09 Dec 2022, 11:32
އަނަރޫފަ ހަށިގަނޑެއް ހުރި، އުމުރުން 14 އަހަރުގެ އެ ކުއްޖާ ލައިގެން ހުރި ފަޓްލޫނުގެ ފައިކުރީގެ ފުޅާމިނުގައި 14 އިންޗި ހުއްޓެވެ. އޮފީހަށް ދިއުމަށް ފެހި، އަތްދިގު ގަމީހެއް ލައިގެން އޭނާ ގޮސް ވަނީ ސިފައިންގެ ތެރޭގައި އޭރު ހިންގަމުން ދިޔަ ޕަބްލިކް ސޭފްޓީގެ އޮފީހަށެވެ. ހާސްކަންމަތީ ހުރެ އޮފީހަށް ވަނުމުން އޭނާ ގޮސް ވެއްދީ، ޕަބްލިކް ސޭފްޓީގެ ނާއިބު އިލްޔާސް އިބްރާހީމްގެ ކޮޓަރިކޮޅަށެވެ. އިތުރަށް ހާސްވިއެވެ. އެއީ އެއާކޮންޑިޝަން ކޮށްފައިވާ ކޮޓަރިއަކަށް އޭނާ ވަތް ފުރަތަމަ ފަހަރެވެ. މިއީ 1981 ވަނަ އަހަރު ސަރުކާރުގެ ޚިދުމަތް އަޙްމަދު ޝިޔާމް ފެއްޓެވި ހިސާބެވެ.
"އެ ދުވަހު އިލްޔާސް ދެތިން ކަމެއް ފާހަގަ ކުރެއްވި. ވިދާޅުވި ތެދުވެރިވާން ވާނެއޭ، ވަފާތެރި ވާންވާނެއޭ، ދައުލަތުގެ ސިއްރު ހުންނާނެއޭ މި ސިއްރުތައް ހިފަހައްޓަން ވާނެއޭ، އަޅުގަނޑު މި ހަތަރު އަސާސްގެ މައްޗަށް މިވޭތުވެދިޔަ 40 އަހަރު ޚިދުމަތް ކުރީ،" މިމަހު ސަރުކާރުގެ ވަޒީފާއިން ރިޓަޔާ ކުރެއްވި ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އޭނާއާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއެކު-- ފޮޓޯ: ޝިޔާމް
ޅައުމުރެއްގައި ޝިޔާމް ފެއްޓެވީ ބޮޑު މަސައްކަތްތަކެކެވެ. އުފުއްލެވީ ބޮޑު ޒިންމާތަކެކެވެ. ކުށްވެރިންގެ ފައިލްތައް ބެލެހެއްޓުމާއި އޮފީހުގެ ކައުންޓަރުގެ މަސައްކަތްތަކުގެ އިތުރުން ޓްރެފިކް އުސޫލާ ޚިލާފުވާ މީހުން ޖޫރިމަނާކުރުމެވެ. ކުޑަކުއްޖަކު އެވަރުގެ މަސައްކަތްތަކަކުން ފެއްޓުމުގެ ނަތީޖާއަކަށް ވީ ޚިދުމަތުގައި ބާރަށް ކުރިއަށް ދެވުމެވެ. މިނިސްޓްރީ އޮތް ޕަބްލިކް ސޭފްޓީގެ ކާތިބު ކަމުން ޚިދުމަތް ފެއްޓެވި ޝިޔާމް ވަނީ، މިނިސްޓްރީ އޮފް ޑިފެންސް އާއި ވިލިމާލެ ތަރައްގީ ކުރި، ސެލެކްޓަޑް އައިލޭންޑް ޑިވެލޮޕްމަންޓް ޔުނިޓާއި އިންފޮމޭޝަން މިނިސްޓްރީގެ އިތުރުން ޕަބްލިކް ކޮމްޕްލައިންސް ބިއުރޯ އާއި ހޯމް އެފެއާޒާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އިސް މަގާމުތައް ފުރުއްވައިފައެވެ.
އޮފީހުގެ ރަސްމީ މަސައްކަތުގެ ތެރެއިން ވެސް ޝިޔާމަކީ ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ގައުމީ އެކިއެކި މުނާސަބަތުތައް ފާހަގަ ކުރުމަށާއި ހަރަކާތްތައް ހިންގުމަށް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. އޭނާގެ ފާހަގަ ކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 56 ދުވަހުގެ ތެރޭގައި ރާއްޖޭގެ 14 ރަށެއްގައި ޓީވީ ޓަވަރު ޖަހައި ޓްރާންސްމީޓަރު ބަހައްޓައިގެން ޓީވީއެމްގެ ޚިދުމަތް ދިނުމުގެ ޕްރޮޖެކްޓްގެ މެނޭޖަރުކަން ކުރެއްވުން ހިމެނެއެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަކަށް ދަތުރު ކުރައްވައި މީހުންގެ ދިރިއުޅުމާއި އުމްރާނީ ތަރައްގީއާ ބެހޭ ގޮތުން ފޮޓޯ ނެގުމުގެ މަސައްކަތް ވަނީ ކުރައްވައިފައެވެ.

ޝިޔާމް އޭނާގެ ކުރީގެ ވެރިޔާ އިލްޔާސް އިބްރާހީމާއެކު-- ފޮޓޯ: ޝިޔާމް
އޭގެ އިތުރުން ރާއްޖޭގެ އެންމެ ފުރަތަމަ އަދި ދެވަނަ ފިލްމް ފެސްޓިވަލްގެ ހުރިހާ މަސައްކަތްތަކެއްގެ ކޯޑިނޭޓަރެއްގެ ގޮތުގައި އިސްވެ ޝިޔާމް މަސައްކަތް ކުރެއްވިއެވެ. އަދި 2019 ވަނަ އަހަރު ބޭއްވި ނުވަ ވަނަ ފިލްމް އެވޯޑްސްގެ ޑައިރެކްޓަރުކަން ކުރެއްވިއެވެ. ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި ވެސް އުޅުއްވާ ޝިޔާމް ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފުރަތަމަ ދެ އަހަރުގެ އިންތިޚާބު ކޯޑިނޭޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ. އަދި 2005 އިން 2008އާ ދެމެދު ރާއްޖޭގެ މީޑިއާ މިނިވަން ކުރުމަށް ރަސްމީގޮތުން ކުރެވުނު ހުރިހާ މަސައްކަތްތަކެއްގައި އަމަލީ ގޮތުން އޭނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ނޫސްވެރިކަމާއި ލިޔުންތެރިކަމުގައި ވެސް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތައް ވަރަށް ގިނައެވެ. ހަވީރު ނޫހުގައި ލިޔުއްވުމުގެ އިތުރުން ފުރަދާނަ ނޫހާއި އެ ނޫހުގެ މަޖައްލާގައި އަށް އަހަރު ހޭދަކުރެއްވިއެވެ. އަދި ފިޔެސް މަޖައްލާގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަން ކުރެއްވިއެވެ. އޭގެ އިތުރުން ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމްގެ އިތުރުން ސަން އެފްއެމްއާއި ވީޓީވީގައި ވެސް ތަފާތު ޕްރޮގްރާމްތައް ހެއްދެވިއެވެ. އަމިއްލަފުޅު ފޮތްތައް ނެރުއްވުމުގެ އިތުރުން އެހެން ބޭފުޅުންގެ ފޮތްތައް ނެރުއްވުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.

ޝިޔާމް ރައީސް މައުމޫނާ އިންޓަވިއު ކުރައްވަނީ: އޭނާ ވަނީ ނޫސްވެރިކަމަށް ވެސް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި-- ފޮޓޯ: ޝިޔާމް
މަދު ވަސީލަތާއި މަދު މީހުންނާއެކު ރަނގަޅު މާހައުލެއް
އެއީ ކަރުދާހުގައި އަތުން ލިޔެގެން، ލިޔެކިޔުން ބެލެހެއްޓި ޒަމާނެވެ. ކުށެއް ޖެހިއްޖެނަމަ ޖެހެނީ ޓިޕެކްސް ޖަހާށެވެ. އެހާ ގިނަ މަސައްކަތް ކުރަން ޖެހޭ މިނިސްޓްރީގައި ތިބީ އެންމެ 18 މުވައްޒަފުންނެވެ. އެހެންވެ ގިނަ ދުވަސްދުވަހު ހެނދުނު 7:30ގައި ފަށާ އޮފީހުގެ މަސައްކަތް ނިމެނީ ރޭގަނޑު އެތައް ދަމެއްވާ ފަހުންނެވެ. އަނެއްކާ ވެސް ޖެހެނީ ހެނދުނު އޮފީހަށް އަންނާށެވެ. ލިބޭ މުސާރަ ކުޑަވެފައި މަސައްކަތް ބުރައެވެ. ނަމަވެސް ޝިޔާމަށް އޭރުގެ މަސައްކަތު މާހައުލުން ފެނުނީ ވަރަށް އުފާވެރި މަންޒަރެކެވެ.
