08 Dec 2022, 13:04
ލީމާ (8 ޑިސެންބަރު 2022): ލެޓިން އެމެރިކާގެ ގައުމެއްކަމަށްވާ ޕެރޫ ގެ ސިޔާސީ މަސްރަހަށް އައި ކުއްލި ބަދަލުތަކެއްގައި ރައީސް ޕެޑްރޯ ކާސްޓިލޯ މަގާމުން ދުރުކޮށް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ނައިބު ރައީސް ރައީސްކަމާ ހަވާލުވެވަޑައިގެންފިއެވެ.
ރައީސް ޕެޑްރޯ އަށް ތާއީދުކުރާ ފަރާތްތަކުން މިކަން ސިފަކޮށްފައިވަނީ ނައިބު ރައީސް ފަހަތުގައި ހުންނަވައިގެން ޕާލަމެންޓާ ގުޅިގެން ގައުމަށް ގެނައި މަދަނީ ބަޣާވާތެއްގެ ގޮތުގައެވެ. ނައިބު ރައީސް ޑިނާ ބޮލުއާޓް އަކީ އަންހެން ބޭފުޅެކެވެ. މިއީ ޕެރޫގެ ރައީސްކަމަށް އަންހެން ބޭފުޅަކު އިސްވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ޕެރޫގެ ނައިބު ރައީސް ޑިނާ ބޮލުއާޓް، ރައީސްކަމުގެ ހުވާ ކުރައްވަނީ
ޕޭރޫގެ ސިޔާސީ މަސްރަހު ކުއްލިގޮތަކަށް ގޯސްވީ ޕާލަމެންޓުން ރައީސް ޕެޑްރޯ މަގާމުން ދުރުކުރަން (އަޒުލުކުރަން) އުޅުމުގެ ސަބަބުންނެވެ. ރައީސްކަމުން ޕެޑްރޯ އަޒުލުކުރަން ޕާލަމެންޓުން މަސައްކަތްކުރާކަން އެނގިވަޑައިގެން ޕެޑްރޯވަނީ އޭނާއަށް ލިބިފައިވާ ރިޔާސީ ބާރުގެ ދަށުން ޕާލަމެންޓް އުވާލިކަން ރަސްމީ ސިފައެއްގައި އިއުލާނުކުރައްވާފައެވެ. މިކަން ބަޣާވާތަކަށްވާކަމަށް ބެލެވެނީ ޕެޑްރޯ އަޒުލުކުރުމަށް ޕާލަމެންޓުން ނިންމީ ޕާލަމެންޓް އުވާލިކަން ޕެޑްރޯ ރަސްމީކޯށް އިއުލާނު ކުރެއްވުމަށްފަހުގައި ކަމަށްވާތީއެވެ.
މިކަމާބެހޭގޮތުން އިއްޔެ ރައްޔިތުންނަށް ދެއްވި ޚިތާބެއްގައި ޕެޑްރޯ ވިދާޅުވީ ރިޔާސީ ބާރުގެ ދަށުން ޕާލަމެންޓް އުވާލައްވައިފި ކަމަށާއި އައު ޕާލަމެންޓެއް އިންތިޚާބުކުރުމަށް ތާރީޚެއް ކަނޑައަޅާނެކަމަށެވެ. މިމުއްދަތުގައި ވެރިކަންކުރާނީ ރިޔާސީ އަމުރުތަކާއެކު ހިންގާ އިންތިގާލީ ސަރުކާރަކުންނެވެ. ޕެޑްރޯ މަގާމުން ދުރުކުރުގެ ވޯޓު ޕާލަމެންޓުން ނަގާފައިވަނީ ޕެޑްރޯގެ ރިޔާސީ ޚިތާބަށްފަހުގައެވެ.
ނަމަވެސް ޕެރޫގެ ޕާލަމެންޓްވަނީ ރައީސް ގެ މިނިންމުމަށް ތަބާނުވެ ޖަލްސާއެއް ބާއްވައި ރައީސް މަގާމުން ދުރުކުރުމަށް ބޭނުންވާ ވޯޓު ނަގައި ރައީސް މަގާމުން ދުރުކުރިކަން އިއުލާނުކޮށްފައެވެ. މިއާއެކު ފުލުހުންވަނީ ރިޔާސީ ގަނޑުވަރަށް ގޮސް ރައީސް ޕެޑްރޯ ހައްޔަރުކޮށްގެން ފުލުހުންގެ މައި މަރުކަޒަށް ގެންގޮސްފައެވެ. ރައީސް ޕެޑްރޯ މިހާރު ހުންނެވީ ފުލުހުންގެ މައި މަރުކަޒުގައި ކަން ޕެރޫގެ ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ.
