ސާކް ހެލްތް ސެކްޓަރީޒްގެ ހަތަރު ވަނަ މަޝްވަރާ ބައްދަލުވުން ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މާދަމާ ފަށާނެ އެވެ. މިއީ ސާކް ގެ ހެލްތް މިނިސްޓަރުންގެ ހަތަރު ވަނަ ކޮންފަރެންސްގެ ކުރިން ބާއްވާ ބައްދަލުވުމެކެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރުންގެ ހަތަރު ވަނަ ބައްދަލުވުމުގެ އެޖެންޑާގައިވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް އެ ބައްދަލުވުމަށް ހުށައެޅުމަށްޓަކައި ގައުމުތަކުން ގޮތްތަކެއް ނިންމާނެ ކަމަށެވެ.

މިފަހަރުގެ މިބައްދަލުވުމުގައި ރާއްޖެއިން ކަރުދާސް ހުށައަޅަނީ ހަތަރު ދާއިރާއަކުންނެވެ. އެއީ ރާއްޖޭ ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ގޮތުންނާއި ނިއުޓްރިޝަނަށާއި ނަރުދަމާ ނިޒާމާއި އިންސާނީ ސިއްހަތު އަދި ސާކުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ނެވެ.

ހެލްތު ސެކްރެޓަރީންގެ ބައްދަލުވުމުގައި 34 މަންދޫބަކު ބައިވެރިވެ އެވެ. ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާނީ ރާއްޖޭގެ ހެލްތް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ގީލާ އަލީ އެވެ.