މާލޭގައި އެމްޓީސީސީއިން މިނީ ބަހުގެ ޚިދުމަތްދޭ ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެ ކުންފުނިން ގެނައި ބަދަލުތައް އިއުލާނުކުރީ މިއަދެވެ. ނަމަވެސް އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެންނެވެ.

އެގޮތުން އޯކިޑު ރޫޓު (އާރް-10)ގައި ބަސް ހުއްޓާނެ ދެ ތަނެއް މަދުކޮށް، ބަދަލުތަކެއް ގެނެސްފައިވެއެވެ.

އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން އެ ރޫޓުގައި، ވެސްޓުޕާކް ސަރަހައްދުގައި ހުންނަ ސްޓޮޕަށާއި، މަޖީދީ މަގު، ސޯޝަލް ސެންޓަރު ކައިރީ ހުންނަ ރޫޓަށް ވެސް ނުހުއްޓާނެއެވެ.

އެއާއެކު ހަމަ އެ ރޫޓަށް ހަތަރު ބަސް ސްޓޮޕް ވަނީ އިތުރުކޮށްފައެވެ.

އިތުރުކޮށްފައިވަނީ ދަރުމަަވަންތަ ހޮސްޕިޓަލް ކައިރިއަށް ބަސް ސްޓޮޕަކާއި، ކަނބާ އައިސާރަނީ ހިނގުމުން، ސޯޝަލް ސެންޓަރު ކައިރިއަށް ބަސް ސްޓޮޕެކެވެ.

މީގެ އިތުރުން ހަމަ އެ މަގުން އައިޖީއެމް ހޮސްޕިޓަލް ކައިރިއަށް ބަސް ސްޓޮޕެއްގެ އިތުރުން، އަމީނީ މަގުން މާފަންނު ފެރީ ޓާމިނަލް ނުވަަތަ ވިލިމާލެ ފެރީ ޓާމިނަލް ކައިރިއަށް ސްޓޮޕެކެވެ.

އެ ބަދަލުތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު މައިލާން "ސަން"އަށް މިއަދު ވިދާޅުވީ، އެއީ އާންމުންގެ އެދުމުގެ މަތީން ގެނައި ބަދަލުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން މި ބަދަލުތައް ގެނައީ، ކަސްޓަމަރުންގެ ފީޑްބެކާއި، ސަޖެސްޝަންތަކަށް ބެލުމަށްފަހު. އާރް-10އަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބޭނެ ހަގީގަތުގައި،" މައިލާން ވިދާޅުވިއެވެ.

އެ ރޫޓަކީ އަމީނީ މަގުން އޯކިޑު މަގާއި ބޮޑުތަކުރުފާނު މަގާ ގުޅައިދޭ ރޫޓުކަމަށްވުމުން އެ ސަރަހައްދުގައި ހުންނަ ސްކޫލުތަކާއި އޮފީސްތަކާއި ހޮސްޕިޓަލަށް ދާ މީހުންނަށް ރޫޓު ބަދަލުކުރުމުގެ ފަސޭހަ ލިބޭނެކަމަށް މައިލާން ފާހަގަކުރެއްވިއެވެ.

"އެގޮތުން އަޅުގަނޑުމެން ކަނބާ އައިސާރަނި މަގަށް އިތުރުކުރި ސްޓޮޕްތަކާއެކު ހިރިޔާ ސްކޫލާއި، ތާޖުއްދީން ސްކޫލަށް ދާ ދަރިވަރުންނާއި ބެެލެނިވެރިންނަށް ފަސޭހަވާނެ. އަދި އައިޖީއެމްއެޗަށް ދާ ޕޭޝަންޓުންނަށް ވެސް ވަރަށް ފަސޭހަވާނެ،" މައިލާން ވިދާޅުވިއެވެ.

ބަސް ރޫޓުތަކަށް ބަދަލުތަކެއް ގެންނަކަން މީގެ ކުރިން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވެފައެވެ.