޓެއްގައި ބުނީ އެއާޓެގް ބޭނުން ކުރާކަން އަންގައިދޭ 'ސޭފްޓީ ވޯނިން' އަޕްޑޭޓް ކުރެވޭނެ އިތުރު ގޮތްތައް ދެނެގަތުމަށް ކަމާ ގުޅޭ ގްރޫޕްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެއާޓެގް ބޭނުންކޮށްގެން މީހަކު ޓްރެކް ކުރާ ކަމަށް ލަފާ ކުރެވޭ ނަމަ ސޭފްޓީ ވޯނިން ވީހާ ވެސް އަވަހަށް، އަޑުގަދަކޮށް ދެވޭނެ ގޮތް ހަދާފައިވެއެެވެ.

ނަމަވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައި ވަނީ އެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް ރައްކާތެރިކަމެއް ލިބިފައިނުވާ ކަމަށެވެ.