ބާލިން (8 ޑިސެންބަރު 2022): ޖަރުމަނަށް އިންގިލާބެއް ގެނެސްގެން ވެރިކަން ބަދަލުކުރަން މަސައްކަތް ކުރަމުންދިޔަ ހަރުކަށި ޖަމާއަތެއްގެ ބަޔަކު ހައްޔަރުކޮށްފިކަން އެގައުމުން ހާމަކޮށްފިއެވެ. ޖަރުމަނުގެ ފުލުހުން ބުނިގޮތުގައި މިޖަމާއަތުގެ ނަމަކީ "ރައިޚް ސިޓިޒެން މޫމެންޓް" އެވެ.

ޖަރުމަނު ބަހުން ރައިޚް އަކީ ރަސްކަމެވެ. ނުވަތަ އެމްޕަޔާ އެވެ. ޖަރުމަނު ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރުމުގެ ކުށުގައި މިޖަމާއަތުގެ 25 މީހަކު މިހާރުވަނީ ހައްޔަރުކޮށްފައެވެ. ޖަރުމަނުގެ ޖަސްޓިސް މިނިސްޓަރު މާކޯ ޝުޓޫޑްގާޑު ވިދާޅުވިގޮތުގައި އެގައުމުގެ ފުލުހުން ގެންދަނީ މިޖަމާއަތަށް ނިސްބަތްވާ މީހުން ހޯދައި ހައްޔަރުކުރުމަށްޓަކައި އެގައުމުގެ 11 ސްޓޭޓެއްގައި އަމަނާބެހޭ ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގައި އަތްފުނާ އަޅަމުންނެވެ. މިހާތަނަށް 300އަށް ވުރެ ގެއާއި އިމާރާތް ބަލައި ފާސްކޮށް 25 މީހުން ހައްޔަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝޫޓްޑްގާޑު ވިދާޅުވިގޮތުގައި މިޖަމާއަތުން ރާވާފައިވަނީ ހަތިޔާރު ބޭނުންކޮށްގެން ޖަރުމަނުގެ ޕާލަމެންޓަށާއި ސަރުކާރާއި ދައުލަތުގެ ބައެއް މުއައްސަސާތަކަށް ހަމަލާދީ އެތަންތަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ޖަރުމަނުގެ ވެރިކަން ވައްޓާލައި އެމީހުންގެ ވެރިކަމެއް ގާއިމްކުރިކަން އިއުލާނު ކުރުމަށެވެ.

މިދިޔަ އެޕްރީލް މަހު ވެސް ޖަރުމަނުގައިވަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ޖަމާއަތެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ. މިޖަމާއަތުގެ ނަމަކީ "ޔުނައިޓެޑް ޕެޓްރިއޮޓް ގްރޫޕް" އެވެ. މިޖަމާއަތާއި އެޖަމާއަތާ ދެމެދު ގުޅުންއޮތްކަން ނުވަތަ ނޫންކަން އަދި ނޭނގެއެވެ.

ޖަރުމަނުގެ ޖާސޫސީ އިދާރާ ބުނާގޮތުން އެގައުމުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމަށް ތުހުމަތުކުރެވޭ "ރައިޚް ސިޓިޒެން މޫމެންޓް" އަކީ ކަނާތު ފިޔައިގެ ޓެރަރިސްޓް ޖަމާއަތެކެވެ. މިޖަމާއަތުގައި އިސް އަމީރަކާއި ހަނގުރާމަވެރިންނާއި ކޮމާންޑަރުން ތިބި ކަމަށާއި އެމީހުންގެ ގުދަންތަކުގައި ގިނަ އަދަދެއްގެ ހަތިޔާރުވެސް ހުރިކަމަށާއި ހަނގުރާމަވެރިން ތަމްރީންތައްވެސް ފުޅާދާއިރާއެއްގައި ހަދަމުން ގެންދާކަމަށް ޖަރުމަނުގެ ޖާސޫސީ އިދާރާ ބުނެއެވެ.

ޖަރުމަނުގެ މީޑީއާ ބުނާގޮތުން މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނުގެ ފުލުހުން އެގައުމުގެ ސަލާމަތަށްޓަކައި ހިންގާ އެންމެ ބޮޑު އޮޕަރޭޝަނެވެ. މި އޮޕަރޭޝަންގައި ޖަރުމަނުގެ ސިޔާސީ ޕާޓީއެއްގެ އިސްވެރިއަކާއި ޕާލަމެންޓްގެ ކުރީގެ މެންބަރެއްވެސް ހައްޔަރުކުރިކަން ޖަރުމަނުގެ މީޑިއާއިން ކަށަވަރުކޮށްދެއެވެ.

މިޖަމާއަތުގެ މެންބަރުން ދެކޭ ގޮތުގައި ޖަރުމަނަކީ މިހާރު ޔަހޫދީ ބާރުތަކާއި ފްރީމޭސަން އާއި އެމެރިކާގެ އަޅުވެތިކަމުގެ ދަށުގައިވާ ގައުމެކެވެ. އެހެންކަމުން މިފަރާތްތަކުގެ ކިބައިން ޖަރުމަނުވަނީ މިނިވަންކުރަން ޖެހިފައެވެ. އަދި ޖަރުމަނުގެ އަސްލު ސަރަހައްދަކީވެސް ފުރަތަމަ ބޮޑު ހަނގުރާމައިގެ ކުރިން ޖަރުމަނުގެ ބިން އޮތް ސަރަހައްދުކަމަށް މިޖަމާއަތުން ދެކެއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގާ އިނގިރޭސީންނާއި ފަރަންސޭސީންގެ އަތްދަށުން ޖަރުމަނު ބަލިވުމުން އެދެގައުމު އިސްކޮށް އޮވެގެން ޖަރުމަނަށް އަދަބުދީ ޖަރުމަނުގެ ގިނަ ބިންތަކެއް އަތުލައި ޖަރުމަނު ވަރަށްބޮޑަށް ނިކަމެތިކޮށްލިއެވެ. މިކަން ކޮށްފައިވަނީ މަޝްހޫރު "ވާސައިލްސް" އެއްބަސްވުމުގެ ދަށުންނެވެ.

ދެވަނަ ބޮޑުހަނގުރާމައަށް ހިޓްލަރުގެ ޒައާމަތުގައި ޖަރުމަނު ތައްޔާރުވާންފެށީ މިއެއްބަސްވުމުގެ ދަށުން ޖަރުމަނު ނިކަމެތިކޮށް ޖަރުމަނުގެ ހައްގުތައް ނިގުޅައިގަތުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އެހެންކަމުން "ރައިޚް ސިޓިޒެން މޫމެންޓް" އަކީ ހިޓްލަރުގެ ހަރުކަށި ނާޒީ ވަތަނީ ފިކުރަށް ނިސްބަތްވާ ޖަމާއަތެއްކަމަށްވަނީ ޝައްކު ކުރެވިފައެވެ.