"އޭރު އޮފީސްތަކުގެ އަޚުލާގަކީ ވަރަށް މުހިންމު ކަމެއް. މީހުން އެކަކު އަނެކަކަށް އިޙުތިރާމް ކުރާނެ. އެކި ކަންކަމުގައި އޮފީހަށް އަންނަ މީހުންނާ ވެސް ވަރަށް އިޙުތިރާމާއި ލޯތްބާއެކު އޭރު މުއާމަލާތް ކުރަމުން އައީ. އޮފީހުގެ އެތެރޭގައި ވެރިންނާއި މުވައްޒަފުންނާ ދެމެދުވެސް ވަރަށް ބޮޑު އެކުވެރި ކަމެއް އޮވޭ،" އޭރުގެ ހަނދާންތައް އާ ކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.
"މަޖާ ވެސް ކުރާނެ. ދިމާވެސް ކުރާނެ. އެކަމަކު އޭރު އެކަން އޮންނަނީ އިޙުތިރާމާއި ލޯތްބާއެކު. ވެރިންނަށް ކުރާ އިޙުތިރާމް އޭރު ވަރަށް ބޮޑު."

ޝިޔާމް އޭނާގެ އޮފީހުގައި: އޭނާ ވަޒީފާއާ ގުޅުނީ އުމުރުން 14 އަހަރުގައި-- ފޮޓޯ: ޝިޔާމް
އެކަކަށް ވުރެން އަނެކަކު ވަޒީފާގެ ގޮތުން ކުރިއަރައި ދިއުމަށް އޭރު އެކަކު އަނެކަކާ ޖައްސާލައިގެން އުޅޭ މަންޒަރެއް ޝިޔާމަކަށް ނުފެނެއެވެ. އޮފީހަށް ސަލާމް ބުނުމާއި ގަޑި ޖެހުމަކީ ވަރަށް މަދުން ނޫނީ ވާ ކަމެއް ނޫނެވެ. މަސައްކަތަށް ފަރުވާ ބެހެއްޓުމާއި ޒިންމާ ނެގުމުގައި އޭރުގެ މުވައްޒަފުންނަކީ ޝިޔާމަށް އަދިވެސް ނަމޫނާއެކެވެ.
"އޭރު ވަޒީފާއަށް އޮންނަ ލޯބި. ދައުލަތަށް ސަރުކާރަށް އޮންނަ ލޯބި ވަރަށް ބޮޑު. ސަރުކާރަށް މީހުން ވަންނަނީ ކިތަންމެ ކުޑަ މުސާރައެއް ލިބުނަސް ސަރުކާރަށް ޚިދުމަތް ކުރުމުގެ ރޫހު ހިތުގައި އޮންނާތީ،" ޝިޔާމް ވިދާޅުވިއެވެ.
ރިޓަޔާ ކުރެއްވިއިރު ފެނުނީ ބޭނުންވި މަންޒަރެއް ނޫން
ސަރުކާރު އޮފީހަކަށް ގުޅުމުން ފޯނު ނުނެގުމާއި ޚިދުމަތް ހޯދަން ދިއުމުން ރަނގަޅަށް މުއާމަލާތް ނުކުރުމާއި އެދޭ ޚިދުމަތް ފަސޭހައިން ނުލިބުމުގެ ޝަކުވާއަކީ މިހާރު އާންމުކަމެކެވެ. ޚިދުމަތެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ.

