08 Dec 2022, 20:14
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހެދިކާއާއި ލުއިކާނާ ވިއްކަން ޚާއްސަ ޖާގަތަކެއް ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.
އެޗްޑީސީގެ އިއުލާނެއްގައިވާ ގޮތުން އެކަމަށް އާބަން ޝެކްގެ ނަމުގައި ދޫކުރާނީ ހަތަރު ޖާގައެކެވެ. އެ ޖާގަތައް ދޫކުރާނީ މަހަކަށް 1،500 ރުފިޔާ ދައްކަން ޖެހޭ ގޮތަށް، ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.
އެޗްޑީސީން ބުނީ އެ ތަންތަން ކުއްޔަށް ލިބޭ މީހުން ހޮވާނީ، އެ ކަމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ކަމަށެވެ.
އާބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭގައި ޚިދުމަތް ދޭން ޖެހޭނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އެހެން ނޫންނަމަ އެއްބަސްވުން ބާތިލްކުރާނެ ކަމަށް އެ ކޯޕަރޭޝަނުގެ އިއުލާންގައިވެއެވެ.
ދެން ދޫކުރާނީ ވިޔަފާރި އުސޫލުން، ލުއިކާނާ އާއި އެހެނިހެން ކެއިން ބުއިމުގެ ޚިދުމަތްތައް ދިނުމަށް ޚާއްސަ ޖާގަތަކެކެވެ. މިއީ ވިޔަފާރީތަކަށް ޚާއްސަ ޖާގަތަކަކެވެ.
ހުޅުމާލެގެ ނެއިބަހުޑް ހަޔަކުން ލުއިކާނާއާއި ބުއިންތައް ވިޔަފާރި އުސޫލުން ވިއްކުމަށް ދޫކުރާނީ ހަތަރު އާބަން ކިއޮސްކެވެ.
މި ތަންތަނުން ފެނާއި ކަރަންޓު ލިބޭނެއެވެ. އެ ބޭނުންކުރާނަަމަ އޭގެ ބިލު އަދާކުރަން ޖެހޭނީ އެ ތަން ހިންގާ ވިޔަފާރީންނެވެ.
މި ތަންތަން ވެސް ކުއްޔަށް ދޫކުރާނީ ދެ އަހަރަށެވެ.
މި ކަމާ ގުޅޭ އިތުރު މައުލޫމާތު "ސަން"އާ ހިއްސާކުރަމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ވިދާޅުވީ އެ ޖާގަތައް ދޭނެ ވަކިވަކި ތަންތަން އަދި ކަނޑަނާޅާ ކަމަށެވެ.
"އަޅުގަނޑުމެން އެ ދޭނެ ޕްލޮޓުތައް ވަަރަށް އަވަހަށް އާންމުކުރާނަން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ ހަމަ ހުޅުމާލޭ ފޭސް ދޭއްގެ މިހާރު އެ އިތުރުވާ އާބާދީއަށް ފަސޭހައިން މި ކަން ލިބޭނެ ގޮތެއް ހަދައިދޭން،" މަޝާރު ވިދާޅުވިއެވެ.

މާލޭގައި ގިނަ ބަޔަކު ކުރަމުން ގެންދިޔަ "ގާޑިޔާ" ވިޔަފާރި ހުއްޓުމަކަށް އައިތާ ގިނަ ގިނަދުވަސްތަކެއް ފަހުން ހުޅުމާލެ ފޭސް ޓޫ ގައި ގިނަ ބަޔަކު މިވަނީ މި ކޮންސެޕްޓަށް އަނެއްކާވެސް ވިޔަފާރިތަކެއް ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މިހާރު ވެސް އެކަމަށް ޚާއްސަ ބައެއް ޖާގަތަކުގައި ހެދިކާ ވިއްކައެވެ. އެޗްޑީސީން އެ ތަންތަނުން ވެސް ފީ ނަގައެވެ.
ދެވަނަ ފިޔަވަހީގައި ވެސް މޭޒު ބަހައްޓައިގެން ހެދިކާ ވިއްކުން އާންމެވެ. އެ މަސައްކަތް ކުރާ ގިނަ ބަޔަކަށް ރަނގަޅު އާމްދަނީއެއް ވެސް ހޯދެއެވެ.
"ސަން"އާ މިއަދު ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އޭނާ ގަވައިދުން ދެވަނަ ފިޔަވަހީގައި ހެދިކާ ވިއްކައެވެ. އެ ކަމުން ގާތްގަނޑަކަށް 10،000އާ ގާތްކުރާ އަދަދެއް މަހެއްގެ މައްޗަށް ހޯދެއެވެ.
"މި ކަމަށް ވަރަށް ޑިމާންޑު އޮވޭ. ކޮންމެ ދުވަހަކު ހަވީރު އަޅުގަނޑު ދަނީ ހެދިކާ ހިފައިގެން ފޭސް ޓޫއަށް. އަޅުގަނޑު މި އުޅެނީ ފޭސް ވަންގައި. ކޮންމެ ދުވަހަކު ވެސް ހަމަ ހުރިހާ ހެދިކާއެއް ވިކޭ،" އޭނާ ބުންޏެވެ.
ހުޅުމާލޭގައި އެގޮތަށް ހެދިކާ ވިއްކަން ޖާގަ ދޭން އާންމުން ވަނީ މީގެ ކުރިން އެޗްޑީސީގައި އެދިފައެވެ.