09 Apr 2012, 16:00
މެލޭޝިޔާގެ ޓޫރިޒަމްގެ މަތީ ފެންވަރުގެ ވަފުދަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިސޯދު ބިނާވެފައިވާ އެންމެ ބޮޑު ސިނާޢަތަކީ ޓޫރިޒަމްކަން ފާހަގަކުރައްވާ ރައީސް ވަނީ މެލޭޝިޔާގެ ޓޫރިޒަމް އިޝްތިހާރު ކުރަން މެލޭޝިޔަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވެލް އޭޖެންޓްސްގެ ފަރާތުން ކުރާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ. އަދި މެލޭޝިޔާއަށް ޒިޔާރަތްކުރާ ދިވެހިންގެ ޢަދަދު ވަރަށް ގިނަކަން ފާހަގަކުރައްވާ ދެ ޤައުމުގެ މެދުގައި ޓޫރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މެލޭޝިޔާ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ޓޫރިޒަމްގެ މުހިންމު މަންޒިލެއްކަން ފާހަގަކޮށް މެލޭޝިޔަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވެލް އޭޖެންޓްސްގެ ފަރާތުން މިއަހަރު ބާއްވާ ވޯލް އިސްލާމިކް ޓުއަރިޒަމް މާޓަކީ ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކުރަން ރަނގަޅު ފުރްޞަތަކަށް ވެގެންދާނެ ކަމަށް އިޝާރާތް ކުރެއްވި އެވެ.