ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައި ވާތީ، އެ އިންތިހާބުގެ ކަންކަން ބަލައި ދިރާސާ ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަން ކޮމިޓީއެއް އުފައްދައިފި އެވެ.

އިއްޔެ މެންދުރުގެ ވަގުތެއްގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، އިންތިހާބުގެ ކަންކަން ބަލައި ދިރާސާ ކުރުމަށް ނެގި ތިން މެންބަރުންނަކީ އިންސްޕެކްޓަ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ހުސެއިން އާލިމް ޝަކޫރާއި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީގެ މެމްބަރު އަބްދުﷲ ޝާއިރެވެ.

އެފްއޭއެމްގެ އިސް އޮފިސަލަކު ވިދާޅުވީ، ތިން މެންބަރުންގެ ކޮމެޓީއެއް އެކުލަވާލީ އިންސާފުވެރި އިންތިހާބެއް ބެއްވުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ މަގާމުތަކަށް، މަންދޫބުންގެ ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވެސް އެފްއޭއެމްގެ ފުރިހަމަ މެމްބަރުންނަށް އާއްމުކޮށް ހުޅުވާލައިފައިވާ ކަމަށް އޭނަ ބުންނެވެ.
އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމުގެ ކުރިން މިހާރު ވެސް، އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފަ އެވެ. އަދި އިލްހާމާ އެކު އެފްއޭއެމުގެ ނާއިބް ރައީސްކަމަށް ކުރިމަތިލައްވަނީ ރައްޔިތުންގެ މަޖީލިހުގެ ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

އެފްއޭއެމްގެ ރައީސްކަން އިލްހާމް އަހުމަދަށް ލިބިއްޖެ ނަމަ އޭނާގެ ޖެނެރަލް ސެކްރެޓަރީއަކަށް ވާނީ އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނަރު އަބުދުލް ހަމީދު އަބުދުލްޣަފޫރު (އައްޑޯ) ކަމަށް އިލްހާމްގެ ކެމްޕޭން ޓީމުން ވެސް ވަނީ ބުނެފަ އެވެ.

އެހެންނަމަވެސް މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަންތޯ ސަން އިން ދެންނެވި ސުވާލަކަށް މިހާރުގެ ރައީސް އަލީ އާޒިމް އަދި ވިދާޅުވެފައި ވަނީ، އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން އަވަސް ކަމަށެވެ. އެކަމަކު އާޒިމްގެ ނާއިބަކަށް ހުންނެވި ވެލެންސިއާގެ ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވައިފަ އެވެ.