ޝިޔާމް އިންފޮމޭޝަން އޮފީހުގައި އޭނާއާއެކު މަސައްކަތް ކުރާ ހަސަން ޝާކިރާއެކު-- ފޮޓޯ: ޝިޔާމް
އެހެން އެކަންވާ ސަބަބު ވަރަށް ސާފެވެ. އެ ޚިދުމަތް ދޭން ތިބި މުވައްޒަފުންގެ މައްސަލަތަކެއް އުޅެނީއެވެ. އޮފީހަށް ސަލާމް ބުނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަކަށް މިއަދު ވެއްޖެއެވެ. ރަނގަޅު ޚިދުމަތެއް ދީ ޒިންމާ ނެގުމުގެ މަގުސަދުގައި ވަޒީފާއަށް ދަނީ މަދުބައެކެވެ. ކުރިއާ އަޅާބަލާއިރު ތައުލީމީ ގޮތުން މާ މޮޅެތި މީހުން މިހާރު މަގާމުތަކުގައި ތިބި ނަމަވެސް އެ މީހުންގެ ފަރާތުން ލިބޭ ޚިދުމަތުގައި އެ ކޮލެޓީ ނެތް ކަމުގެ ޝަކުވާ ގިނައެވެ.
ޝިޔާމް ވިދާޅުވާގޮތުގައި މަސައްކަތުގެ މާހައުލަށް މި ބަދަލު އަންނަން ފެށީ ދެހާހުގެ ކުރީކޮޅުން ފެށިގެންނެވެ. މިހާރު ކަންކަން އޮތީ ބޮއްސުންލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގައި ނަމަ އަމިއްލަ އޮފީސްތަކުގެ މުވައްޒަފުންގެ އަޚުލާގު ދަށް ވެފައި ސަރުކާރުގެ މުވައްޒަފުންގެ އަޚުލާގު ރަނގަޅު ކަމަށާއި މިހާރު އެކަން މިއޮތީ އޭގެ އަނެއް ކޮޅަށް ބަދަލުވެފައި ކަމަށް ޝިޔާމް ގަބޫލު ކުރައްވައެވެ.
"ބަދަލުވަމުން ބަދަލުވަމުން އައިސް މިހާރު ވެރިންނަށް އިޙުތިރާމް ކުރުމާއި އޮފީހުގައި އޮންނަ އަޚުލާގު ވަރަށް ބޮޑަށް ނެތިގެން ހިނގައްޖެ،" ޝިޔާމް ވިދާޅުވިއެވެ.

ވަޒީފާގެ ކުރީކޮޅު ޝިޔާމް އޮފީހުގައި: އޭނާ ހަގު އުމުރެއްގައި ބޮޑެތި ޒިންމާތަކެއް ނެންގެވި-- ފޮޓޯ: ޝިޔާމް
ޝިޔާމް ގަބޫލުކުރައްވާގޮތުގައި ސަރުކާރުގެ މުވައްޒަފުންގެ އަޚުލާގީ މިންގަނޑު ދަށަށް ދިޔައީ އެ މީހުން ކުށްކުރުމުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅޭތީއެވެ. އެހެންކަމުން އެކަން ހައްލުވާން އޮތީ ވެރިންނަށް ރަނގަޅު ފިޔަވަޅު އަޅަން ދަސްވެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދައުލަތަށް 40 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރެއްވިއިރު ޝިޔާމަށް އޮފީސްތަކުގެ މާހައުލުން ފެނުނީ ދެކެން ބޭނުންވީ މަންޒަރެއް ނޫނެވެ. އެކަން ރަނގަޅު ކުރުމަށް ޝިޔާމް ގެންދަވަނީ ހިލޭ ސާބަހަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މުއާމަލާތް ކުރުމާއި އިޙުތިރާމް ކުރުމުގެ އަދަބުތަކާ ގުޅޭ ތަމްރީނުތައް ޝިޔާމް އޮފީސްތަކަށް ނަގައިދެއްވައެވެ.
ލައްކަ ތަޖުރިބާއަށް ފަހު މި ޚިދުމަތްތެރިޔާ މިވަނީ ޓައީ ބާލައްވާފައެވެ. ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމާއި ޝަރަފުގެ ބެޖާއެކުގައެވެ. ދެން ބޭނުން ވަނީ ތަފާތު ތަޖުރިބާތަކެއް ކުރާށެވެ. އެގޮތުން ޝިޔާމް ދެން މަސައްކަތް ކުރައްވާނީ އަތޮޅުތެރޭ ރަށެއްގައި ދަނޑުވެރިކަމުގައެވެ. އެ މަސައްކަތަށް އޭނާ ވަޑައިގަންނަވަނީ, އޮފީސްތަކުގެ މަސައްކަތުގެ މާހައުލު މިހާރު އޮތް ގޮތުން، ބަރު ހިތަކާއެކުގައެވެ.