09 Apr 2012, 15:29
ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓްލްކޯ އާއި ޖަރުމަނާއި ޑެންމާކުންގެ ދެކުންފުންޏަކުން އުފައްދާފައީ ކޮންސޯޓިއަމް، "މޭން ސެމްކޯ" އިން ކުރިއަށް ގެންދާ ފޯތް ޕަވާ ޕްރޮޖެކްޓްގެ ދަށުން ބަހައްޓާ ދެ އިންޖީނު އަންނަ މަހުގެ ބޭނުން ކުރަން ފަށާނެ ކަމަށް ސްޓްލެކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް، އަދި އިންޖީނިއާ އިބްރާހިމް ރައޫފް ވިދާޅުވީ މާލެއިން މިހާރަކަށް އައިސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެން ދިމާވަނީ މާލެއަށް ބޭނުންވާ ވަރަށް ސްޓްލެކޯގައި ކެޕޭސިޓީ ނެތި، ގިނައިން ކަރަންޓް ބޭނުންކުރަން ފެށުމުން ލޯޑްބޮޑުވާތީ ކަމަށާއި ފޯތް ޕަވާ ޕްރޮޖެކްޓްގެ ދަށުން ބަހައްޓާ އަށް މެގަވޯޓްސްގެ ދެ އިންޖީނުގެ ބޭނުން ކުރަން ފެށުމުން އެ މައްސަލަ ހައްލުވާނެ ކަމަށެވެ.
"މިހާރަކަށް އައިސް ތަންކޮޅެއް އަވަސް އަވަހަށް ކަރަންޓް ކެނޑެން މިދިމާވަނީ ހޫނު ގަދަ ވުމާ ވެސްއެކު ކަރަންޓް ބޭނުންކުރާ މިންވަރު މައްޗަށް ގޮސްގެން. ލޯޑް ބޮޑުވުމުން އަޅުގަނޑުމެންގެ އަތުގައި އެވަރަށް ކަރަންޓް ފޯރުކޮށްދެވޭކަށް ނޯވެ، އެހެންވެ ލޯޑް ކުޑަކުރުމަށް މާލޭގެ އެކި އެކި ސަރަހައްދުން ދޭތެރެ ދޭތެރެ އިން ކަރަންޓް މިކަނޑާލަން ޖެހެނީ،" ރައޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިމަހުގެ 21 ގައި އާ ދެ އިންޖީނު ޓެސްޓަކަށް ހިންގަން ފަށާނެ ކަމަށާއި އެ ދެ އިންޖީނު ސްޓެލްކޯއިން ކަރަންޓް ފޯރުކޮށްދޭ މައި ނެޓްވޯކަށް ގުޅާލެވޭނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭރުވެސް ހުންނާނީ ޓެސްޓް ކުރުމުގެ މަރުހަލާގައި ކަމަށާއި އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިމި ޖޫން މަހުގެ ކޮންޓްރެކްޓް ސްޓެލްކޯއާ ހަވާލުކުރުމުން މާލެއަށް ދިމާވާ ކަރަންޓްގެ މައްސަލަ މުޅިން ހައްލު ވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަރަންޓް ފޯރުކޮށްދިނުމަށް ކުރިން ސްޓެލްކޯގައި 38 މެގަވޯޓްގެ ކެޕޭޝިޓީއެއް ހުއްޓާ ސްޓެލްކޯގެ ދެ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން މިހާރު ކަރަންޓް ބޭނުންކުރަމުން އަންނަނީ ޑިމާންޑަށްވުރެ ދަށް ކެޕޭސިޓީއެއްގަ އެވެ. މުޅި މާލެއަށް 39 މެގަވޯޓްގެ ކަރަންޓް ފޯރުކޮށްދޭން ޖެހޭ ކަމަށް ސްޓެލްކޯގެ ރެކޯޑްތަކުން ދައްކަ އެވެ. އަދި އަލަށް ބަހައްޓާ ދެ އިންޖީނާ އެކު 48 މެގަވޯޓް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.