ޕެޑްރޯ ހުންނެވިކަމަށްވަނީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށްވިޔަސް އޭނާ ހުންނެވީ ހައްޔަރުކޮށްފައިކަން ފުލުހުންކަށަވަރުކޮށެއް ނުދެއެވެ. ޕެޑްރޯ ހުންނެވިކަމަށްވަނީ ބިޑި ނާޅުވައެވެ. ޕެރޫގެ ފުލުހުން ބުނިގޮތުގައި ރައީސް ޕެޑްރޯ އަކީ މިހާރު އެގައުމުގެ ރައީސެއް ނޫނެވެ. އޭނާއަކީ ކުރީގެ ރައީސެވެ. ކުރީގެ ރައީސަށް ދޭ ހިމާޔަތް ޕެޑްރޯއަށް ދޭކަމަށް ފުލުހުން ބުނެއެވެ.
ޕެރޫގެ ޕާލަމެންޓު ބުނާގޮތުން ރައީސް ޕެޑްރޯގެ މަގާމުން އަޒުލުކުރަންޖެހުނީ އޭނާ ދުސްތޫރާ ޚިލާފުވެވަޑައިގަތުމުންނެވެ. ދުސްތޫރާ ޚިލާފުވެވަޑައިގަތީ އަމިއްލަ ފައިދާއަށްޓަކައި ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކެއްގެ މަސައްކަތް ކްރިމިނަލް ޖަމާއަތަކާ ހަވާލުކުރުމުގެ ފަހަތުގައި ޕެޑްރޯ ހުންނެވުމުގެ ސަބަބުންނެވެ. މިއާއެކު ޕެރޫގެ ޕްރޮސެކިއުޓާ ވަނީ މިމައްސަލައިގެ ތަހުގީގަށް ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ހުރަސްއަޅުއްވާކަމުގެ ތުހުމަތު ޕެޑްރޯގެ މައްޗަށް ކުރައްވާފައެވެ.
ނަމަވެސް ރައީސް ޕެޑްރޯ މިތުހުމަތުތަކަށް ވަރަށް ބޮޑަށް އިންކާރު ކުރައްވައެވެ. މިފަދަ އަޑުތައް ޕާލަމެންޓާއި ޕްރޮސެކިއުޓާ ފަތުރަކީ އޭނާ މަގާމުން ދުރުކުރުމުގެ ބޭނުމުގައިކަމަށާ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑަށް ރާވައިެގން ޕޭޑްރޯވަނީ ރައްޔިތުންނަށް ދެއްވި ޚިތާބުގައި ތުހުމަތު ކުރައްވާފައެވެ.
ނައިބު ރައީސް ޑިނާ ބޮލުއާޓް ރައީސްކަމުގެ ހުވާކުރެއްވީ ޕާލަމެންޓްގެ ރުހުމާއެކު ޕާލަމެންޓްގެ ރައީސްގެ ކުރިފުޅުމަތީގައެވެ. ޑިނާ ރައީސްކަމުގެ ހުވާކުރެއްވުމާއެކު ރައީސް ޕެޑްރޯއަށް ތާއީދުކުރާ އާންމުންވަނީ މަގުތަކަށް ނުކުމެ އޭނާ އަލުން އަނބުރައި ރައީސްކަމަށް ގެނައުމަށް ގޮވާލައި ވަރަށް ވަރުގަދައަށް މުޒާހަރާ ކުރަންފަށާފައެވެ. އެމީހުން ބުނާގޮތުން ރައީސް ޕެޑްރޯ މަގާމުން ދުރުކުރީ "ބަޣާވާތަކުން" ނެވެ.
ޕެރޫގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން ޕެޑްރޯ އެގައުމުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. އުމުރުން 53 އަހަރުގެ ޕެޑްރޯއަކީ ވާތުފިޔައިގެ ފިކުރުގެ ބޭފުޅެކެވެ. ނަމަވެސް ޕާލަމެންޓުގެ ބޮޑު އަޣްލަބިއްޔަތު އޮންނަކީ ކަނާތުފިޔައިގެ ފިކުރުގެ އިދިކޮޅު ފަރާތްތަކަށެވެ.