08 Dec 2022, 16:14
މޯލްޑިވްސް ކަރެކްޝަން ސާވިސްގެ އެދުމުގެ މަތިން ކ. މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ބުނެފިއެވެ.
ފުލުހުން އިއްޔެ ބުނީ, މާފުށީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން ޖަލު ބަލައި ފާސްކޮށްދިނުމަށް ކަރެކްޝަންސްއިން ސިފައިންނާއި ފުލުހުންގެ އިދާރާގައި އެދިފައިވާ ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ފެށި އެ އޮޕަރޭޝަން އިއްޔެ މެންދުރު ނިންމާލާފައިވާއިރު ކަރެކްޝަނުން ބުނީ, އެއްވެސް ހަމަނުޖެހުމެއް ނެތި ކާމިޔާބު ކަމާއެކު އޮޕަރޭޝަން ނިންމާލާފައިވާ ކަމަށެވެ.
ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އަތުލާފައިވަނީ ފޯނާއި ސިމްކާޑު އަދި މަސްތުވާތަކެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އަތުލައިގަނެފައިވަނީ ކިހާ އަދަދެއްގެ ސާމާނު ކަމެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ. އަދި ބޮން ހެދުމަށް ބޭނުންކުރާ ސާމާނު އަތުލައިގަނެފައިވާކަމަށް ކުރެވުނު ތުހުމަތަކަށް ވެސް ކަރެކްޝަންސް އިން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޖަލު ތެރޭގައި ހަރުކަށި ފިކުރު ފަތުރައި ޓެރެރިޒަމަށް ހިތްވަރު ދިނުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް މީގެ ކުރިން ފުލުހުން ވެސް ވަނީ ބުނެފައެވެ. އަދި ޖަލަށް މަނާތަކެތި ވައްދައި ސްކޭމް ކުރުމުގެ އަމަލުތައް ހިންގުން ގިނަ ކަން ވެސް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން ޖަލުތަކަށް ވެއްދުން މަނާ ތަކެތި ވައްދަން މަސައްކަތްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޕްރިޒަން ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު، އެކަން ހައްލުކުރުމަށް ޓަކައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ޖަލުތަކުން ކުށްވެރިން ކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ޓަކައި ޖަލުގައި ޖޭމަރުތައް ހަރުކުރި ނަމަވެސް އޭގެ އެދެވޭ ނަތީޖާ ނުފެންނަ ކަމަށް ސީޕީ އަހުމަދު ވަނީ ވިދާޅުވެފައެވެ.