09 Dec 2022, 10:11
ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރާ މެސެޖިން އެޕް ޓެލެގްރާމްއިން ގެނެސްދިން އެންމެ ފަހުގެ އަޕްޑޭޓާއެކު އެއްފަހަރާ ގިނަ ފީޗާތަކެއް ތައާރަފުކޮށްފިއެވެ.
މިދިޔަ އަންގާރަ ދުވަހު ޓެލެގްރާމްއިން އާންމުކުރި އާ ފިޗާތަކުގެ ތެރޭގައި، ސިމް ކާޑެއް ބޭނުންނުކޮށް ޓެލެގްރާމަށް ސައިންއަޕް ކުރުމާއި، ހުރިހާ ޗެޓެއް އޮޓޯ ޑިލީޓް ކުރުމާއި ޓޮޕިކްސް 2.0 އާއި ކޮންޓެކްޓް ޝެއަރިންއަށް ވަގުތީ ކިއުއާރު ކޯޑާއި އައިއޯއެސްއަށް އިމޯޖީ ސާޗް ފީޗާ ހިމެނެއެވެ.
ޓެލެގްރާމް ބޭނުން ކުރާ މީހުންގެ ޕްރައިވެސީ އިތުރަށް ރައްކާތެރިކުރުމުގެ ބޭނުމުގައި، މިހާރު ސިމް ކާޑެއް ނެތި އެ ޕްލެޓްފޯމްގައި އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ސިމް ކާޑް ބޭނުން ކުރަން ބޭނުންނުވާ މީހުންނަށް، ލޮގިން ވުމަށް ބޭނުންވާ އޮޓޮމެޓިކް މޯބައިލް ނަމްބަރެއް ފްރެމްވޯކް ޕްލެޓްފޯމްއިން ނަގައިގެން ބޭނުން ކުރެވޭނެއެވެ.
ހަމައެއާއެކު، ޓެލެގްރާމްއިން ވަނީ ޓޮޕިކްސް ފީޗާ، 100އަށް ވުރެ ގިނަ މެމްބަރުން ތިބޭ ގްރޫޕުތަކުގައި ބޭނުންކުރެވޭ ގޮތް ހަދާފައެވެ. މީގެ ކުރިން އެ ފީޗާ ބޭނުން ކުރެވެނީ 200އަށް ވުރެ ގިނަ މީހުން ތިބޭ ގްރޫޕުތަކުގައެވެ.
ޓޮޕިކްސް ފީޗާއިން، ގްރޫޕެއްގެ ބަޔެއްގެ ވަކި މައުޟޫއަކަށް ހާއްސަ ކުރުމުގެ ބާރު އެ ގުރޫޕެއްގެ އެޑްމިންއަށް ލިބިދޭނެއެވެ.
އެ ފީޗާ މެދުވެރިކޮށް، ޓެލެގްރާމްއިން މައުޟޫއުތައް ހޯދާއިރު ބޭނުންވާ ޗެޓްތައް ފަސޭހައިން ހޯދައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޓެލެގްރާމްގެ އެންމެ ފާހަގަކޮށްލެވޭ އެއް އަޕްޑޭޓަކީ، ފޯނު ނަމްބަރާއި ޕަބްލިކް ޔޫޒަނޭމް ހިއްސާ ކުރުމުގެ ބަދަލުގައި، ވަގުތީ ގޮތުން ބޭނުން ކުރެވޭނެ ކިއުއާރު ކޯޑެއް ފޮނުވައިގެން ޓެލެގްރާމުން ކޮންޓެކްޓް ކުރެވޭނެ ގޮތް ހެދުމެވެ.
މީގެ އިތުރުން، އެ މީހަކު ބޭނުން ނަމަ ހުރިހާ ޗެޓްތަކެއް ވެސް އޮޓޯ ޑިލީޓް ކުރެވޭނެ ގޮތް މިހާރު ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން ޓެލެގްރާމްގެ ސެޓިންސް މެނޫއިން ޔޫޒަރުންނަށް އެމީހުންގެ އޮޓޯ ޑިލީޓް ސެޓިންސް ފުޅާކުރެވޭނެއެވެ. އޮޓޯ ޑިލީޓް ކުރުމަށް ޓައިމަރު ސެޓްކޮށް، ޑިލީޓް ކުރަން ބޭނުންވާ ޗެޓުތައް ފާހަގަކޮށްފައި އޮތުމުން، އެ ގަޑިއެއް ޖެހުމާއެކު ޗެޓުތައް ވަގުތުން ޑިލީޓް ވާނެއެވެ.
މި ފީޗާތަކުގެ އިތުރުން ޓެލެގްރާމްއިން ވަނީ އައިއޯއެސް ޑިވައިސްތަކަށް އިމޯޖީ ސާޗް ތައާރަފުކޮށް، އެންޑްރޮއިޑްއަށް އާ ކަސްޓަމް އިމޯޖީތައް ވެސް ތައާރަފްކޮށްފައެވެ.