މި ހާލަތުގައި ސަރުކާރުން ނިންމި ނިންމުންތަކަކީ އިގްތިސާދީ ގޮތުން ދަތި ނިންމުންތަކެއް ނަމަވެސް އޭގެ ފައިދާކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަހައްދުގެ ނައިބު ރައީސް، މާޓިން ރައިސާ މިއަދުވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި ރައިސާ ވިދާޅުވީ ސަރުކާރުން ނިންމި ނިންމުންތަަކަކީ އުނދަގޫ ނިންމުންތަކެއް ކަމަށެވެ. ނަމަވެސް އޭގެ ފައިދާކޮށް ރަނގަޅު ނަތީޖާއެއް ފެނުމަށް އޭނާ އުންމީދުކުރައްވާކަމަށެވެ.

ރައީސް ޞާލިޙް ވަނީ، ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުމަށްފަހު، ރާއްޖޭގެ ކުރިއެރުމަށް އެ ބޭންކުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި ވޯލްޑްބޭންކުގެ ލަފައާ އެއްގޮތަށް އިގްތިސާދީ ގޮތުން ރާއްޖެއިން އެޅި ފިޔަވަޅުތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އިތުރަށް ވާހަަކަދައްކަވަމުން ރައިސާވަނީ، ރާއްޖޭގެ އިގްތިސާދު ބިނާކުރަން ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް ވިދާޅުފައެވެ.

ހަމައެއާއެކު، ކަންޓްރީ ޕާޓްނާޝިޕް ފްރޭމްވޯކްގެ މައްޗަށް އަލިއަޅުވާލައްވައި އެ ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ކަންކަމަށް އަލިއަޅުއްވައިލެއްވިއެވެ.

ހަމައެއާއެކު އެ ބޭންކާއި ރާއްޖެއާ ދެެމެދު އިތުރު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާކޮށްފައިވެއެވެ.